ކުރިއަށް އޮތް ދެއަހަރު ދުވަހުގެ ތެރޭގައި ފަސްދޮޅަސް ރިސޯޓު ތަރައްޤީކުރެވި، ދައުލަތަށް 3.3 ބިލިއަން ރުފިޔާލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ދެއަހަރު ދުވަހުގެ ތެރޭގައި ކުރެވިފައިވާ އަދި ކުރެވެމުން އަންނަ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، ފާއިތުވި ދެ އަހަރުގެ ތެރޭގައި ރިސޯޓުގެ ހެދުމަށް ދޫކުރި ރަށްތަކާއި ފަޅުތަކުގެ އަދަދު 60 އަށް އަރާނެކަމަށެވެ. އެއީ ގާތްގަނޑަކަށް ދެ ބިލިއަން ޑޮލަރުގެ އަގުބޮޑު އިންވެސްޓްމަންޓް ކަމަށާއި، އެތަންތާނގެ މަސައްކަތް ނިންމާ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ޚިދުމަތް ދޭން ފެށޭނެ ކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި އެ ތަންތަނުން ޚިދުމަތް ދޭން ފެށުމާއެކު ދައުލަތަށް 3.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާއިރު، މިތަންތަނުން ޖުމްލަ ހަތާވީސް ހާސް ވަޒީފާ އުފެދިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ނުވަދިހަ ހަތަރުހާސް ވަޒީފާ އުފެއްދުމަކީ ރައީސްގެ އަމާޒެކެވެ. މީގެ އިތުރުން ސަރުކާރުގެ އަމާޒަކީ އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރައްވައި، ދަތުރުވެރިންގެ ޢަދަދު ދެގުނަ އިތުރު ކުރުންކަން ފާހަގަކުރައްވާ ރައީސް ވަނީ އެމަސައްކަތް ކުރުމަށްޓަކައި ބޭނުންވާ ކުރެހުންތަކާ ހުރިހާ ފީޒިބިލިޓީގެ މަސައްކަތެއް ނިމިފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެއަރޕޯޓުގެ ފަސޭހަކަން 2018 ވަނަ އަހަރު ނިމުމުގެ ކުރިން ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުން ކުރިއަށް ގެންދާ ބޮޑެތި މަޝްރޫއުތަކަށް ބައްލަވާލައްވަމުން ރައީސް ޔާމީން ވިދާޅުވީ ހުޅުލެއާއި މާލެއާ ދެމެދު އަޅުއްވާ ބްރިޖުގެ މަސައްކަތް ކުރާނެ ކުންފުނި ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ކަނޑައެޅި، 2018 ވަނަ އަހަރުގެ ތެރޭގައި ބްރިޖު ހުޅުވޭނެ ކަމަށް.ހުޅުމާލެ ޔޫތު ސިޓީއާ ބެހޭ ގޮތުން ރައީސް ޔާމީން ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވައްސަކީ ޒުވާނުންގެ ސިޓީ ކަމަށާއި، މިއީ ޒުވާނުންނަށް ވަޒީފާ އާއި ވިޔަފާރީގެ ފުރުޞަތުތައް ހުޅުވާލުމަށް ސަރުކާރުގެ ވިސްނެވުން ދައްކުވައިދޭ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ.ތަޢުލީމީ ދާއިރާއާއި ޞިއްޙީ ދާއިރާގެ މަސައްކަތްތަކަށްވެސް ތަފްޞީލްކޮށް ރައީސްގެ ވާހަކަފުޅުގައި ބައްލަވާލައްވާލެއްވިއެވެ. ވިދާޅުވީ، ފާއިތުވެދިޔަ، ދެ އަހަރުގެ ތެރޭގައި ތަޢުލީމީ ދާއިރާއަށް ބޭނުންވާ 48 ޢިމާރާތެއް ނިންމާފައިވާ ކަމަށެވެ.ޞިއްޙީ ދާއިރާގެ 169 ޕްރޮޖެކްޓެއްގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށާއި، ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް، އައިޖީއެމްއެޗް ތަރައްޤީކުރެއްވުމުގެ މަސައްކަތް ހިނގަމުންދާތީ އެމަސައްކަތް ނިމުމުން އެތަނަށް ބޮޑު ބަދަލެއް އަންނާނެކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ރައީސް ޔަމީންގެ މެނިފެސްޓޯގައި ހިމެނޭ އެއް ވަޢުދުކީ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ސަރުކާރުގެ ބޭސް ފިހާރަ ޤާއިމްކުރެއްވުމެވެ. މި މަޝްރޫއާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ މިހާރު ރާއްޖޭގެ ކޮންމެ ރަށެއްގައި ސަރުކާރުގެ ބޭސް ފިހާރަ ހުންނާނެ ކަމަށާއި، 185 ރަށުގައި މި ޚިދުމަތް މިހާރު ލިބެން ހުންނާނެ ކަމަށެވެ. މިދިޔަ ދެ އަހަރުގެ ތެރޭގައި ނުވަ ރަށުގެ ފެނުގެ މަސައްކަތް ނިމި ފަސް ރަށެއްގައި މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ، 15 ރަށެއްގެ ނަރުދަމާގެ މަސައްކަތް ނިމިފައިވާއިރު 10 ރަށުގައި މިމަސައްކަތް ކުރިއަށްދާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ވާހަކަފުޅުގައި ވަނީ ހައްދުންމަތީ ބޮޑު މަގު ނުވަތަ ލިންކު ރޯޑުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ނިމޭނެ ކަމަށް ވިދާޅުވެފައެވެ.