ޚަބަރު

އދ.ދިއްދޫގައި އަޅާ ވޮލީ ކޯޓުގެ މަސައްކަތް ނިމިއްޖެ


އދ.ދިއްދޫގައި އަޅާ ވޮލީ ކޯޓްގެ މަސައްކަތް ނިމިއްޖެއެވެ.

މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ދިއްދޫއަށް ކުރެއްވި ދަތުރުގައި އެރަށުގެ ޒުވާނުންގެ އެންމެ ބޮޑު އެދުމަކަށްވީ ރަށުގައި ހަދާފައިވާ ވޮލީ ކޯޓް މަރާމާތުކޮށްދިނުމެވެ. ވޮލީ ކޯޓުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ޔޫތު މިނިސްޓްރީއާއި އދ.ދިއްދޫ ކައުންސިލް ގުޅިގެންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އދ.ދިއްދޫ ކައުންސިލްގެ ރައީސް ހުސެއިން ޔޫސުޕް ވިދާޅުވީ މިފަދަ ކޯޓެއް ރަށުގައި އެޅިގެން މިދިޔައީ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް އާއި ރަށުގެ ޒުވާނުންގެ ވަރަށް ބޮނޑު އެހީތެރިކަމާއެކުގައިކަމަށެވެ. އެގޮތުން ޔޫތު މިނިސްޓްރީއިންވަނީ ވޮލީ ކޯޓް ގައި އެޅުމަށް ކާޕެޓް ހަދިޔާކޮށްފައެވެ. ވޮލީ ކޯޓްގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ ކައުންސިލްއިން އިއުލާންކޮށް، ބަޔަކާއި ހަވާލުކޮށްގެންނެވެ. މި ވޮލީ ކޯޓުގައި ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެންވަނީ ރޮސްޓްރަމްއެއްވެސް ހަދާފައެވެ. 50 މީހުންނަށް ތިބެވޭގޮތަށް ހަދާފައިވާ މިރޮސްޓްރަމްއަކީ ކޯޓްގައި ވޮލީ މުބާރާތްތައް ބޭއްވިގެންދާއިރު، ވަޑައިގަންނަވާ ބޭފުޅުންނަށް ފަސޭހައިން ތިބޭވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ހަދާފައިވާ ރޮސްޓްރަމްއެއްކަމަށް ހުސެއިން ޔޫސުފް ވިދާޅުވިއެވެ. އަދި މިކޯޓް ބޭނުން ކުރުމުގައި އެންމެންވެސް ސަމާލުކަން ދިނުމަށާއި ކޯޓަށް ގެއްލުންވާފަދަ އެއްވެސް ކަމެއް ނުކުރުމަށް ކައުންސިލްގެ ރައީސް ހުސެއިން މުހައްމަދުވަނީ އިލްތިމާސްކޮށްފައެވެ.