ޚަބަރު

މަރުޙަލާތަކަށް ބަހާލައިގެން ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އީރާނުން ދެކޮޅު


އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް މަރުޙަލާތަކަކަށް ބަހާލައިގެން އުވާލުމަށް އީރާނުން އެއްބަސްނުވާކަމަށާއި ހުރިހާ ފިޔަވަޅެއް އުވާލަން ޖެހޭނީ އެއްފަހަރާކަމަށް އީރާނުން ބުނެފިއެވެ. އީރާނުގެ ޚާރިޖީ ވުޒާރާއިން އެހެން ބުނީ އަންނަ ހަފުތާގެ ތެރޭގައި ނިއުކްލިޔަރ އެއްބަސްވުމުގެ ބައިވެރިންނާއެކު އޮސްޓުރިޔާގެ ވެރިރަށް ވިއެނާގައި ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

2015ވަނަ އަހަރުގެ ތެރޭގައި ދުނިޔޭގެ ބާރުތަކާއިއެކު އީރާނުން ސޮއިކުރި އެއްބަސްވުމުގެ ދަށުން އީރާނުގެ ނިއުކުލިޔަރ ހަކަތަ އުފެއްދުމަށް ކުރާ މަސައްކަތްތައް މަދުކުރުމުގެ ބަދަލެއްގެ ގޮތުން އެ ޤައުމާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށްވަނީ އެއްބަސްވެފައެވެ. އެ އެއްބަސްވުމުގައި ޗައިނާއާއި އެމެރިކާއާއި އިނގިރޭސިވިލާތާއި ރަޝިޔާއާއި ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތާއި ވިލާތުގެ އިއްތިޙާދުންވަނީ ބައިވެރިވެފައެވެ. ނަމަވެސް 2018ވަނަ އަހަރުގެ ތެރޭގައި އެމެރިކާއިންވަނީ އެ އެއްބަސްވުމުން ވަކިވެ، އީރާނާއި ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އޭގެ ސަބަބުން އީރާނުންވަނީ އެއްބަސްވުމާއި ޚިލާފަށް ބައެއް ކަންތައްތައް ކުރަން ފަށައިފައެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަންވަނީ އެމެރިކާއިން ނިއުކްލިޔަރ އެއްބަސްވުމުގައި އަލުން ބައިވެރިވާނީ އީރާނުން އެ އެއްބަސްވުމަށް ފުރިހަމައަށް ޢަމަލުކުރަން ފެށުމުންކަމަށް ވިދާޅުވެފައެވެ.

އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތައް މަރުޙަލާތަކަށް ބަހާލައިގެން އުވާލުމަށް އެ ޤައުމުން ބޭނުންނުވާކަމަށް އީރާނުން ބުނީ ވިއެނާގައި ބާއްވާ މަޝްވަރާތަކުގައި ޙައްލެއް ހޯދުމަށް މަސައްކަތްކުރުމަށް ފަރަންސޭސިވިލާތުން ގޮވާލައިފައިވަނިކޮށެވެ. އެމެރިކާއިން އަލުން އެއްބަސްވުމުގައި ބައިވެރިވުމާ ގުޅޭގޮތުން އިންޓަނެޓު މެދުވެރިކޮށް އީރާނާއި ޗައިނާއާއި ރަޝިޔާއާއި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތާއި އިނގިރޭސިވިލާތުންވަނީ މި މަހުގެ 2ވަނަ ދުވަހު މަޝްވަރާކޮށްފައެވެ.

އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒާރިފާ ގުޅުއްވާ ފަރަންސޭސިވިލާތުގެ ޚާރިޖީ ވަޒީރު ޖޮން-ޔީވް ލު ދުރިއޮންވަނީ އެއްބަސްވުމާ ޚިލާފަށް ޢަމަލުކުރުން ހުއްޓައިލުމަށް އީރާނަށް ގޮވާލައްވައިފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ބާއްވާ މަޝްވަރާތަކުގައި އެމެރިކާއާއެކު ހަރުދަނާ މަޝްވަރާތަކެއް ކުރުމަށް އީރާނާށްވަނީ ބާރުއަޅައިފައެވެ. ހަރުދަނާ މަޝްވަރާތަކެއް ކުރެވިއްޖެނަމަ އެއްބަސްވުމާ އެއްގޮތަށް ފުރިހަމައަށް ޢަމަލުކުރުމަށް ކުރަންޖެހޭ ކަންކަން ދެނެގަނެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.