ޚަބަރު

ހުއްދަތައް ނުލިބި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބެހެއްޓުމަށް ބޮޑެތި ހުރަސްތަކެއް


އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބެހެއްޓުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން އެންމެފަހުގެ ތަފްސީލްތަކާއި ގުޅޭ މައުލޫމާތު ޕީއެސްއެމް ނިއުސްއާއި ހިއްސާކުރައްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިޚާބުގެ ތައްޔާރީތައް ވަރަށްބާރަށް ކުރިއަށްދާ ކަމަށެވެ. ނަމަވެސް ބައެއް ކަންކަމުގައި ދަތިތަކެއް ކުރިމަތިވަމުން އަންނަކަން ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ރާއްޖެއިން ބޭރުގައި ވޯޓުފޮށިތައް ބެހެއްޓުމުގައި މިހާރު ސުވާލުތަކެއް އުފެދިފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ. އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުންދިޔައީ ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކުން ލިބެންޖެހޭ ހުއްދަތައް ލިބުމުން ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާ ދެ ޤައުމަށް ގޮސް ކޮމިޝަނުން ބޭނުންކުރާ އޮފިޝަލުން ތަމްރީންކޮށް ދުރާލައި ތައްޔާރުވުމަށް ކަމަށެވެ. ނަމަވެސް ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކުން ލިބެންޖެހޭ ހުއްދަތައް ނުލިބި މިމަސައްކަތް ހުއްޓިފައިވާ އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިއީ ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓުމަށް ކުރަމުންދާ މަސައްކަތަށް އެޅިފައިވާ ވަރަށްބޮޑު ހުރަހެއްކަމަށެވެ. މިކަމުގައި މިހާރުވެސް މަޝްވަރާ ކުރަމުންދާކަމަށާއި، ނަމަވެސް މިހާތަނަށްވެސް ކަމާއިބެހޭ ފަރާތްތަކުން ދޭންޖެހޭ ހުއްދަތައް ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ޝަރީފް ފާހަގަކުރެއްވިއެވެ.

މިފަހަރުގެ އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ އިންޑިޔާ އާއި ސްރީ ލަންކާގައެވެ. ލަންކާގައި 4 ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، އިންޑިޔާގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ އެއްފޮޓެވެ.

ރާއްޖެއިން ބޭރުގައި ދިވެހިން ގިނައިން އުޅެމުންދާ ޤައުމުތަކުގެ ތެރެއިން މެލޭޝިއާ އާއި އިނގިރޭސި ވިލާތުގައިވެސް ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރައްވާފައިވެއެވެ. ނަމަވެސް ކޯވިޑް-19 އާއި ގުޅިގެން އެޤައުމުތަކުގެ ސަރުކާރުތަކުން އެހުއްދަ ނުދިނުމާއި ގުޅިގެން އެޤައުމުތަކުގައި ވޯޓުފޮށި ނުބެއްހެއްޓޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.