އާޖެންޓީނާގެ ރައީސް އަލްބަރުތޯ ފަރުނަންދޭސަށް ކޯވިޑް-19 ޖެހިއްޖެއެވެ. އޭނާއަށް ކޯވިޑް-19 ޖެހިފައިވާކަން ޓުވިޓަރގައި އޭނާވަނީ ވިދާޅުވެފައެވެ.
މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ރަޝިޔާގެ ސްޕަޓުނިކު ފަހެއް ވެކްސިން ޖެއްސެވި ފަރުނަންދޭސް ވިދާޅުވީ ހުމުގެ އަސަރު ކޮންމެވެސް ވަރަކަށް ހުރި ނަމަވެސް ޙާލުކޮޅު ރަނގަޅުކަމަށެވެ. އަދި އޭނާ މިހާރު ހުންނެވީ އެކަހެރިވެވެޑައިގެންކަމަށްވެސް ވިދާޅުވިއެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި އެންމެންވެސް ދެމި ތިބުމަށް އޭނާ ބާރުއެޅުއްވިއެވެ.
ސްޕަޓުނިކު ފަހެއް އުފެއްދި ރަޝިޔާގެ ގަމާލެޔާ އިންސްޓިޓިއުޓުން ބުނީ ކޯވިޑް-19އާ ދެކޮޅަށް މީހުން ރައްކާތެރިކުރުމުގައި ވެކްސިންގެ ކާމިޔާބީގެ ނިސްބަތަކީ 91.6 އިންސައްތަކަމަށެވެ. ވެކްސިން ޖެހިފަހުން ބަލި ޖެހުނު ނަމަވެސް ޙާލު ދެރަނުވެ ވަރަށް އަވަހަށް ބަލިން ފަސޭހަވާނެކަމުގެ ޔަޤީންކަން އެ މަރުކަޒުން ދެއެވެ.
ދުނިޔޭގެ ގިނަ ޢަދަދެއްގެ އިސްވެރިންނަށް މީގެ ކުރިންވަނީ ކޯވިޑް-19 ޖެހިފައެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންއާއި ފަރަންސޭސިވިލާތުގެ ރައީސް އެމަނުއަލް މެޚްރޮންއާއި ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދާއި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަންޕު ހިމެނިވަޑައިގަންނަވައެވެ. މިދިޔަ މަހުގެ ތެރޭގައި ޕާކިސްތާނުގެ ރައީސް ޑރ. ޢާރިފު ޢަލްވީއާއި އެ ޤައުމުގެ ބޮޑުވަޒީރު އިމްރާން ޚާނަށްވެސްވަނީ ކޯވިޑް-19 ޖެހިފައެވެ.