ވިޔަފާރި

އެންމެ ގިނައިން ފަތުރުވެރިން ގެންނަ އެއަރލައިންތަކުގެ ތެރޭގައި އިންޑިއާގެ އެއަރލައިންތައް


ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއަރލައިންތަކުގެ ތެރޭގައި އިންޑިއާގެ އެއަރލައިންތައް ހިމެނޭކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެންމެ ގިނައިން ފަތުރުވެރިން ގެންނަ އެއަރލައިންތަކުގެ ތެރޭގައި އިންޑިއާގެ އެެއަރލައިންތައް ހިމެނޭއިރު، މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީވެސް އިންޑިއާއިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުތުވެރިންގެ ތެރެއިން %23.2 އާއިއެކު މާކެޓްގެ އެންމެ ކުރީގައި އުޅޭނީ އިންޑިއާއެވެ.

އިންޑިއާގެ ގިނަ އެއަރލައިންތަކަކުން ރާއްޖެއަށް މިހާރު ދަތުރުކުރަމުން އަންނައިރު ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އިންޑިއާގެ އިންޑިގޯ އެއަރލައިންއަކީ އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި 2 ވަނަ އެއަރލައިނެވެ. އިންޑިގޯއިން މިއަހަރުގެ މާރޗް މަހުގެ މިހުގެ ނިޔަލަށް ރާއްޖެއަށް 620 ދަތުރުވަނީ ކޮށްފައެވެ. މި ދަތުރުތަކުގައި ރާއްޖެއަށް ޖުމްލަ 38،918 ފަތުރުވެރިން ވަނީ އައިސްފައެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި އެއަރލައިންގެ 2 ވަނައިގައި އިންޑިގޯ އުޅޭއިރު މި ލިސްޓުގެ 3 ވަނައިގައި އުޅެނީ އިންޑިއާގެ ގޯއެއަރއެވެ. ގޯއެއަރއިން ރާއްޖެއަށް 596 ދަތުރު ކޮށްފައިވާއިރު މި ދަތުރުތަކުގައި 35،751 ފަތުރުވެރިން ވަނީ އައިސްފައެވެ. މީގެއިތުރުން އެެއަރ އިންޑިއާއިންވެސް ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވެއެވެ. މާރޗް މަހުގެ ނިޔަލަށް އެއަރ އިންޑިއާއިން ރާއްޖެއަށް 56 ދަތުރު ވަނީ ކޮށްފައެވެ. އަދި އެ އެއަރލައިނުން ރާއްޖެއަށް 2196 ފަތުރުވެރިން ވަނީ އައިސްފައެވެ.

މިހާރު ރާއްޖެއަށް އެއް ޤައުމަކުން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ އިންޑިއާއިންނެވެ. މިއާއެކު ސަރުކާރުން ދަނީ އިންޑިއާގައި ރާއްޖެ އިޝްތިހާރުކޮށް އެޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރު ކުރުމަށް މަސައްކަތްކުރަމުންނެވެ. ސަރުކާރުން ވަނީ އަހަރު ނިމޭއިރު އިންޑިއާއިން ރާއްޖެއަށް 3 ލައްކަ ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައެވެ.

ކޯވިޑް19ގެ ކުރިން އިންޑިއާއަކީ ރާއްޖެއަށް 5 ވަނައަށް އެންމެ ގިނައަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. ނަމަވެސް ކޯވިޑް19 އަށްފަހު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމަކަށް އިންޑިއާވުމުގެ ސަބަބުތައް ގިނައެވެ. އޭގެތެރޭގައި 2019 ވަނަ އަހަރު އިންޑިއާއާއި ރާއްޖެއާއި ދެމެދު ޤާއިމްކުރި ބައިލެޓްރަލް ވިސާ ފްރީ އެގްރިމަންޓާއި، ކޯވިޑް19ގެ ޕެންޑަމިކްގެ ތެރޭގައި އިންޑިއާއާއި ރާއްޖެއާއި ދެމެދު ޤާއިމްކުރާ "އެއަރ ޓްރެވެލް ބަބުލް"ގެ ސަބަބުންވެސް އެ ޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.