ކުޅިވަރު

މެންޗެސްޓަރ ސިޓީ އާއި ލެސްޓަރ ސިޓީގެ މެޗް މެންޗެސްޓަރ ސިޓީ ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގެ ޕޮއިންޓް ތާވަލްގެ އެއްވަނައިގާ އުޅޭ މެންޗެސްޓަރ ސިޓީ އާއި ލެސްޓަރ ސިޓީ ބައްދަލުކުރިމެޗް މެންޗެސްޓަރ ސިޓީ ކާމިޔާބުކޮށްފިއެެވެ. ލެސްޓަރގެ ދަނޑުގައި ކުޅުނު މިމެޗް ސިޓީ ކާމިޔާބުކުރީ 2 ލަނޑު ސުން ލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީންނެވެ. ނަމަވެސް މިމެޗްގައި ލެސްޓަރއިން ޑިފެންޑް ކުރަމުން ދިޔަލެއް ރަނގަޅު ކަމުން ސިޓީއަށް ފުރަތަމަ ހާފްގައި ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެެވެ. މިމެޗްގެ ކުރީކޮޅު ސިޓީއަށް ލަނޑެއް ކާމިޔާބު ކުރެވުނު ކަމަށް ހީވި ނަމަވެސް ފެނާންޑީނިއޯ ފޮނުވާލި ހަމަލާ ލެސްޓަރ ގޯލަށް ވަން އިރު ސަރޖިއޯ އަގުއެރޯ ލެސްޓަރގެ ކީޕަރ ކެސްޕަރ ޝޫމައިކަލް ކުރިމަތީ އޮފް ސައިޑްގައި ހުރުމުން އެލަނޑު ލަނޑަކަށް ބަލާފައެއް ނުވެއެވެ.

މިމެޗްގައި ސިޓީން އެޓީމްގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗްގެ 58 ވަނަ މިނެޓްގައި ބެންޖަމިން މެންޑީ ޖަހާދިން ލަނޑަކުންނެވެ. އަދި ދެވަނަ ލަނޑު މެޗްގެ 74 ވަނަ މިނެޓްގައި ޖަހާދިނީ ގެބްރިއަލް ޖޭސުސްއެވެ. މިއީ މިސީޒަންގައި ސިޓީން ކާމިޔާބުކުރި 105 ވަނަ ލަނޑެވެ. މިމެޗްގައި ލެސްޓަރއިން އެންމެ ބޭނުންވި ކުޅުން ނުދެއްކުނު ނަމަވެސް އެޓީމުންވަނީ ދޭތެރެ ދޭތެރެއިން ލިބުނު ހުސް ފުރުސަތުތަކުގައި ސިޓީގެ ގޯލަށް ނުރައްކާ ކުރެވޭތޯ މަސައްކަތް ކޮށްފައެވެ.

މިކާމިޔާބީއާއެކު ސިޓީ މިވަނީ ޕްރިމިއަރ ލީގު ކާމިޔާބު ކުރުމާއި ވަރަށް ގާތަށް ޖެހިލާފައެވެ. އެގޮތުން ބާކީ އޮތް ހަތް މެޗުން ލީގު ކާމިޔާބު ކުރުމަށްޓަކައި ސިޓީއަށް ބޭނުންވަނީ އެގާރަ ޕޮއިންޓެވެ. އެހެންކަމުން މިފަހަރު ޕްރިމިއަރ ލީގު ސިޓީން ކާމިޔާބު ކުރާނެކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ހާމަކުރިގޮތުގައި އޭނާގެ ޓީމް ލީގު ކާމިޔާބު ކުރުމާ މިހާރު މިވަނީ ވަރަށް ގާތްވެފައެވެ. އަދި ޕްރިމިއަރ ލީގުގެ ޗެމްޕިއަނުންނަކީ ލިވަޕޫލް ކަމަށާއި ނަމަވެސް ލިވަޕޫލް އަތުން ޗެމްޕިއަންކަން އަތުލުމާ ސިޓީ ވަރަށް ގާތް ވެއްޖެކަމަށް ސިޓީގެ ކޯޗު ހާމަކުރިއެވެ. ގާޑިއޯލާ ހާމަކުރިގޮތުގައި އޭނާ މިސީޒަން ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމަށާއި ކުޅިބެލުންތެރިންނާއި ނުލާ މުޅި ސީޒަން ނިންމާލާއިރު އޭނާގެ ކުޅުންތެރިންގެ ފަރާތުން މިމެޗްގައިވެސް ވަރަށް ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ކަމަށެވެ.

ސިޓީން މިހާރު 31 މެޗް ކުޅެފައިވާއިރު މިހާތަނަށްވަނީ 74 ޕޮއިންޓް ލިބިފައެވެ. އަދި އެންމެ ގާތުން ވާދަކުރާ މެންޗެސްޓަރ ޔުނައިޓެޑާއި ސިޓީއާ ދެމެދު މިހާރު 17 ޕޮއިންޓްގެ ފަރަގެއް އެބަހުއްޓެވެ. ނަމަވެސް ޔުނައިޓެޑް ދެމެޗް މަދުން ކުޅެފައިވުމުން މިފަރަގު 11 ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތު ޔުނައިޓެޑަށް އެބައޮތެވެ.

މިމެޗުން ބަލިވި ލެސްޓަރ އުޅެނީ ކުޅުނު 30 މެޗުން ލިބިފައިވާ 56 ޕޮއިންޓާއެކު ތާވަލްގެ 3 ވަނައިގައެވެ. މިމެޗުން ބަލިވިނަމަވެސް މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުން ޖާގަހޯދުމުގެ ފުރުސަތު އަދިވެސް ލެސްޓަރއަށް އެބައޮތެވެ.