ކުޅިވަރު

ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ފަސް ވަނައަށް ޓީސީ ސްޕޯޓްސް


ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަތުން 2-0 އިން މޮޅުވެ, ޓީސީ ސްޕޯޓްސް ކްލަބް ލީގުގެ ފަސް ވަނައަށް ޖެހިލައިފިއެވެ.

މެޗު ފެށިގެން 15 ސިކުންތު ތެރޭގައި ޔުނައިޓެޑް ވިކްޓްރީގެ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި ޓީސީގެ ބިދޭސީ ފޯވާޑް ސެމިއުލް ކޯޑެލް ދިން ބޯޅައަކުން އެ ޓީމުގެ ކެޕްޓަން މުހައްމަދު އައްޒާމް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އޭގެ ދެ މިނިޓް ފަހުން އޭރިއާ ބޭރުން އައްޒާމް ފޮނުވާލި ޝޮޓެއް ޔުނައިޓެޑް ވިކްޓްރީގެ ކީޕަރު ނާޖިހު އަލީ ވަނީ މަތަކޮށްފަ އެވެ.

ޔުނައިޓެޑް ވިކްޓްރީއަށް ލީޑުނަގައިދޭން ނިޒާމް އާއި ޒުވާން ކުޅުންތެރިޔާ އަހުމަދު ބައްސާމް މުހައްމަދު (ބައްކު) އަށް ލިބުނު ރަނުގެ ފުރުސަތުތައް ބޭނުމެއް ނުކުރެވުނެވެ. ޔުނައިޓެޑް ވިކްޓްރީގެ ކިރްގިސްތާން މިޑްފީލްޑަރު އަނަޓޯލީ ވްލަޝީޗޭފް ހިލޭ ޖެހުމަކުން ނަަގައިދިން ބޯޅަ އެ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ބޮލުން ހުސްކޮށްލާފައި ނިޒާމްއަށް ދިން ބޯޅަ އޭނާ ބޮލުން ފޮނުވާލިއިރު, އަމާޒުވީ ހުރަސްދަނޑިއަށެވެ.

މެޗުގެ 31 ވަނަ މިނިޓުގައި ލިބުުނު ފެނެލްޓީއަކުން ޓީސީ ވަނީ ލީޑްނަގާފައެވެ. އޭރިއާބޭރުން ޓީސީގެ އަބްދުލްވާހިދު (ވާޑު) ޖެހި ޝޮޓް ކީޕަރު ނާޖިހު އަތުގައި ޖެހިފައި ރީބައުންސްވި ވަގުތު ޓީސީގެ ސެމިއުލްއަށް އެ ބޯޅަ ލިބުމުގެ ކުރިން އޭނާ އަށް ޔުނައިޓެޑް ވިކްޓްރީގެ އަހުމަދު ވިސާމް (ޖެރާޑް) ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އައްޒާމް ވަނީ ކާމިޔާބުކޮށްފައެވެ.

ދެވަނަ ހާފްގެ ކުޅުން ފަށައިގެން ހަތަރު ވަނަ މިނިޓްގައި ޓީސީން ވަނީ އައްޒާމްގެ ގޯލުން ލީޑުފުޅާކޮށްފައެވެ. ޔުނައިޓެޑް ވިކްޓްރީގެ ފަހަތުން ވިސާމް އަތުން ގެއްލުނު ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ އައްޒާމް ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ. ޔުނައިޓެޑް ވިކްޓްރީއަށް އިތުރު މައްސަލަތައް ކުރިމަތިވީ މެޗުގެ 76 ވަނަ މިނިޓްގައި ދެ ވަނަ ރީނދޫ ކާޑާ އެކު ވިސާމަށް ރަތް ކާޑު ދެއްކުމުންނެވެ.

މެޗަށް ނުކުތްއިރު ލީގުގެ ހަތް ވަނައިގައި އޮތް ޓީސީ ފަސް ވަނަ އަށް ޖެހިލީ 11 މެޗުން 12 ޕޮއިންޓް ލިބިގެންނެވެ. ހަ ވަަނައިގައި އޮތް ކްލަބް އީގަލްސް އަށް ވެސް 10 މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު, ޓީސީ އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.