ޚަބަރު

ޓިގުރައި ސަރަޙައްދުގައި ހިންގާފައިވާ ޖަރީމާތައް ބަލަން ޖެހޭ: ޖީ7


އިތިއޯޕިއާގެ ޓިގުރައި ސަރަޙައްދުގައި ހިންގާފައިވާ އިންސާނީ ޙައްޤުތަކާ ޚިލާފު ޖަރީމާތައް ބަލައި ތަޙްޤީޤު ކުރުމަށް އެމެރިކާއާއި ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތް ހިމެނޭ ގޮތަށް ޖީ7ގެ ޤައުމުތަކުން ގޮވައިލައިފިއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އިތިއޯޕިއާގެ އަސްކަރިއްޔާއިންވަނީ ޓިގުރައިގައި ސަރަޙައްދީ ވެރިކަން ކުރަމުންދިޔަ ޓިގުރައި ޕީޕަލްސް ލިބަރޭޝަން ފްރަންޓު ޓީޕީއެލްއެފުއާ ކުރިމަތިލާ، ޓީޕީއެލްއެފުގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުތައް މައި ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމަށް މަސައްކަތް ކޮށްފައެވެ. އޭގެ ސަބަބުން އެތައް ހާސް މީހުން މަރުވެ ގިނަ ޢަދަދެއްގެ މީހުންގެ ގެދޮރުވަނީ ގެއްލިފައެވެ. ކާބޯތަކެއްޗާއި ބޭސްފަދަ ތަކެތި ހޯދުމުގައި ރައްޔިތުންދަނީ ގިނަ ދަތިތަކާ ކުރިމަތިލަމުންނެވެ.

ޖީ7ގެ ޤައުމުތަކުން ނެރުނު ބަޔާނެއްގައި ބުނީ ޓިގުރައި މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކުން ޙަމަލާ ބަދަލުކުރުން ހުއްޓާލައި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރަންޖެހޭ ކަމަށެވެ. އަދި އިންސާނީ ހައްޤުތަކާއި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޤަވާއިދުތަކަށް ހުރިހާ ފަރާތަކުންވެސް އިޙްތިރާމު ކުރަންޖެހޭކަމަށް އެ ބަޔާނުގައިވަނީ ބުނެފައެވެ. ޓިގުރައިގައި ހިންގާފައިވާ ޖަރީމާތައް މިނިވަންކަމާއި ދެފުށް ފެންނަ ގޮތަށް އިންސާފުވެރިކަމާއެކު ތަޙްޤީޤުކުރުމުގެ މުހިންމުކަމަށްވެސް އެ ބަޔާނުގައިވަނީ އަލި އަޅުވާލައިފައެވެ. އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތައް ކޮށްފައިވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭކަމަށްވެސް އެ ބަޔާނުގައިވަނީ ބުނެފައެވެ.

މިދިޔަ ހަފުތާގެ ތެރޭގައި އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަޙުމަދުވަނީ އެރިޓްރިއާއިން އިތިއޯޕިއާގެ ސަރަޙައްދަށް ފޮނުވާފައިވާ ފައުޖުތައް އަނބުރާ ގެންދިޔުމަށް އެ އެރުތުރިއާއިން އެއްބަސްވެފައިވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް އިތިއޯޕިއާއަށް އެއްވެސް ފައުޖެއް ފޮނުވާފައިވާކަމަށް އަރުތީރިއާއިން ދެކޮޅު ހަދައެވެ.

ޖީ7ގެ ޤައުމުތަކުގެ ބަޔާނުގައި ބުނީ އިތިއޯޕިއާގައި ތިބި އެރިޓްރިއާގެ ފައުޖުތައް އެއްވެސް ޝަރުތަކާ ނުލާ، ވީ އެންމެ އަވަހަކަށް އަނބުރާ ދާން ޖެހޭކަމަށެވެ. އަދި ޞައްޙަ އިންތިޚާބެއް ބާއްވައި އިތިއޯޕިއާއަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ޙައްލެއް ހޯދުމަށް އިތިއޯޕިއާގެ ރައްޔިތުން ހިތްހަމަޖެހޭފަދަ ސިޔާސީ ޙައްލެއް ހޯދަންޖެހޭކަމަށްވެސް އެ ބަޔާނުގައިވަނީ ބުނެފައެވެ.