ޚަބަރު

ވިއެނާގައި ބާއްވާ ބައްދަލުވުންތަކުގައި އެމެރިކާއާއެކު މަޝްވަރާއެއް ނުކުރާނަން: އީރާން


2015ވަނަ އަހަރު ދުނިޔޭގެ ބާރުތަކުން އީރާނާއެކު ސޮއި ކުރި ނިއުކްލިޔަރ އެއްބަސްވުމުގެ ބައިވެރިންނާއެކު އޮސްޓްރިއާގެ ވިއެނާގައި އަންނަ ހަފުތާގައި ބާއްވާ މަޝްވަރާތަކުގައި އެމެރިކާއާ ބައްދަލު ނުކުރާނެކަމަށް އީރާނުން ބުނެފިއެވެ.

2015ވަނަ އަހަރުގައި ދުނިޔޭގެ ބާރުތަކާއިއެކު އީރާނުން ވެފައިވާ "ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން"ގެ ދަށުން އީރާނުގެ ނިއުކުލިޔަރ މަސައްކަތްތައް މަދުކުރުމުގެ ބަދަލެއްގެ ގޮތުން އެ ޤައުމާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށްވަނީ އެއްބަސްވެފައެވެ. އެ އެއްބަސްވުމުގައި އެމެރިކާ، އިނގިރޭސިވިލާތް، ރަޝިޔާ، ޖަރުމަނުވިލާތް، ފަރަންސޭސިވިލާތް، ވިލާތުގެ އިއްތިޙާދު އަދި ޗައިނާއިންވަނީ ބައިވެރިވެފައެވެ. ނަމަވެސް 2018ވަނަ އަހަރުގެ ތެރޭގައި އެމެރިކާގެ ވެރިކަމާއި ރައީސް ޑޮނަލްޑް ޓްރަމްޕު ޙަވާލުވެވަޑައިގަތުމަށްފަހު އެމެރިކާއިންވަނީ އެ އެއްބަސްވުމުން ވަކިވެ، އީރާނާއި ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

އޭގެ ސަބަބުން އީރާނުންވަނީ އެއްބަސްވުމާއި ޚިލާފަށް ބައެއް ކަންތައްތައް ކުރަން ފަށައިފައެވެ. އެމެރިކާގެ އައު ރައީސް ޖޯ ބައިޑަންވަނީ އެމެރިކާއިން ނިއުކްލިޔަރ އެއްބަސްވުމާ އަލުން ގުޅޭނީ އީރާނުން އެ އެއްބަސްވުމާއި އެއްގޮތަށް ފުރިހަމައަށް ޢަމަލުކުރާނަމަ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ފުރަތަމަ ފިޔަވަޅު އަޅަންޖެހޭނީ އެމެރިކާގެ ފަރާތުންކަމަށް އީރާނުންދަނީ ބުނަމުންނެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ރަސްމީ ވެބުސައިޓުގައި ބުނީ އީރާނުން ބައިވެރިވާ އެއްވެސް ބައްދަލުވުމެއްގައި އެމެރިކާއިން ބައިވެރިނުވާނެކަމަށެވެ. އެގޮތުން ނިއުކުލިޔަރ އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި ބާއްވާ ބައްދަލުވުމުގައިވެސް އެމެރިކާއިން ބައިވެރި ނުވާނެކަމަށް އެ ވެބްސައިޓުގައިވަނީ ބުނެފައެވެ. އެއްބަސްވުމުގައި ބައިވެރިވެފައިވާ އެހެން ޤައުމުތަކުން އެމެރިކާއާ ބައްދަލުކޮށް މަޝްވަރާތައް ބޭއްވުމަކީ އެ ޤައުމެއްގެ ނިންމުމެއްކަމަށްވެސް އެ ބަޔާނުގައިވަނީ ބުނެފައެވެ.