ޚަބަރު

އެމެރިކާ އޮތީ ޔުކްރެއިނާ އެކު: ރައީސް ބައިޑަން


ރަޝިޔާއާއި ޔުކްރެއިނާ ގުޅޭ ސަރަޙައްދީ ރޮނގުގައި ދެ ޤައުމުގެ އަސްކަރިއްޔާގެ ދެމެދުގައި ހިންގަމުންދާ ކުރިމަތިލުންތަކުގައި އެމެރިކާއިން ތާޢީދު ކުރާނީ ޔުކްރެއިނަށްކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ. އޭނާ އެހެން ވިދާޅުވީ ޔުކްރެއިނުގެ ރައީސް ވްލަޑިމީރު ޒެލެންސްކީއާ ފުރަތަމަ ފަހަރަށް ފޯނުން ގުޅުއްވާ ވާހަކަ ދައްކަވަމުންނެވެ.

ޔުކްރެއިންގެ ރައީސަށް ބައިޑަން ގުޅުއްވާފައިވަނީ ރަޝިޔާގެ ފައުޖުތަކާއި ޔުކްރެއިންގެ އަސްކަރިއްޔާއާ ދެމެދު ކުރިމަތިލުންތައް ހިންގަމުންދާ ދޮންބާސް ސަރަޙައްދުގައި ރަޝިޔާގެ އަސްކަރިއްޔާގެ ޙަރަކާތްތައް އިތުރުކޮށްފައިވާކަން ފާހަގަކޮށް ހުޅަނގުގެ ޤައުމުތަކުންނާއި ނޭޓޯއިން ކަންބޮޑުވުން ފައުޅުކޮށްފައި ވަނިކޮށެވެ.

50 މިނެޓަށް ދެމިގެންދިޔަ ފޯނު ކޯލުގައި ޔުކްރެއިނުގެ އިސްތިޤުލާލު ރައްކާތެރިކުރުމަށް އެމެރިކާއިން އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ބައިޑަންވަނީ ދެއްވާފައެވެ. އަދި ޔުކްރެއިނުން އެކަނި ރަޝިޔާއާ ކުރިމަތިލުމަށް ދޫކޮށް ނުލާނެކަމަށްވެސް ބައިޑަން ވިދާޅުވިއެވެ.

2014ވަނަ އަހަރުގެ ތެރޭގައި ރަޝިޔާއިންވަނީ ޔުކްރެއިނުގެ ބައެއްކަމުގައިވާ ކުރައިމިއާ އެ ޤައުމުގެ ބާރުގެ ދަށަށް ގެނެސްފައެވެ. ޔުކްރެއިނާއި ހުޅަނގުގެ ޤައުމުތަކާއި ނޭޓޯއިންވަނީ ރަޝިޔާއިން ބަރު ހަތިޔާރާއި އަސްކަރީ ފައުޖުތައް ދޮންބާސްއަށް ފޮނުވަމުންދާކަމުގެ ތުހުމަތުކޮށްފައެވެ. ދޮންބާސްގައި ހިންގާ ކުރިމަތިލުންތައް އިތުރުވެއްޖެނަމަ ޔުކްރެއިނަށް ބޮޑެތި ގެއްލުންތައް ވާނެކަމަށް ބުނެ ނޭޓޯގެ ފައުޖުތައް އެ ސަރަޙައްދަށް ނުފޮނުވުމަށް ރަޝިޔާއިންވަނީ އިންޒާރު ދީފައެވެ.