ޚަބަރު

އައިސީސީއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފި


އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު އައިސީސީގެ ޕްރޮސެކިއުޓަރާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފިއެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަންޕުގެ ސަރުކާރުން އައިސީސީގެ ޕުރޮސެކިއުޓަރު ފަތޫ ބެންސޫދާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅީ އެމެރިކާގެ ސިފައިން އަފްޣާނިސްތާނުގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާފައި ވޭތޯ ބެލުމަށް އައިސީސީން ނިންމުމާ ގުޅިގެންނެވެ. އެމެރިކާއިން އޭރު ބުނީ އައިސީސީގެ ނިންމުމުގެ ސަބަބުން އެ ޤައުމުގެ އިސްތިޤުލާލަށް އަސަރު ކުރާކަމަށެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބެންސޫދާއާ ހިމެނޭ ގޮތަށް އައިސީސީގައި މަސައްކަތްކުރާ ބައެއް ފަރާތްތަކާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި އެމީހުންގެ މުދާ ހިފަހައްޓާ، އެމެރިކާއަށް ދަތުރުކުރުން މަނާކުރުން ހިމެނެއެވެ. އައިސީސީން އޭރު ބުނީ އެ ފިޔަވަޅުތަކަކީ އިންސާފު ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ކުރާ މަސައްކަތާއި ޤާނޫނުތަކާއި ޤަވާއިދުތަކާ ޚިލާފަށް އަޅާފައިވާ ފިޔަވަޅުތަކެއްކަމަށެވެ.

މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި އެމެރިކާގެ ހިންގުމާ ޙަވާލުވި އައު ސަރުކާރުންވަނީ އައިސީސީގެ މެންބަރުންނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލާފައިވާކަން އިޢުލާނުކޮށްފައެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބްލިންކެން ވިދާޅުވީ ބެންސޫދާއާއި އައިސީސީގެ ޖުރިސްޑިކްޝަން، ކޮމްޕްލިމެންޓަރިޓީ އެންޑް ކޯޕަރޭޝަން ޑިވިޜަންގެ އިސްވެރިޔާ، ފަސިކޯ މޮޗޮޗޮކޯއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލާފައިވާކަމަށެވެ. އަދި 2019ވަނަ އަހަރުގެ ތެރޭގައި އެކުލަވާލި ސިޔާސަތެއްގެ ދަށުން އައިސީސީއަށް ނިސްބަތްވާ ބައެއް ފަރާތްތަކަށް ވިސާ ދޫނުކުރުމަށް ނިންމާފައިވާ ނިންމުން ބާޠިލުކޮށްފައިވާ ކަމަށެވެ.

ކުރީގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަކީ ރަނގަޅު ފިޔަވަޅުތަކެއްކަމަށް އައު ސަރުކާރުން ބަލައި ނުގަންނަކަމަށް ބުލިންކެން ވިދާޅުވިއެވެ. ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމަށް އެމެރިކާގެ ސަރުކާރުން ނިންމި ނަމަވެސް އަފްޣާނިސްތާނާއި ފަލަސްޠީނުގެ މައްސަލާގައި އައިސީސީން ޢަމަލުކުރަމުންދާ ގޮތަށް އެމެރިކާއިން ތާޢީދު ނުކުރާކަމަށް އޭނާ ވިދާޅުވިއެވެ. ދަތިކުރުމުގެ ފިޔަވަޅު އެޅުމަށްވުރެ ހަރުދަނާ ގޮތަކަށް އެކަންކަން ޙައްލު ކުރެވޭނެކަމަށް ޤަބޫލުކުރައްވާކަމަށްވެސް ބުލިންކެން ވިދާޅުވިއެވެ.