މުނިފޫހިފިލުވުން

ރަހަތަފާތު: ތަފާތު ރަހަތަކާއެކު މިއަހަރުވެސް، ކައްކަން ތައްޔާރުތަ؟


ގޭގޭގެ ބަދިގެއަށް އެންމެ ބާރުބޮޑުވެގެންދާ ދުވަސްވަރަކީ ރަމަޟާންމަހޭ ބުނުމަކުން މުޅިން ދޮގަކަށްނުވާނެއެވެ.

ކޮންމެ ދުވަހަކުވެސް ރޯދަވީއްލުމަށާއި، ތަރާވީހަށް އަދި ހާރުދަމަށް ކެއިންބުއިމުގެ ތަފާތު ވައްތަރުތައް ތައްޔާރުކުރުމަކީ އަޅުގަނޑުމެން ދިވެހިން ޒަމާނުއްސުރެ ކޮށްއުޅޭ ކަމެކެވެ. ދިވެހި ޒަމާންވީ ރަހަތަކާއި، ތަފާތު ރެސިޕީތަކުގެ އަޖުމަބަލާ މީހުން ރަމަޟާންމަހު މަދެއްނޫނެވެ. އެފަދަ ފަރާތްތަކަށް ޓީވީއެމުން ގެނެސްދޭ "ރަހަތަފާތު" ޕްރޮގްރާމަކީ ބޮޑު އެހީއެކެވެ.

"ރަހަތަފާތު"އަކީ ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހާ ދިމާކޮށް ޓީވީއެމުން ގެނެސްދޭ ވަރަށް ޚާއްސަ ޕްރޮގްރާމެކެވެ. އަދި މިއީ މިގޮތަށް ގެނެސްދޭ އެންމެ ޒަމާންވީ އެއް ޕްރޮގްރާމްވެސްމެއެވެ. ޒަމާނަށް އަންނަ ބަދަލުތަކާއި، ދިވެހިންގެ ކެއިންބުއިމަށް އަންނަ ބަދަލުތަކަށް ބަލާ، ކޮންމެ އަހަރެއްގެ ޕްރޮގްރާމްވެސް ތަފާތުވެގެންދެއެވެ. މިފަދަ ޕްރޮގްރާމެއް ގެނެސްދިނުމުގެ އެންމެ ބޮޑު ބޭނުމަކީ ގޭގައި ފަސޭހައިން ހަދާލެވޭނެ އެކި ކެއުންތަކުގެ މަޢުލޫމާތު ބެލުންތެރިންނާއި ހިއްސާކުރުމެވެ.

ހަމައެކަނި ޕްރެޒެންޓަރެއް އަރާ މި މަޢުލޫމާތުތައް ގެނެސްދިނުމުގެ ބަދަލުގައި، ކަމުގެ ތަޖުރިބާކާރުން މެދުވެރިކޮށް އެތަކެތި ތައްޔާރުކުރާނެގޮތާއި ރެސިޕީ އަދި ބޭނުންވާނެ ތަކެތި މި ޕްރޮގްރާމުން ގެނެސްދެއެވެ. އަޅުގަނޑުމެންގެ ތެރޭގައި ތަފާތު ކެއުންތަކަށް ލޯބިކުރާ ފަރާތްތަކަށް "ރަހަތަފާތު" ޕްރޮގްރާމަކީ ހަމަ ނުބަލާ ދޫކޮށްނުލެވޭނެ ޕްރޮގްރާމެކެވެ. މިއަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށްގެން ޕީ.އެސް.އެމްގެ މައި ޓީވީޗެނަލް ޓީވީއެމުން ގެނެސްދޭ ޕްރޮގްރާމްތަކުގެ ތެރޭގައިވެސް "ރަހަތަފާތު" ހިމެނެއެވެ. މިފަހަރުގެ ޕްރޮގްރާމުވެސް ތަފާތުވާނެކަމަށް ޕްރޮގްރާމުގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.

މި ޕްރޮގްރާމް ޓީވީއެމުން ދައްކާނީ ރަމަޟާންމަހުގެ ކޮންމެ ރެއެއްގެ 11 ޖަހާއިރެވެ. މިފަހަރުގެ ޕްރޮގްރާމު ޚާއްޞަކޮށްފައިވަނީ ކެއްކުމުގެ ދާއިރާގައި މަސައްކަތްކުރާ 6 ފަރާތެއްގެ މައްޗަށެވެ. އެގޮތުން އެ ފަރާތްތަކުގެ ފާހަގަކޮށްލެވޭ އެކި ޑިޝްތަކާއި، އެމީހުންގެ ކެރިއަރގައި ތަޖުރިބާކުރެވުނު ތަފާތު ކަންތައްތައް ޕްރޮގްރާމުގައި ގެނެސްދޭނެއެވެ. އޭގެ ތެރޭގައި 4 ޝެފަކާއި، ފުޑް ބްލޮގާސްގެ ގޮތުގައި ސޯޝަލް މީޑިއާގައި މަޤުބޫލުކަން ހޯދާފައިވާ 2 ފަރާތެއް ހިމެނެއެވެ. މިއިން ކޮންމެ ފަރާތެއްގެވެސް ޕްރޮފައިލްއަކާއި، ތައްޔާރުކުރާ ޑިޝްތަކުގެ ރެސިޕީ ޕްރޮގްރާމުގެ ތެރެއިން ބެލުންތެރިންނާއި ޙިއްސާކުރާނެއެވެ.

ޕްރޮގްރާމުގެ ޕްރޮޑިއުސަރ ޝައިނާ ޝަރީފް ބުނީ، މިއަހަރުގެ ޕްރޮގްރާމުގައިވެސް ތަފާތު ކަންތައްތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދިނުމަށް މަސައްކަތްކޮށްފައިވާނެކަމަށެވެ. އެގޮތުން މިދިޔަ އަހަރު ގެނެސްދިން ޕްރޮގްރާމް ބޮޑަށް ޚާއްސަކޮށްފައިވަނީ ހޯމް ކުކްސް ނުވަތަ ގޭގައި ކައްކާ ފަރާތްތަކަށްވީނަމަވެސް، މިފަހަރުގެ ޕްރޮގްރާމުގައި ޕްރޮފެޝަނަލް 4 ޝެފެއް ބައިވެރިވެގެންދާކަމީ ޕްރޮގްރާމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ، ތަފާތު ވެރައިޓީތަކުގެ ޑިޝްތައް ބެލުންތެރިންނާއި ހިސާބަށް ގެނެސްދިނުމަށް މަގުފަހިވެގެންދާނެކަމެއްކަމަށް ޝައިނާ ބުންޏެވެ.

"މިއަހަރު ބޮޑަށް ފޯކަސް ކޮށްފައިވާނީ ޕްރޮފެޝަނަލް ޝެފުންގެ އެކި ޑިޝްތައް އާއްމުންނަށް ގެނެސްދޭން. އެމީހުންގެ ޖަރނީއާއި، އެމީހުންގެ ސްޕެޝަލް ޑިޝްތައް، އިންޓަރވިއުތަކާއެކު އަޅުގަނޑުމެން މިފަހަރު ގެނެސްދޭނަން. ދެން ބައިވެރިވާ އަނެއް 2 ފަރާތަކީވެސް ފުޑް ބްލޮގާސްގެ ގޮތުގައި ސޯޝަލް މީޑިއާގައި އިންފްލުއެންސް އޮންނަ 2 ފަރާތެއް. އެހެންވީމަ މިއަހަރުގެ ޕްރޮގްރާމްވެސް ތަފާތުވާނެ" ޝައިނާ ބުންޏެވެ.

މިއަހަރުގެ ޕްރޮގްރާމް ކެއްކުމުގެ ދާއިރާގައި ހަރަކާތްތެރިވާ 6 ފަރާތަކަށް ޚާއްސަކޮށްފައިވާއިރު، މިއިން ކޮންމެ ފަރާތަކަށް 5 އެޕިސޯޑު ޚާއްސަވާނެއެވެ. ޝައިނާ ބުނީ މިގޮތަށް ނިންމުމުގެ އެންމެ ބޮޑު ބޭނުމަކީވެސް ބެލުންތެރިންނަށް އެމީހުންނާއި ގުޅޭގޮތުން ވީހާވެސް ގިނަ މަޢުލޫމާތު ފޯރުކޮށްދީ، މި ދާއިރާއިން ކުރާ މަސައްކަތްތަކާއި، އެކި ވައްތަރުގެ ޑިޝްތައް ގެނެސްދިނުމުގެ ފުރުޞަތު ފަހިކޮށްދިނުންކަމަށެވެ.

"މި ދާއިރާގައި ޕްރޮފެޝަނަލީ ހަރަކާތްތެރިވާ ފަރާތްތަކެއްވީމަ، ގެނެސްދޭ މަޢުލޫމާތުތައްވެސް އެކިއުރޭޓްވާނެ. އަނެއްކާ ކޮންމެ ފަރާތަކަށްވެސް އެންމެ އެޕިސޯޑެއްގެ ބަދަލުގައި 5 އެޕިސޯޑް އަޅުގަނޑުމެން މިދެނީ. އެގޮތަށް ހެދީވެސް އާއްމުންނަށް އެ ޝެފަކާ ގުޅޭ ވީހާވެސް ގިނަ މަޢުލޫމާތު ފޯރުކޮށްދީ، އެމީހުންގެ ޖަރނީ، މި ދާއިރާ ހިޔާރުކުރި ސަބަބާއި، ކުރެވުނު ތަޖުރިބާ، ތަފާތު ރެސިޕީތައް މިހެންގޮސް ތަފާތު މަޢުލޫމާތުތައް އެމީހުން މެދުވެރިކޮށް ގެނެސްދިނުން ބޭނުމަކީ" ޝައިނާ ވިދާޅުވިއެވެ.

ކޯވިޑް-19ގެ ނުރައްކާ ބޮޑުވެ، މާލޭ ސަރަޙައްދު ފުރަބަންދުކުރުމާގުޅިގެން، މިދިޔަ އަހަރުގެ ރަމަޟާންމަސް ވެގެންދިޔައީ ގިނަ ދިވެހިންނަށް މުޅިން ތަފާތު ތަޖުރިބާތަކެއް ކުރަން ޖެހުނު ދުވަސްވަރަކަށެވެ. އެތައް އާދަތަކެއް ބަދަލުކުރަން ޖެހުނު ފަހަރަކަށެވެ. އެކަން ޝައިނާވެސް ވަނީ ތަޖުރިބާކޮށްފައެވެ.

މިދިޔަ އަހަރުގެ ރަމަޟާންމަހު ގެނެސްދިން "ރަހަތަފާތު ޕްރޮގްރާމުވެސް ޕްރޮޑިއުސްކޮށްފައިވަނީ ޝައިނާއެވެ. ފުރަބަންދުގެ ތެރޭގައި ގޭގައި މަސައްކަތްކޮށްގެން ޝައިނާވަނީ ބެލުންތެރިންނާއި ހަމައަށް ރަހަތަފާތުގެ 15 އެޕިސޯޑެއް ގެނެސްދީފައެވެ. ދިމާވި ގޮންޖެހުންތަކާއެކުވެސް މިދިޔަ އަހަރު ގެނެސްދިން އެޕިސޯޑުތަކަށްވެސް ބެލުންތެރިންގެ ފަރާތުން ރަނގަޅު ކޮމެންޓްތަކެއް ލިބުނުކަމަށް ޝައިނާ ބުންޏެވެ.

ކޮންމެއަކަސް ރަހަތަފާތު މިއަހަރުވެސް ތަފާތުވާނެކަމަށް ޝައިނާ ބުނާއިރު، ބެލުންތެރިންނަށް އުފާވެރި ޚަބަރެއްވެސް އެބައޮތެވެ. އެއީ މިފަހަރުގެ "ރަހަތަފާތު" ޕްރޮގްރާމުގެ ކޮންމެ އެޕިސޯޑެއްގައިވެސް ޑައިޓީޝަން ސެގްމަންޓެއް ހިމެނިގެންދާނެއެވެ.

ދިރިއުޅުމުގެ ކަންކަން ހުންނަގޮތުން ކެއިންބުއިމުގެ ކަންކަމަށް ސަމާލުކަން ދިނުމަކީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަށް ކުރަން އުނދަގޫކަމެކެވެ. އެފަދަ ފަރާތްތަކަށް، އެ އާދަތައް ބަދަލުކޮށް، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް މި ސެގްމަންޓް ވެގެންދާނީ ހަމަގައިމުވެސް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރަކަށެވެ. ޑައިޓީޝަން ސެގްމަންޓުގައި، ހެލްތީ ޓިޕްސްތަކާއި، އެކި ކަހަލަ ބަލިތައް ތަހައްމަލުކުރާ ފަރާތްތަކުން ކެއުން ބަހައްޓަންވީގޮތާއި، ރޯދަވީއްލާ ގަޑިއަށާއި، ހާރުދަމަށް ލުއިގޮތަކަށް ތައްޔާރުކޮށްލެވިދާނެ ކެއުންތައް ގެނެސްދޭނެއެވެ.

ދިވެހިންގެ ތެރޭގައި ތަފާތު ކެއުންތަކަށް ލޯބިކުރާ ފަރާތްތަކުން ރަހަތަފާތަށް ކުޑަކުޑަ އިންތިޒާރެއް ކޮށްލާށެވެ. ތަފާތު ރަހަތަކާއެކު މިއަހަރުގެ ޕްރޮގްރާމުވެސް ބެލުންތެރިންނަށް ކަމުދާނެފަދަ ޕްރޮގްރާމަކަށް ވެގެންދާނެކަމަށް ޕްރޮގްރާމުގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ. ތިބޭފުޅުން ކައްކަން ތައްޔާރުތޯއެވެ؟