ކުޅިވަރު

ޕާކިސްތާނާއި ދެކުނު އެފްރިކާ ކުޅުނު އެއްދުވަހުގެ މެޗް ޕާކިސްތާން ކާމިޔާބުކޮށްފި


ޕާކިސްތާނާއި ދެކުނު އެފްރިކާގެ މެދުގައި ކުޅުނު އެއްދުވަހުގެ ފުރަތަމަ ކްރިކެޓް މެޗް ޕާކިސްތާން ކާމިޔާބުކޮށްފިއެވެ. މިމެޗް ޕާކިސްތާން ކާމިޔާބުކުރީ ތިން ވިކެޓުންނެވެ.

ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ޓޮސް ދިމާވެގެން ޕާކިސްތާނުން ބޭނުންވީ އެންމެ ފުރަތަމަ ފީލްޑް ކުރާށެވެ. އެހެންކަމުން ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ކުޅެން އަރާ 50 އޯވަރުގެ ތެރޭގައި 6 ކުޅުންތެރިން ނުބައިވެގެން ހެދުނީ 273 ލަނޑެވެ. މިއިނިންގްސްގައި ދެކުނު އެފްރިކާއަށް އެންމެ ރަނގަޅަށް ކުޅުނީ 134 ބޯޅައިން 123 ލަނޑު ހެދި ރަސީ ވެންޑަރ ޑުސެންއެވެ. މީގެއިތުރުން ޑޭވިޑް މިލަރވަނީ އެޓީމަށް 50 ލަނޑު ހަދާފައެވެ. މިއިނިންގސްގައި ޕާކިސްތާނުން އެންމެ ރަނގަޅަށް އުކީ ދިހަ އޯވަރުގެ ތެރޭ 61 ލަނޑަށް ދެވިކެޓް ނެގި ޝާހީން އަފްރީދީ އާއި ދިހަ އޯވަރުތެރޭ 72 ލަނޑަށް 2 ވިކެޓް ނެގި ހަރިސް ރައުފްއެވެ.

ޖަވާބުގައި ކުޅެން އަރާ ޕާކިސްތާނުންވަނީ އެންމެފަހު ބޯޅައިން 274 ލަނޑު ހަދާ މިމެޗް ކާމިޔާބުކޮށްފައެވެ. ޕާކިސްތާނުން މިއަދަދު ހަމަކުރީ 50 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެންނެވެ. ޕާކިސްތާން ޓީމަށް އެންމެ ރަނގަޅަށް ކުޅުނީ 104 ބޯޅައިން 103 ލަނޑު ހެދި ކެޕްޓަން ބަބަރު އަޒާމްއެވެ. މީގެއިތުރުން އިމާމުލް ހައްގުވަނީ އެޓީމަށް 70 ލަނޑު ހަދާދީފައެވެ. މިއިނިންގސްގައި ދެކުނު އެފްރިކާއަށް އެންމެ ރަނގަޅަށް އުކީ 10 އޯވަރުތެރޭ 51 ލަނޑަށް 4 ވިކެޓް ނެގި އަންރިޗް ނޯޓްޖެއެވެ. މިދެޓީމްގެ މެދުގައި ކުޅޭ ދެވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ޖޮހެނެސްބަރގްގައެވެ.