ކުޅިވަރު

ސިޓީއިން އަންނަ ސީޒަނަށް އާ ފޯވަޑެއް ގަންނާނެކަމަށް ނުބެލެވޭ:ގާޑިއޯލާ


މިއަންނަ ސީޒަނަށް މެންޗެސްޓަރ ސިޓީއިން އާ ފޯވަޑެއް ގަންނާނެކަމަށް ނުބެލޭކަމުގައި އެޓީމްގެ ކޯޗު ޕެޕް ގާޑިއޯލާ ހާމަކޮށްފިއެވެ. ގާޑިއޯލާ މިކަން ހާމަކޮށްފައިމިވަނީ ލެސްޓަރ ސިޓީއާއި ކުޅޭ މެޗްގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ.

ސިޓީއިން މިދިޔަ ހަފްތާގައިވަނީ އެޓީމުގެ ތަޖްރިބާކާރު ފޯވަޑް ސަރޖިއޯ އަގުއެރޯ މިސީޒަނަށްފަހު ޓީމް ދޫކޮށް ދާކަން ހާމަކޮށްފައެވެ. އަދި ގާޑިއޯލާ ހާމަކުރިގޮތުގައި އަގުއެރޯ ނެތް ތަން ފޫބައްދަން އާ ކުޅުންތެރިއެއް ބޭނުން ނަމަވެސް މިހާރު ކުޅުންތެރިންގެ އަގުތައް އުޅޭ ގޮތުން އާކުޅުންތެރިއެއް ގަތުން ކައިރިނޫން ކަމަށެވެ. ގާޑިއޯލާ ހާމަކުރިގޮތުގައި ކުރިއަށް އޮތްތާނގާ ވާނެގޮތެއް ނޭނގޭކަމަށާއި ނަމަވެސް މިހާރު މިއުޅޭ އަގުތަކުގައި ސިޓީއިން އާފޯވަޑެއް މިއަންނަ ސީޒަނަށް ނުގެންނާނެކަމަށެވެ. އޭނާ ހާމަކުރިގޮތުގައި އެއީ ވާނެކަމެއް ނޫން ކަމަށާއި ކްލަބަށް އެއަގުތަކުގައި ކުޅުންތެރިއެއް ގެންނަވަރަށް ބަޖެޓް ނެތް ކަމަށެވެ. އެހެން ކަމުން މިވަގުތަށް ބަލާއިރު ކައިރީ އާކުޅުންތެރިއެއް ނުގަތުން ކަމަށް ސިޓީގެ ކޯޗު ހާމަކުރިއެވެ. ސިޓީއިން މިސީޒަންގައި އަގުއެރޯ އާއި ނުލާ ދެންތިބި ކުޅުންތެރިން ބޭނުންކޮށްގެންވަނީ ރަނގަޅު ނަތީޖާތަކެއް ހޯދާފައެވެ.

މިއަންނަ ސީޒަނަށް ސިޓީއިން ގެނައުމަށް އެންމެ ބޮޑަށް ބޭނުންވާކަމަށް ހަބަރުތައް ފެތުރިފައިވާ ކުޅުންތެރިޔަކީ ބޮރޫޝިއާ ޑޯޓްމުންޑްގެ ޒުވާން ފޯވަޑް އަރލިންގ ބްރައުޓް ހާލަންޑްއެވެ. ނަމަވެސް ޑޯޓްމުންޑުން މިކުޅުންތެރިޔާގެ ޓްރާންސްފަރ ފީއެއްގެ ގޮތުގައި 150 މިލިއަން ޔޫރޯ ކިޔާނެކަމަށް އެކްލަބުން ހާމަކުރެއެވެ. ހާލަންޑް ޑޯޓްމުންޑާއި އެކު ހަދާފައިވާ އެގްރީމަންޓް ހަމަވާނީ 2024 ވަނަ އަހަރުއެވެ. އަދި އެގްރިމަންޓްގައި ވާގޮތުން އޭނާގެ ރިލީޒް މާއްދާ އެކްޓިވޭޓް ވާނީ މިއަންނަ އަހަރެވެ. އެއީ 75 މިލިއަން ޔޫރޯއެވެ.

ހާލަންޑްގެ އިތުރުން ޓޮޓްނަމް ހޮޓްސްޕަރގެ ފޯވަޑް ހެރީ ކޭން އަކީވެސް ސިޓީއިން ލޯއަޅަކުންދާ ކުޅުންތެރިއެކެވެ.