ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާ ގުޅޭ 70 ޝަކުވާއެއް މިހާތަނަށް ހުށައަޅާފައިވާކަމަށް އިންތިޚާބުގެ ކޮމްޕްލަޔަންސް ބިއުރޯއިން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ވޯޓަށް ތައްޔާރު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ކޮމްޕްލައިންސް ބިއުރޯގެ ހެޑް އިބްރާހީމް ޙާފިޒް ވިދާޅުވީ މިދިޔަ އަހަރު އިންތިޚާބު ބޭއްވުމަށް ތާރީޚް ކަނޑައެޅި ހިސާބުން އިންތިޚާބާގުޅޭ ޝަކުވާ ހުށައެޅުމަށް ފުރުޞަތު ހުޅުވާލިކަމަށެވެ. އަދި އޭގެ ފަހުން އިންތިޚާބު ފަސްވެގެން މިހާތަނަށް އައިރު އިންތިޚާބާ ގުޅޭ 70 ވަރަކަށް ޝަކުވާ އެ ބިއުރޯއަށް ހުށަހަޅަފައިވާކަމަށެވެ. އެންމެ ގިނައީ ވޯޓުލާ މީހުންގެ ރަޖިސްޓްރޭޝަންއާ ގުޅޭ ޝަކުވާކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ވޯޓުލާ މީހުންގެ ލިސްޓުގައި ނަން ނެތުންފަދަ މައްސަލަތައްކަމަށާ، އެކަންކަން މިހާރު ޙައްލުކޮށްދެއްވާފައި ވާކަމަށްވެސް ޙާފިޒް ވިދާޅުވިއެވެ.
މީގެ އިތުރުން އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ޙައްޤަށް އުނިކަން އަންނަފަދަ ކަމެއްކޮށްގެން ހުށަހަޅާފައިވާ ޝަކުވާތަކާއި އޮފިޝަލުންނާބެހޭ ޝަކުވާތަކާއި ކެމްޕެއިންގައި ބޭނުންކުރާ މެޓީރިއަލްގެ ޝަކުވާވެސް އެބިއުރޯއަށް ހުށަހަޅާފައިވާކަމަށް ޙާފިޒް ވިދާޅުވިއެވެ.
"ޖިނާޢީ ކުށްތަކެއްގެ ގޮތުގައި އިންތިޚަބާބެހޭ ޢާންމު ޤާނޫނުގައި ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ފާހަގަކޮށްފައި. އެހެންވެއްޖެނަމަ އަޅުގަނޑުމެން ކޮމްޕްލަޔަންސް ބިއުރޯއިން ޖިނާޢީ ކަމެއް ފާހަގަވެއްޖެނަމަ އަޅުގަނޑުމެން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަމެއް ބަލަން. އެގޮތަށް ހުށަހެޅޭ ޝަކުވާތައް ބަލަން މިޖެހޭ އެއްކަމަކީ އިންތިޚާބަކީ ޢާންމު މަސްލަހަތާ ގުޅުންހުރިކަމެއް. އިންތިޚާބުގައި ކުރެވޭ ކުށްތައް މިސާލަކަށް އެކަން ނުހުއްޓުވޭކަމަށްވާނަމަ ވަރަށް ގިނަ ބައެއްގެ ހައްޤަށް އުނިކަން އެބައާދޭ. އެހެންވީމަ އެސަބަބާހުރެ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އިންތިޚާބާ ގުޅޭ ޖިނަޢީ މައްސަލަތައް ބަލަނީ." ޙާފިޒް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެތަކުގެ އިންތިޚާބާ ގުޅިގެން ހުށަހެޅޭ ޝަކުވާތައް ބެލުމަށްޓަކައި ޝަކުވާ ބަލައިގަތުމުގެ ނިޒާމެއް އިލެކްޝަންސް ކޮމިޝަނުން މިހާރުވަނީ ޤާއިމްކޮށްފައެވެ. އެގޮތުން، އިންތިޚާބަށް ކުރިމަތިލުމަށް އިޢުލާން ކުރުމާއެކު ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންސް ބިއުރޯއެއް އިލެކްޝަންސް ކޮމިޝަނުން ވާނީ އުފައްދާފައެވެ. މާލެ ފިޔަވައި އެހެން ސިޓީތަކުގައި އަދި ކޮންމެ އަތޮޅެއްގައި ތިން މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމްޕްލެއިންސް ބިއުރޯއެއް އިއްޔެ ވަނީ އުފައްދާފައެވެ.
މީގެ އިތުރުން ވޯޓުލާ ދުވަހު ވޯޓުލާ މަރުކަޒުތަކުގައި ދިމާވާ މައްސަލަތައް ވޯޓުލާ މަރުކަޒުގެ ވެރިޔާ މެދުވެރިކޮށް މައްސަލަ ބެލޭނެ އިންތިޒާމު ހަމަޖެހިފައިވާނެކަމަށާއި، ވޯޓުލާ މަރުކަޒުގެ ވެރިޔާއަށް ނުނިންމޭ ނުވަތަ ޙައްލު ނުކުރެވޭ މައްސަލަތައް ހުށަހަޅަން ޖެހޭނީ މި އިންތިޚާބުގެ ޝަކުވާތައް ބެލުމަށް ނިންމާފައިވާ އުޞޫލާ އެއްގޮތަށް އަތޮޅު ނުވަތަ ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯއަށްކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. މާލޭގައިނަމަ، ޝަކުވާ ހުށައަޅާންޖެހޭނީ ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންސް ބިއުރޯއަށެވެ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު 2020އާ ގުޅިގެން އެއްވެސް ޝަކުވާ އެއް އޮތްނަމަ، ޝަކުވާ ހުށަހަޅާ ފޯމުން ހެއްކާއި ޤަރީނާއާ އެކު، އިލެކްޝަންސް ކޮމްޕްލައިންސް ބިއުރޯއަށް އެކަމެއް ހުށަހެޅުމުން، އެ ޝަކުވާއަކަށް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ޖަވާބު ލިބޭނެކަމަށްވެސް އިލްކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.