ޚަބަރު

ސޯސަންވިލާގައި ރަމަޟާން މަހު ޤުރުއާން މުބާރާތެއް


ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ހުޅުވާލައިގެން މި ފެށޭ ރަމަޟާން މަހު ޤުރުއާން މުބާރާތެއް ބާއްވަން ލަންކާގައި ހުންނަ މޯލްޑިވިއަން އެޑިޔުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރ (އެމްއީސީސީ) ނިންމައިފިއެވެ.

ސޯސަންވިލާގައި ދިވެހި ސަރުކާރުން ހިންގަމުން އަންނަ އެމްއީސީސީގެ ޤުރުއާން މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ ރަމަޟާން މަހުގެ 5ވަނަ ދުވަހުއެވެ. ހަތަރު ދުވަހަށް ކުރިޔަށް ގެންދާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ. މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 4 ވާ އާދީއްތަ ދުވަހުގެ 12:00 އެވެ.

ސޯސަންވިލާގައި ތައުލީމް ޙާސިލް ކުރަމުން އަންނަ ދަރިވަރުންގެ އިތުރުން ލަންކާގައި ދިރިއުޅޭ އާންމުންނަށްވެސް ބައިވެރި ވެވޭގޮތަށް އޮތް މިމުބާރާތް ކުރިޔަށް ދާނީ ދެ ގޮތްޕަކަށް ބަހާލައިގެންނެވެ. ބަލައިގެން ކިޔެވުމާއި ހިތުން ކިޔެވުމުގެ ގޮފި ހިމެނޭގޮތަށް ކުރިޔަށްދާ މި މުބާރާތުގައި ކޮންމެ ގޮތްޕެއްގައިވެސް 6 ޢުމުރު ފުރާއަކުން ބައިވެރިންނަށް ބައިވެރިވެވޭނެއެވެ.

މުބާރާތުގައި ހިމެނޭ ޢުމުރުފުރާ ތަކަކީ 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި، 12 އަހަރުން ދަށާއި، 15 އަހަރުން ދަށުގެ އިތުރުން 18 އަހަރުން ދަށާއި 21 އަހަރުން ދަށެވެ. މިއިން ކޮންމެ ޢުމުރު ފުރާއަކުން ދެގޮފީގައިވެސް އެކަކަށް ބައިވެރި ވެވިދާނެއެވެ.

މުބާރާތުގެ ދެގޮފީގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން ކޮންމެ އުމުރުފުރާއަކުންވެސް 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމުގެ އިތުރުން ދެ ގޮފީގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން ކޮންމެ ގޮތްޕަކުންވެސް ގަދަ 5 ހޮވާ ގޮތަށްވެސް ސޯސަންވިލާއިން ވަނީ ހަމަޖައްސާފައެވެ. އަދި ދެގޮފި ވަކިން މުޅި މުބާރާތުން 1 ވަނަ، 2 ވަނަ އަދި 3 ވަނަވެސް ހޮވާނެއެވެ.

ސޯސަންވިލާއަކީ ލަންކާގައި ދިރިއުޅޭ ދިވެހި ކިޔަވާ ކުދިންނަށް ޤުރުއާން މާއްދާވެސް ކިޔަވައިދޭ ސެންޓަރެކެވެ. މީގެއިތުރުން އެ ގައުމުގައި ދިރިއުޅޭ ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް އަމާޒުކޮށް، ރާއްޖޭގައި ހުންނަ ކީރިތި ޤުރުއާނާބެހޭ މަރުކަޒާއި ގުޅިގެން ޤުރުއާން ކޯސްތަކާއި އެނޫންވެސް ބަޔެއް ޕްރޮގްރާމްތައް އެ ސެންޓަރުން މީގެކުރިންވެސް ވަނީ ހިންގާފައެވެ.