ކުޅިވަރު

ރާމޯސްއަށް އަނިޔާވެ ލިވަޕޫލާއި ދެކޮޅަށް ކުޅޭ ދެމެޗްގައިވެސް ނުކުޅެވޭނެ


ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސްއަށް އަނިޔާވެ ޔުއޭފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގައި ލިވަޕޫލާއި ދެކޮޅަށް ކުޅޭ ދެމެޗްގައިވެސް އޭނާއަށް ނުކުޅެވޭނެކަން ޔަގީންވެއްޖެއެވެ. ރާމޯސްއަށް އަނިޔާވެފައިވަނީ ސްޕެއިން ޤައުމީ ޓީމަށް ކުޅުމުގެ ތެރޭގައެވެ.

ޗެމްޕިއަންސް ލީގުގައި ރެއާލް އާއި ލިވަޕޫލް ކުޅޭ ދެމެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 6 އަދި 14 ވަނަ ދުވަހުއެވެ. އަދި މިދެމެޗްގެ މެދަށް އެފްސީ ބާސެލޯނާ އާއި ދެކޮޅަށް ކުޅޭ އެލް ކްލެސިކޯގައިވެސް ރާމޯސްއަށް ނުކުޅެވޭނެއެވެ. ރާމޯސް ހާމަކުރިގޮތުގައި އޭނާއަށް އަނިޔާވެފައިވާކަން ރޭކާލީ ސްޕެއިން އާއި ކޮސޯވޯ ބައްދަލުކުރިމެޗަށްފަހު ފަރިތަކުރުންތަކުގައެވެ. އަދި ރޭގެ ވަގުތެއްގައި ހެދި ސްކޭނުން އޭނާގެ ފައިގެ ކުޑަކަޅުވައަށް އަނިޔާވެފައިވާކަން ދައްކައެވެ. ރާމޯސް ހާމަކުރިގޮތުގައި އޭނާ އެންމެ ދެރަވަނީ މިފަދަ މުހިންމު މެޗްތަކުގައި ޓީމަށް އެހީތެރި ނުވެވޭތީކަމަށެވެ.

މިމެޗް ބެލެވިފައިވީ 2018 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލެކޭ އެއްގޮތަށް ރާމޯސް އާއި ލިވަޕޫލްގެ މުހަންމަދު ސަލާގެ ކުރިމަތިލުމެއް ފެނިގެންދާނެ މެޗެއް ކަމަށެވެ. ނަމަވެސް ރާމޯސްއަށް ލިބުނު މިއަނިޔާގެ ސަބަބުން މިކުރިމަތިލުން މިފަހަރު ނުފެންނާނެއެވެ. ހަމައެއާއެކު އެލް ކްލެސިކޯގައި ރާމޯސް ނެތް ތަންވެސް ވަރަށް ބޮޑަށް ދައްކާނެކަމަށް ބެލެވެއެވެ.