ކުޅިވަރު

ސެލްޓިކްގެ ކޯޗަކަށް އެޑީ ހޯވް ގެނައުމުގެ މަސައްކަތް އެކްލަބުން ފަށައިފި


ސްކޮޓިޝް ޕްރިމިއަރ ލީގުގެ ސެލްޓިކް ފުޓްބޯލް ކްލަބްގެ އާ ކޯޗަކަށް ބޯންމޯތުގެ ކުރީގެ ކޯޗު އެޑީ ހޯވް ގެނައުމުގެ މަސައްކަތް އެކްލަބުން ވަރަށް ހަލުވިކަމާއެކު ކުރިއަށް އެބަގެންދެއެވެ. މަޢުލޫމާތު ލިބޭގޮތުގައި އެޑީ ހޯވް ވަރަށް އަވަހަށް ސެލްޓިކްގެ ކޯޗަކަށް ހަމަޖައްސާނެއެވެ.

43 އަހަރުގެ ހޯވްވަނީ ސެލްޓިކްގެ ބޯޑު މެންބަރުންނާއި ކްލަބްގެ މައި ހިއްސާދާރު ޑަރމޮޓް ޑެސްމޮންޑް އާވެސް ބައްދަލުކޮށްފައެވެ. ބޯންމޯތުގެ ކޯޗުކަމުން އެޑީ ހޯވް ވަކިވީ އިންގްލިޝް ޕްރިމިއަރ ލީގުގައި އެކްލަބް ފަސް އަހަރު ހޭދަކުރުމަށްފަހު މިދިޔަ ސީޒަންގައި ޗެމްޕިއަންޝިޕަށް ރެލިގޭޓް ވުމުންނެވެ. ވަރަށް ފަހުން ޝެފީލްޑް ޔުނައިޓެޑްގެ ހުސްވި މަގާމަށާއި ނިއުކާސްލް ޔުނައިޓެޑްގެ ކޯޗުކަމަށްވެސް އެޑީ ހޯވް ގެންގޮސްފާނެކަމުގެ އަޑު ފެތުރިގެންދިޔައެވެ.

ސެލްޓިކްގެ ކޯޗުކަމުގެ މަޤާމު ހުސްވެފައިވަނީ މިއަހަރުގެ ފެބްރުއަރީމަހުގެ ފަހުކޮޅު ނީލް ލެނަން މަގާމުން އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ. މިވަގުތު އެޓީމްގެ ކޯޗުގެ މަޤާމް ފުރަމުންދަނީ އެސިސްޓަންޓް ކޯޗު ޖޯން ކެނެޑީއެވެ.

ލެނަން ސެލްޓިކްގެ ކޯޗުކަމުން ވަކިވީ އެކްލަބުން ވޭތުވެދިޔަ 9 ސީޒަންގައި ކާމިޔާބު ކުރަމުންދިޔަ ސްކޮޓިޝް ޕްރިމިއަރ ލީގު މިސީޒަންގައި ވާދަވެރި ރޭންޖަރސްއިން ކާމިޔާބުކުރުމާއި ގުޅިގެންނެވެ. ލެނަން ވަކިވުމުގެ އިތުރުން ސެލްޓިކްގެ ޗީފް އެގްޒެކެޓިވްގެ މަގާމު ގިނަ އަހަރު ތަކެއް ވަންދެން ފުރަމުން ގެންދާ ޕީޓަރ ލޯވެލްވެސް މިއަހަރުގެ ޖޫން މަހު މަޤާމުން އިސްތިއުފާ ދޭނެކަން މިހާރުވަނީ ހަމަކޮށްފައެވެ. އެމަޤާމަށް މިހާރު އައުމަށް ހަމަޖެހިފައިވަނީ ސްކޮޓިޝް ރަގްބީގައި ހަރަކާތްތެރިވަމުން އަންނަ ޑޮމިނިކް މެކްކޭއެވެ.

ހަމައެއާއެކު ސެލްޓިކްގެ ފުޓްބޯލް އޮޕަރޭޝަނުގެ ހެޑް ނިކް ހަރމޮންޑްވެސް ވަނީ އިސްތިއުފާ ދީފައެވެ. އަދި ކްލަބްގެ ދުވަސްވީ ކެޕްޓަން ސްކޮޓް ބްރައުންވަނީ އޭނާގެ ކޮންޓްރެކްޓް އެއް އަހަރަށް އިތުރު ކުރުމަށް ކްލަބުން ހުށަހެޅި ހުށަހެޅުން ގަބޫލް ނުކޮށް ދޫކޮށްލާފައެވެ. އެހެން ކަމުން އާސިޒަނަށް ސެލްޓިކް ކުރިމަތިލާއިރު އެކްލަބަށް ގިނަ ބަދަލުތަކެއް އަންނާނެކަން މިހާރުވަނީ ކަށަވަރުވެފައެވެ.