ކުޅިވަރު

ކެވެލިއަރސްއާ ވާދަކޮށް ސިކްސަރސް މެޗު ކާމިޔާބުކޮށްފި


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް އާއި ކްލީވްލަންޑް ކެވެލިއަރސް ބައްދަލުކުރިމެޗް ސެވަންޓީ ސިކްސަރސް ކާމިޔާބުކޮށްފިއެވެ. މިމެޗް ސިކްސަރސް ކާމިޔާބުކުރީ 114 ޕޮއިންޓް 94 ޕޮއިންޓުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ސިކްސަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 27 ޕޮއިންޓް ހޯދާދިން ޝެކޭ މިލްޓަންއެވެ. އަދި ކެވެލިއަރސް އަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 24 ޕޮއިންޓް ހޯދާދިން ކޮލިން ސެކްސްޓަންއެވެ.

މިމުބާރާތުގައި ބްރޫކްލިން ނެޓްސް އާއި ޗާލޮޓް ހޯނެޓްސް ބައްދަލުކުރިމެޗް 111 ޕޮއިންޓް 89 ޕޮއިންޓުން ކާމިޔާބުކުރީ ނެޓްސްއެެވެ. މިމެޗްގައި ނެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 15 ޕޮއިންޓް ހޯދައިދީ 11 ރީބައުންޑް ނަގައިދިން ކައިރީ އަރވިންގއެވެ. އަދި ހޯނެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 12 ޕޮއިންޓް ހޯދައިދިން ޓެރީ ރޯޒިއަރއެވެ. މީގެއިތުރުން ޑެންވަރ ނަގެޓްސް އާއި ލޮސް އެންޖަލިސް ކްލިޕަރސް ބައްދަލުކުރިމެޗް 101 ޕޮއިންޓް 94 ޕޮއިންޓުން ކާމިޔާބުކުރީ ނަގެޓްސްއެވެ. މިމެޗްގައި ނަގެޓްސްގެ ޖަމާލް މަރީވަނީ އެޓީމަށް 23 ޕޮއިންޓް ހޯދައިދީ 8 ރީބައުންޑް ނަގާފައެވެ. އަދި ކްލިޕަރސްގެ ކައުހީ ލިއޮނާޑްވަނީ އެޓީމަށް 24 ޕޮއިންޓް ހޯދައިދީ 12 ރީބައުންޑް ނަގާފައެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު އެޓްލާންޓާ ހޯކްސް އާއި ސެން އެންޓޯނިއޯ ސްޕަރސް ބައްދަލުކުރިމެޗް ދެވަނަ އޯވަޓައިމަކަށް ގޮސްގެން 134 ޕޮއިންްޓް 129 ޕޮއިންޓުން ހޯކްސް ކާމިޔާބުކުރިއިރު އޯލާންޑޯ މެޖިކް އާއި ނިއުއޯލިއަންސް ޕެލިކަންސް ބައްދަލުކުރިމެޗް 115 ޕޮއިންޓް 110 ޕޮއިންޓުން ކާމިޔާބުކުރީ މެޖިކްއެވެ. އަދި މައޭމީ ހީޓް އާއި ގޯލްޑަން ސްޓޭޓް ވޮރިއަރސް ބައްދަލުކުރިމެޗް 116 ޕޮއިންޓް 109 ޕޮއިންޓުން ހީޓް ކާމިޔާބުކުރިއިރު ޑެޓްރޮއިޓް ޕިސްޓަންސް އާއި ވޮޝިންގޓަން ވިޒަޑްސް ބައްދަލުކުރިމެޗް 120 ޕޮއިންޓް 91 ޕޮއިންޓުން ކާމިޔާބުކުރީ ޕިސްޓަންސްއެވެ.