އެމެރިކާގައި ތިންވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވަނީ ކޯވިޑް-19 ޖެހިގެންކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
މިހާތަނަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހި އެ ބަލީގައި އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވާ ޤައުމަކީ އެމެރިކާއެވެ. އެމެރިކާގައި 31.1 މިލިއަން މީހުންނަށް ކޯވިޑް-19 ޖެހި 565،256 މީހުންވަނީ މަރުވެފައެވެ. 2020ވަނަ އަހަރުގެ ތެރޭގައި އެމެރިކާގައި މަރުވި މީހުންގެ ތެރެއިން 377،883 މީހުން މަރުވެފައިވަނީ ކޯވިޑް-19ގެ ސަބަބުންކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
އެމެރިކާގެ ސެންޓަރސް ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން ސީޑީސީން ކުރި ދިރާސާއިން ދައްކާގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި ހިތުގެ ބަލިތަކާއި ކެންސަރަށްފަހު އެމެރިކާގައި އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވަނީ ކޯވިޑް-19 ޖެހިގެންނެވެ.
ސީޑީސީން ބުނީ މިދިޔަ އަހަރުގެ ތެރޭގައި އެމެރިކާގައި މީހުން މަރުވި ނިސްބަތް 16 އިންސައްތަ އިތުރުވެފައިވާކަމަށެވެ. އެއީ 2017ވަނަ އަހަރުގެ ފަހުން އެ ޤައުމުގައި މީހުން މަރުވާ ނިސްބަތް އިތުރުވި ފުރަތަމަ ފަހަރެވެ. އެމެރިކާގައި މަރުވާ މީހުންގެ ނިސްބަތް ބޮޑުތަނުން އިތުރުވީ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހުމާ ގުޅިގެންނެވެ. އެގޮތުން އެމެރިކާގައި 11.3 އިންސައްތަ މީހުން މަރުވެފައިވަނީ ކޯވިޑް-19ގެ ސަބަބުންނެވެ.
ސީޑީސީން ބުނީ މަރުގެ ނިސްބަތް އެންމެ ދަށީ 5 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރު ފުރައިންކަމަށެވެ. އަދި އެންމެ ގިނަ ޢަދަދަކަށް މީހުން މަރުވީ 85 އަހަރުން މަތީގެ އުމުރު ފުރައިންކަމަށް ސީޑީސީން ބުނެއެވެ. މިދިޔަ އަހަރުގެ ތެރޭގައި އުމުރުން 14 އަހަރުން ދަށުގެ 134 ކުދިންވަނީ ކޯވިޑް-19 ޖެހިގެން މަރުވެފައެވެ. އަދި އުމުރުން 85 އަހަރުން މަތީގެ 120،648 މީހުންވަނީ އެ ބަލީގެ ސަބަބުން މަރުވެފައެވެ. އަދި އުމުރުން 75 އަހަރާއި 84 އަހަރާ ދެމެދުގެ 104،212 މީހުންވަނީ ކޯވިޑް-19ގެ ސަބަބުން މަރުވެފައެވެ.
މިދިޔަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި އެމެރިކާގެ ރައްޔިތުންގެ އުމުރުން 1 އަހަރުވަނީ ކުރުވެފައެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން އެމެރިކާގެ ރައްޔިތުންގެ އުމުރު އެވަރަށް ކުރުވި ފުރަތަމަ ފަހަރެވެ.