ޚަބަރު

އައިސީސީއާރުގެ 39 ސްކޮލަރޝިޕް މިއަހަރުވެސް ރާއްޖެއަށް


މަތީ ތަޢުލީމަށް އިންޑިޔާ ސަރުކާރުން ފަންޑުކޮށްގެން ކުރިއަށްގެންދާ އައިސީސީއާރު ސްކޮލަރޝިޕުގެ މިއަހަރުގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު މިއަހަރުވެސް 39 ސްކޮލަރޝިޕް ރާއްޖެއަށް ދިނުމަށް ވަނީ ނިންމާފައެވެ.

އިންޑިއަން ކައުންސިލް ފޯރ ކަލްޗަރަލް ރިލޭޝަންސްގެ ދަށުން ދެމުންދާ ސްކޮލަރޝިޕްގެ ފުރުސަތުތަކުގެ ދަށުން ރާއްޖެއަށް ކޮންމެ އަހަރު 39 ޖާގަ އިންޑިޔާ ސަރުކާރުން ކަނޑައަޅައެވެ. ހުރިހާ ޚަރަދެއް އިންޑިޔާ ސަރުކާރުން ކުރާގޮތަށް ހަމަޖެހިފައިވާ މިސްކޮލަރޝިޕްތަކުގެ ތެރޭގައި އަންޑަރގްރެޖުއޭޓް ކޯސްތަކާއި، ޕޯސްޓްގްރެޖުއޭޓް ކޯސްތަކާއި މާސްޓަރސް އާއި ޕީއެޗްޑީ ކޯސްތައް ހިމެނެއެވެ. އެގޮތުން ފަތުރުވެރިކަމާއި ސައިންސާއި އިންޖީނިއަރިން ފަދަ ދާއިރާތަކުން މިސްކޮލަރޝިޕްތަކުގެ ދަށުން ކިޔެވޭނެކަމަށް އިންޑިއަން ކައުންސިލް ފޯރ ކަލްޗަރަލް ރިލޭޝަންސް އިން ވިދާޅުވެއެވެ. މިސްކޮލަރޝިޕް ލިބޭ ދަރިވަރުން ކިޔަވަމުންދާނީ ދިއްލީ ޔުނިވަރސިޓީ އާއި ހައިދަރްއާބާދްގެ އިތުރަށް ބެންގަލޫރުގައި ހުރި ޔުނިވަރސިޓީތަކުގައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އިންޑިއަން ކައުންސިލް ފޯރ ކަލްޗަރަލް ރިލޭޝަންސްގެ ޑިރެކްޓަރ ސައްޔިދު ތަންވީރު ނަސްރީން ވިދާޅުވީ މި ސްކޮލަރޝިޕްތަކަކީ އިންޑިއާ ސަރުކާރުން ޚަރަދުކޮށްގެން ކުރިއަށްގެންދާ ސްކޮލަރޝިޕްތަކެއްކަމުން ދަރިވަރުން ހުންނާނެތަންވެސް ދަރިވަރުން ކިޔަވާ ޔުނިވަރސިޓީން ހަމަޖައްސަވާނެކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ދަރިވަރުން އިންޑިއާއަށް ގޮސް ތަޢުލީމް ހާސިލްކުރުމަކީ ވަރަށް ބޮޑަށް އެދޭކަމެއްކަމަށާއި މީގެ ކުރިން ފޯރުކޮށްދީފައިވާ ސްކޮލަރޝިޕްތަކުގެ ދަށުން ކިޔެވި ދަރިވަރުންވެސް ރަނގަޅު ނަތީޖާ ހޯދާ ރާއްޖެ އައިސްފައިވާކަމަށެވެ.

މި ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 31ގެ ނިޔަލަށް ހުޅުވާލާފައިވާއިރު އުމުރުން 18 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންނަށް މި ސްކޮލަރޝިޕްތަކަށް އެދި ހުށައެޅޭނެއެވެ.

އައިސީސީއާރު ސްކޮލަރޝިޕްގެ ތެރެއިން 24 ސްކީމެއްގެ ދަށުން އަހަރެއްގެ ތެރޭގައި ތިންހާހަށްވުރެ ގިނަ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައެވެ. އެގޮތުން އިންޑިޔާގައި ދުނިޔޭގެ 100 އަށްވުރެ ގިނަ ޤައުމެއްގެ ފަސްހާހަށްވުރެ ގިނަ ދަރިވަރުން އައިސީސީއާރު ސްކޮލަރޝިޕްގެ ދަށުން ކިޔަވަމުންދެއެވެ.