ވިޔަފާރި

ނަލަންދޫގައި ރިސޯޓެއް ތަރައްޤީކުރަން ހުޅުވާލުމަށް މަސައްކަތް ކުރަނީ


ށ އަތޮޅު ނަލަންދޫގައި ރިސޯޓެއް ތަރައްޤީކުރުމަށް ހުޅުވާލުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ އެމްޑީޕީން ކުރިއަށްގެންދާ "ރަށްވެހި ފަތިސް" ކެމްޕެއިނުގައި ށ.އަތޮޅަށް ޚާއްސަކޮށްގެން ބޭއްވި ބައްދަލުވުމުގައި ކެނޑިޑޭޓުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

މިބައްދަލުވުމުގައި އެމްޑީޕީ ޓިކެޓުގައި ކައުންސިލް އިންތިޚާބަށް ވާދަކުރާ ފަރާތްތަކުން ސރުކާރަށް ހުށަހެޅި ސުވާލުތަކުގެ ތެރެއިން އެންމެ ގިނައިން އަމާޒްވި އެއް ސުވާލަކީ ނަލަންދޫގައި ރިސޯޓެއް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތް ދިޔަ ހިސާބަކާއި ގުޅޭގޮތުންނެވެ. މި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ނަލަންދޫ މީގެކުރިން އޮތީ ފިޝަރީޒް މިނިސްޓްރީގެ ދަށުގައި ކަމަށާއި، ރަށެއް ދޫކޮށްފައިވާ ފަރާތުން އެރަށް އަނބުރާ ނެގުމުގައި ފިޝަރީޒް މިނިސްޓްރީން ބަލަން ޖެހޭ ކަންތައްތަކެއް ހުންނަ ކަމަށެވެ.

"ނަލަންދޫއަކީ ރިސޯޓެއް ތަރައްޤީކުރުމަށް އަޅުގަނޑުމެން ކަނޑައަޅާފައި އޮތް ރަށެއް، އެރަށަކީ އެހެން މަސައްކަތްތަކެއް ބަޔަކު ކޮށްފައި އޮތް ރަށަކަށްވާތީ، އެރަށް ނަގާ ކަމަށްވަންޏާ ބަދަލުދޭން ޖެހޭ، ފިޝަރީޒް މިނިސްޓްރީން، މިހާރު މަސައްކަތްކުރާ ފަރާތާއި އެކީ އެކަން ހައްލުކުރެވޭނެ ގޮތެއް ހޯދަމުން އެބަ ގެންދޭ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ގުދުރަތީގޮތުން ތަފާތު ރީތި ސިފަތަކެއް ލިބިފައިވާ ނަލަންދޫގައި ރިސޯޓެއް ތަރައްޤީ ކުރެވިގެން ދިޔުމުން ށ.އަތޮޅުގައި ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އެ އަތޮޅުގެ ގިނަ ރައްޔިތުން ދެކެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ނަލަންދޫ މިވަގުތު ބޭނުންކުރަމުން އަންނަނީ ލަނޑާ ނެގުންފަދަ މަސްވެރިކަމުގެ މަސައްކަތްތައް ކުރުމަށެވެ.

ސަރުކާރުން ނަލަންދޫ އަނބުރާ ނަގަން ބޭނުންވާތީ އެކަމާއި ގުޅޭ މަސައްކަތްތައް ފިޝަރީޒް މިނިސްޓްރީން ދަނީ ކުރަމުންނެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހުގެތެރޭގައި ފިޝަރީޒް މިނިސްްޓްރީންވަނީ ނަލަންދޫވެސް ހިމެނޭހެން ސަރުކާރުން ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރި ހދ. ހޮނޑައިދޫ އާއި ނ. މިނާވަރު ސަރުކާރުގެ ބޭނުމަށް ނަގަން ނިންމާ، އެ ރަށްރަށަށް ކޮށްފައިވާ އިންވެސްޓްމަންޓް ބަލަން ވެލުއޭޝަން އޮޑިޓެއް ތައްޔާރު ކުރުމަށް ބަޔަކާއި ހަވާލުކުރުމުގެ މަސައްކަތް ފަށާފައެވެ.