ކުޅިވަރު

ވާރލްޑް ކަޕް ކޮލިފައިންގައި ގުރޫޕު ސީގެ އެއްވަނައަށް އިޓަލީ


2022 ވަނަ އަަހަރު ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވާރލްޑް ކަޕަށް ކޮލިފައިވުމަށް ޔޫރަޕް ސަރަހައްދުގެ ކޮލިފައިންގ ގްރޫޕް ސީ ގައި އިޓަލީވިލާތާއި ލިތުއޭނިއާ ބައްދަލުކުރިމެޗް އިޓާލީވިލާތް ކާމިޔާބުކޮށްފިއެވެ. ލިތުއޭނިއާގައި ކުޅުނު މިމެޗް އިޓަލީ ކާމިޔާބުކުރީ 2 ލަނޑު ސުން ލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިޓަލީއިންނެވެ. މިމެޗްގައި އިޓަލީއިންވަނީ 29 ހަމަލާއެއް އުފައްދާފައެވެ. ނަމަވެސް އެޓީމްގެ މޮޅު ކުޅުމާއެކުވެސް މިމެޗްގެ ފުރަތަމަ ހާފްގައި އިޓަލީއަށް ލަނޑެއް ކާމިޔާބުކުރެވޭގޮތެއް ނުވިއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 47 ވަނަ މިނެޓްގައި ޖަހާދިނީ ސްޓެފާނޯ ސެންސީއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ އިތުރުވަގުތުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ސީރޯ އިމޮބިލޭއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު އިޓަލީއަށް ލިބި ބޭކާރުވެގެން ގޮސްފައިވެއެވެ.

މިކާމިޔާބީއާއެކު އިޓަލީވިލާތް މިހާރު އުޅެނީ ކުޅުނު ތިން މެޗުން ލިބިފައިވާ 9 ޕޮއިންޓާއެކު ގްރޫޕް ސީގެ އެއްވަނައިގައެވެ. ދެވަނައިގާ އުޅެނީ ސްވިޓްޒަލަންޑެވެ. އެއީ ކުޅުނު ދެމެޗުން ލިބިފައިވާ 6 ޕޮއިންޓާއެކުއެެވެ. މި ގްރޫޕްގައި ނޯދަން އަޔަލަންޑް އާއި ބަލްގޭރިއާ ރޭ ބައްދަލުކުރިމެޗް ނިމުނީ އެއްވެސް ޓީމަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރުވެގެންނެވެ.