ކުޅިވަރު

ފަރަންސޭސިވިލާތް ގުރޫޕު ޑީގެ އެއްވަނައަށް


2022 ވަނަ އަހަރު ޤަތަރުގައި ބާއްވާ ފީފާ ވާރލްޑް ކަޕަށް ކޮލިފައިވުމަށް ޔޫރަޕް ސަރަހައްދުގެ ކޮލިފައިންގ ގްރޫޕް ޑީގައި ފަރަންސޭސިވިލާތާއި ބޮސްނިއާ ހަރޒަގޮވީނާ ބައްދަލުކުރިމެޗް ފަރަންސޭސިވިލާތް ކާމިޔާބުކޮށްފިއެވެ. ބޮސްނިއާ ހަރޒަގޮވީނާގައި ކުޅުނު މިމެޗް ފަރަންސޭސި ޓީމް ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ފަރަންސޭސިވިލާތެވެ. ނަމަވެސް މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވޭގޮތެއް ނުވިއެވެ. މިމެޗްގެ ހަމައެކަނި ލަނޑު މެޗްގެ 60 ވަނަ މިނެޓްގައި ޖަހައިދިނީ ފަރަންސޭސި ޓީމްގެ އެންޓޮއިން ގްރިޒްމަންއެވެ. މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ފަރަންސޭސި ޓީމަށް ލިބި ބޭކާރުވިއެވެ. އަދި މިމެޗުން ފަރަންސޭސީން މޮޅުވުމުގައި އެޓީމުގެ ކީޕަރ ހޫގޯ ލޮރިސްގެ ދައުރުވެސް ވަރަށް ބޮޑެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ބޮސްނިއާއިން އުފެއްދި ނުރައްކާތެރި ހަމަލާތަކެއް ލޮރިސް ވަނީ ވަރަށް ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މިކާމިޔާބީއާއެކު ފަރަންސޭސިވިލާތް އުޅެނީ ކުޅުނު ތިން މެޗުން ލިބިފައިވާ 7 ޕޮއިންޓާއެކު ގްރޫޕް ޑީގެ އެއްވަނައިގައެވެ. މިގްރޫޕްގެ ދެވަނައިގާ މިވަގުތު އޮތީ ކުޅުނު ތިން މެޗުން ތިން ޕޮއިންޓް ލިބިފައިވާ ޔޫކްރެއިންއެވެ. މިގްރޫޕްގައި ޔޫކްރެއިން އާއި ކަޒަކިސްތާން ރޭ ބައްދަލުކުރިމެޗް އެއްލަނޑު އެއްލަނޑުން ވީ އެއްވަރެވެ. ޔޫކްރެއިން މިފަހަރުގެ ކޮލިފައިންގައި މިހާތަނަށް ކުޅުނު ތިންމެޗުވެސް ވަނީ އެއްވަރުވެފައެވެ.