ކުޅިވަރު

ނެޓްސް އާއި ރޮކެޓްސް ބައްދަލުކުރިމެޗް ނެޓްސް ކާމިޔާބުކޮށްފި


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ބްރޫކްލިން ނެޓްސް އާއި ހިއުސްޓަން ރޮކެޓްސް ބައްދަލުކުރިމެޗް ނެޓްސް ކާމިޔާބުކޮށްފިއެވެ. މިމެޗް ނެޓްސް ކާމިޔާބުކުރީ 120 ޕޮއިންޓް 108 ޕޮއިންޓުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ނެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 31 ޕޮއިންޓް ހޯދައިދީ 12 އެސިސްޓް ދިން ކައިރީ އަރވިންގއެވެ. އަދި ރޮކެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 20 ޕޮއިންޓް ހޯދައިދިން ކެވިން ޕޮޓަރ ޖޫނިއަރއެވެ.

މިމުބާރާތުގައި ޔޫޓާ ޖޭޒް އާއި މެމްފިސް ގްރިޒްލީސް ބައްދަލުކުރިމެޗް 111 ޕޮއިންޓް 107 ޕޮއިންޓުން ކާމިޔާބުކުރީ ޖޭޒްއެވެ. މިމެޗްގައި ޖޭޒްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 26 ޕޮއިންޓް ހޯދައިދީ 7 އެސިސްޓް ދިން މައިކް ކޮންލީއެވެ. އަދި ގްރިޒްލީސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 36 ޕޮއިންޓް ހޯދާދިން ޖާ މޮރާންޓްއެވެ. މީގެއިތުރުން ޑެލަސް މެވްރިކްސް އާއި ބޮސްޓަން ސެލްޓިކްސް ބައްދަލުކުރިމެޗް 113 ޕޮއިންޓް 108 ޕޮއިންޓުން ކާމިޔާބުކުރީ މެވްރިކްސްއެވެ. މިމެޗްގައި މެވްރިކްސްގެ ލޫކާ ޑޮންޗިޗްވަނީ އެޓީމަށް 36 ޕޮއިންޓް ހޯދާދީ 8 ރީބައުންޑް ނަގާފައެވެ. އަދި ސެލްޓިކްސްގެ ޖޭސަން ޓެޓުމްވަނީ އެޓީމަށް 25 ޕޮއިންޓް ހޯދައިދީ 9 ރީބައުންޑް ނަގާފައެވެ.
މިމުބާރާތުގައި މައޭމީ ހީޓް އާއި އިންޑިއާނާ ޕޭސަރސް ބައްދަލުކުރިމެޗް 92 ޕޮއިންޓް 87 ޕޮއިންޓުން ކާމިޔާބުކުރީ ހީޓްއެވެ. އަދި ޕޯޓްލަންޑް ޓްރެއިލް ބްލޭޒަރސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރިމެޗް 124 ޕޮއިންޓް 101 ޕޮއިންޓުން ކާމިޔާބުކުރީ ބްލޭޒަރސްއެވެ.