ކުޅިވަރު

ވީއޭއެމްގެ އިންތިޙާބް މާދަމާ ހަވީރު 4 ޖަހާއިރު

ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބް މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.

އެސޯސިއޭޝަން އިންތިޚާބީ ރައީސް މުހައްމަދު ލަތީފްވަނީ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ވީއޭއެމްގެ އިންތިޚާބު ކުރިއަށް ގެންދިއުމަށް އިލެކްޝަން ކޮމެޓީއެއް އެކުލަވާލާފައެވެ. މިކޮމެޓީގައި ހިމެނެނީ ވީއޭއެމްގެ ކުރީގެ ރައީސް މުހައްމަދު ރިޔާޒާއި ކުރީގެ މަޝްހޫރު ފުޓްބޯޅަ ރެފްރީ އަބްދުﷲ ޒުހެއިރުއެވެ. މިފަހަރުގެ އިންތިޚާބުގައި ރައީސްގެ މަގާމްއަށް ކުރިމަތިލާފައިވަނީ ދެ ފަރާތަކުންކަމަށް މަޢުލުމާތު ލިބިފައިވެއެވެ. މުހައްމަދު ރަނޭޝް އާއި އިލްޔާސް އިބްރާހިމްވަނީ ފޯމް ހުށައެޅިކަން ޔަގީންކޮށްދީފައެވެ. ރަނޭޝް އާއި އިލްޔާސްވަނީ މީގެ ކުރިން މޯލްޑިވްސް ވޮލީ ބޯލް އެސޯސިއޭޝަންގެ އިސް މަގާމުތައް ފުރާފައެވެ. އެގޮތުން އިލްޔާސްވަނީ 2008ކުން ފެށިގެން 2013ވަނަ އަހަރާއި ހަމައަށް ވީއޭއެމްގެ ނައިބް ރައީސްކަންވެސްކޮށްފައެވެ.

ވޮލީގެ ލިބަރޯއަށް ކުޅެފައިވާ އިލްޔާސްވަނީ އީޕީއެސްގެ ޓީމަށް ކުޅެ އެސްކޫލަށް ތަށި މިލްކްކޮށްދިނުމުގައި މުހިންމު ރޯލެއް އަދާކޮށްފައެވެ. ވޮލީ ހިންގުމުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ އިލްޔާސްވަނީ ވޮލީ ކޯޗިންގެ އިތުރުން ވޮލީގެ ރެފްރީކަންވެސްކޮށްފައެވެ.

ކުރީގެ ގައުމީ ސެޓަރު މުހައްމަދު ރަނޭޝްވަނީ 2016ވަނަ އަހަރު މުހައްމަދު ލަތީފްގެ ލީޑަރޝިޕްގެ ހަޒާންދާރުގެ މަގާމް ފުރުމަށްފަހު، ރަނޭޝްވަނީ ވީއޭއެމްގެ ސީނިއަރ ނާއިބް ރައީސްގެ މަގާމު ވެސް އަދާކޮށްފައެވެ. އަދި ހިތްހަމަނުޖެހުންތަކާއެކު 2018ވަނަ އަހަރު މުހައްމަދު ރަނޭޝްވަނީ މަގާމުން އިސްތިއުފާދީފައެވެ.

މިފަހަރުގެ އިންތިޚާބުގައި އަމަލުކުރާނީ 2015ވަނަ އަހަރުގެ އަސާސީ ގަވާއިދުއާއި އެއްގޮތަށެވެ. މިގޮތަށް ފާސްކޮށްފައިވަނީ މިމަހުގެ 24ވަނަ ދުވަހު ބޭއްވުނު އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައިއެވެ. މާދާމާ ހަވީރު ހަތަރެއްޖަހާއިރު ބެއްވުމަށް ހަމަޖެހިފައިވާ ވީއޭއެމްގެ އިންތިޚާބުގެ ކަންތައްތައް ކުރިއަށްދާނީ އެޗްޕީއޭގެ ގައިޑްލައިންތަކާއެއްގޮތަށެވެ.


2015ވަނަ އަހަރުގެ އަސާސީ ގަވާއިދު ބުނާ ގޮތުން ވޯޓުން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވަނީ ރައީސް، ނައިބް ރައީސް، ހަޒާންދާރުގެ އިތުރުން ކޮމިޝަންތަކުގެ ތެރެއިން ޓެކްނިކަލް އެންޑް ޑިވެލޮޕްމެންޓް ކޮމިޝަނާއި ރޫލްސް ކޮމިޝަންގައި 5 މެންބަރުން ތިބޭއިރު، ވޯޓުން ހޮވާ 3 މެންބަރުންނާއި، ބީޗްވޮލީ ކޮމިޝަންގައި 9 މެންބަރުންތިބޭއިރު، ވޯޓުން ހޮވާ 6 މެންބަރުންނެވެ. މިއިންތިހާބްގައި ވޯޓް ލުމުގެ ހައްގުލިބިފައިވާ 9 ކުލަބްއަކީ ދިވެހި ސިފައިންގެ ކުލަބް، ޕޮލިސް ކުލަބް، އައްޑޫ ސްޕޯޓްސް ކުލަބް، ސްޕޯޓްސް ކުލަބް ހޯކްސް، ގުޑީސް ސްޕޯޓްސް ކުލަބް، މޯލްޑިވިއަން، ޔޫތް ނިއު ޖެނެރޭޝަން އަދި ކުލަބް ހާފް ލިންކޭޖްއެވެ.

ވީއޭއެމްގެ މައްސަލަތަކެއް ހުރިކަމަށް ފާހަގަވެ، އެމައްސަލަތައް ބެލުމަށް ސްޕޯޓްސް ކޮމިޝަނަރވަނީ ވީއޭއެމް ނޯމަލައިޒިން ކޮމިޓީ އާއި ހަވާލުކޮށް މައްސަލަ ބަލަން ފެށިއެވެ. ވީއޭއެމްއަށް ކުރިމަތިވެފައިވާ މައްސަލަތަށް ހައްލުކުރުމަށް، 2019 ވަނަ އަހަރު، ސްޕޯޓްސް މިނިސްޓރަ އަހުމަދު މަހުލޫފާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުގޫޒު ވަނީ އެފްއައިވީބީ އާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައިވެއެވެ. ކުރެވުނު މަޝްވަރާތަކަށް ފަހު އެފްއައިވީބީއިން އެޑްހޮކް ކޮމިޓީއެއް އުފައްދާ، ވީއޭއެމަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ގެނައުމަށް މަސައްކަތްފެށިއެވެ. ނަމަވެސް، ކޯވިޑް 19ގެ ހާލަތާއި ގުޅިގެން މި މަސައްކަތް އެދެވޭ ގޮތެއްގައި ކުރިޔަށް ނުގެންދެވުނެވެ. އެހެންކަމުން، މާދަމާ ބާއްވާ ވީއޭއެމްގެ އިންތިޚާބާއެކު، ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ލިބިގެންދާނެކަމަށް ބެލެވެއެވެ.