ދުބާއީ އެގްޒެކިއުޓާސްއާއި ހަވާލުކޮށްގެން ގެނައުމަށް މަސައްކަތްކުރި ވެންޓިލޭޓަރުތަކުގެ މައްސަލާގައި ސަރުކާރުގެ މިހާރުގެ ވިސްނުން ހުރީ އެފައިސާ އަނބުރާ ހޯދުންކަމަށާއި، އެހެންކަމުން އެމައްސަލަ އާބިޓްރޭޝަނަށް ހުށައެޅުމަށް ނިންމާފައިވާކަަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ ވެންޓިލޭޓަރުތައް ރާއްޖެއަށް ހޯދުމަށް ދުބާއީގެ އެގްޒެކިއުޓާސްއަށް ދެއްކި ފައިސާއާއި އެއްގޮތަށް އެ ވެންޓިލޭޓަރުތައް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަަމަށެވެ. އެގޮތުން އެކި މުއްދަތުތައް ދީގެންވެސް ވެންޓިލޭޓަރުތައް ގެނައުމަށް ކުރި މަސައްކަތުން ނަތީޖާ ލިބިފައިނުވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
އާބިޓްރޭޝަނަށް މައްސަލަ ގެންދިއުމަށް އެޓާނީ ޖެނެރަލް މަސައްކަތްކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވަމުން މަބްރޫކް ވިދާޅުވީ، އެގްޒެކިއުޓާސްއާއެކު ވެފައިވާ އެއްބަސްވުމުގައިވެސް ޔުނައިޓެޑް ނޭޝަންސް އޮން އިންޓަރނޭޝަނަލް ޓްރޭޑް ލޯއާއި އެއްގޮތްވާ ގޮތުގެމަތިން އިންޓަރނޭޝަނަލް އާބިޓްރޭޝަނަށް ދެވޭނެކަން ބަޔާންކުރާކަމަށެވެ.
"މި އާބިޓްރޭޝަންގެ އާބިޓްރޭޝަނަކަށްވާނީ ރާއްޖޭގެ އާބިޓްރޭޓާއެއް. އަދި މި މައްސަޅާގައި އަޅުގަނޑުމެން މި އެދެނީ މި އެގްރިމަންޓާއި ޚިލާފްވެފައިވާކަަމަށްދެކި މިކަމަށް ދެއްކި ފައިސާ އަނބުރާ ހޯދަން. އެޓަރނީ ޖެނެރަލް އަޅުގަނޑުގާތު ވިދާޅުވި، މިކަހަކަ އިންޓަރނޭޝަނަލް އާބިޓްރޭޝަންތަކުގައި އިންޓަރނޭޝަނަލް ކޮންވެންޝަންތައް ހުރެއޭ. ޓްރީޓީތައްވެސް ހުރޭ. މިގޮތުން ރާއްޖެއަކީ ނިއުޔޯކް ޓްރީޓީގެ ބައިވެރިއެއް. އަދި ޔޫއޭއީ އަކީވެސް ނިއުޔޯކް ޓްރީޓީގެ ބައިވެރިއެއް. މި މައްސަލަ ނިމޭގޮތަކުން އެމައްސަލަ ތަންފީޒް ކުރުމުގައި ބައިނަލްއަޤްވާމީ ޓްރީޓީތަކާއި ޖަމާއަތްތަކުން މަސައްކަތްކޮށްދޭނެ. ކުރާނެ. އަޅުގަނޑުމެންގެ ވިސްނުމަކީ މިހާރު އެފައިސާ އަނބުރާ ރާއްޖެއަށް ހޯދުން." މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، ވެންޓިލޭޓަރުތަކުގެ މައްސަލާގައި ޖިނާޢީ ތަހުގީގެއް އޮތްނަމަ އެކަން ކުރެވެމުން ގެންދާނެކަމަށާއި، މިކަމުގައި އެއްވެސް މީހަކު ޝާމިލްވެފައިވާނަމަ އެމީހަކާމެދު ފިޔަވަޅު އެޅޭނެކަމަށެވެ.
ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުަތައް ހޯދުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަށް އޭސީސީން ތަހުގީގްކޮށް ދައުވާކުރުމަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން ދައުވާ ނުކުރުމަށް ނިންމާފައެވެ. ނަމަވެސް މި މައްސަލާގައި ދައުވާ ނުކުރުމަށް ނިންމި ނިންމުމާމެދު އޭސީސީއާއި އާންމު ރައްޔިތުންގެ ކަންބޮޑުވުން އޮތުމުން އެކަމުގައި އިތުރަށް ބަލަންޖެހޭ ކަންކަން ހުރިކަން ނުވަތަ ނޫންކަން ދެނަގަތުމަށް ނިންމާފައިވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވަނީ ހާމަކުރައްވާފައެވެ.