ޚަބަރު

ކޯވިޑް-19އާ ގުޅޭގޮތުން ޑަބްލިޔުއެޗުއޯއިން ކުރި ތަހުޤީޤާމެދު ހިތްހަމަނުޖެހުން


ކޯވިޑް-19ގެ އަސްލާއި އެ ބަލި އެންމެ ފުރަތަމަ ފެތުރުނު ގޮތައި ގުޅޭގޮތުން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ ޑަބްލިޔުއެޗުއޯއިން ނެރެފައިވާ ރިޕޯޓާމެދު ހުރި ކަންބޮޑުވުންތައް ޙިއްޞާކޮށް 14 ޤައުމަކުން ގުޅިގެން ބަޔާނެއް ނެރެފިއެވެ. އެ ބަޔާން ނެރެފައިވަނީ ބަލީގެ އަސްލު މަސްދަރު ދެނެގަތުމަށް ދަތުރުކުރި ތަހުޤީޤީ ވަފުދަށް ޗައިނާއިން މަޢުލޫމާތު ސިއްރުކޮށްފައިވާކަމަށް ޑަބްލިއުއެޗުއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނަމް ގެބްރިޔޭސުސް ވިދާޅުވެފައިވަނިކޮށެވެ.

އެމެރިކާ ހިމެނޭ ގޮތަށް 14 ޤައުމުން ގުޅިގެން ނެރުނު ބަޔާނުގައި ބުނީ ކޯވިޑް-19ގެ އަސްލާ ގުޅޭގޮތުން ކުރި ދިރާސާ ވަރަށް ބޮޑަށް ލަސްވެފައިވާކަމަށާއި ވައިރަހާގުޅޭ މުހިންމު މަޢުލޫމާތުތަކެއް ތަހުޤީޤީ ވަފުދަށް ލިބިފައިނުވާތީ އެކަމާމެދު ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަމަށެވެ.

ޑަބްލިއުއެޗުއޯގެ ރިޕޯޓުގައި ބުނީ އިންސާނުންނަށް ކޯވިޑް-19 ޖެހުނީ ޖަނަވާރުންގެ ޒަރިއްޔާއިންކަމަށް ބުރަވެވޭކަމަށެވެ. އަދި ބަލިމަޑުކަން ފެތުރެން މެދުވެރިވީ ލެބޯޓުރީއަކުންކަމަށް ނުބެލެވޭކަމަށްވަނީ ބުނެފައެވެ. އެކަމާ ގުޅޭގޮތުން ޤައުމުތަކުން ނެރުނު ބަޔާނުގައި ބުނީ އިންސާނުންނަށް ކޯވިޑް-19 ޖެހުނު ގޮތް އިތުރަށް ތަހުޤީޤުކުރުމަށް ޖަނަވާރުންނާގުޅޭ އިތުރު ދިރާސާތަކެއް ކުރުމަށް އެ ޤައުމުތަކުން ބާރު އަޅައިކަމަށެވެ. އަދި ތަހުޤީޤީ މާހިރުންނަށް ބަލިމަޑުކަމާބެހޭ ހުރިހާ މަޢުލޫމާތެއް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށްވެސް އެ ބަޔާނުގައިވަނީ ބުނެފައެވެ.

އެމެރިކާގެ އިތުރުން އެ ބަޔާނުގައި ސޮއިކޮށްފައިވަނީ އޮސްޓްރޭލިޔާއާއި ކެނެޑާއާއި ޗެކް ރިޕަބުލިކާއި ޑެންމާކާއި އެސްޓޯނިޔާއާއި އިސްރާއީލާއި ޖަޕާނާއި ލެޓުވިޔާއާއި ނޯވޭއާއި ދެކުނު ކޮރެޔާއާއި ސްލޮވީނިޔާއާއި ލިތުއޭނިޔާއާއި އިނގިރޭސިވިލާތުންނެވެ.