ޚަބަރު

ކޯވިޑަށް ޓެސްޓް ހެދޭނެ އިތުރު ވަޞީލަތްތައް އަންނަމަހު ލިބޭނެ: ނަސީމް


ރާއްޖޭގައި ކޯވިޑް-19އަށް ޓެސްޓް ކުރުމަށް ބޭނުންވާ އިތުރު ވަޞީލަތްތައް މިފެށޭ އޭޕްރީލްމަހު ލިބޭނެކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ނަޞީމް ވިދާޅުވީ، ރާއްޖޭގައި ކޯވިޑް ކޭސްތައް އިތުރުވަމުން އަންނައިރު، 3،000އެއްހާ ސާމްޕަލް މިވަގުތުވެސް ޕެންޑިންގައި އެބަހުރިކަމަށެވެ. މިނިސްޓަރ ވިދާޅުވީ، މިހާރު ސާމްޕަލް ނަގަމުންދާ އަދަދަށް ބާލާއިރު އިތުރު ވަޞީލަތްތައް ބޭނުންވާކަމަށެވެ. އެގޮތުން ކޯވިޑަށް ޓެސްޓްކުރެވޭނެ އިތުރު ވަޞީލަތްތައް އަންނަ މަހު ލިބޭނެކަމަށާއި، އެ ވަޞީލަތްތައް ލިބުމުން އެ މައްސަލަތަކަށް ޙައްލު ލިބޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"3000 ޓެސްޓް ހަދަން ހުރި އެއްޗެހީގެ ބެކްލޮގް ކްލިއާ ކުރެވޭނެ ގޮތެއް އަދި ނެތް. ދެ ދުވަހެއްގެ ތެރޭ އެކަމަށް ސޮލިއުޝަނެއް ލިބޭނެ" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި އަތޮޅުތަކުގެ ކޯވިޑް-19 ކޭސްތައް މިވަގުތު އެންމެ ގިނައީ ޅ.އަތޮޅުގައިކަން ފާހަގަކުރައްވައި ވިދާޅުވީ، ޅ.ފެލިވަރު ކްލަސްޓާގެ ކޭސްތައް އެހެން އަތޮޅުތަކުންވެސް މިހާރު ފެންނަމުންދާކަށެވެ.

ރާއްޖޭގެ އަތޮޅުތަކުގައި މިވަގުތުވެސް 471 މީހުން ކޯވިޑް ބަލިމީހުންގެ ގޮތުގައި އެބަތިބިކަމަށް އެޗްއީއޯސީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ރާއްޖޭގައި މިވަގުތު ދުވާލަކު 5600 އަށްވުރެ ގިނަ ކޯވިޑް ޓެސްޓް ހެދުމުގެ ޤާބިލުކަން އެބަހުރިކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.