ވިޔަފާރި

ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރާނީ ސީޕްލޭން ޓަރމިނަލަކާއެކު: ފައްޔާޒު


ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ފުރިހަމަ އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ބަދަލުވެގެންދާއިރު، އެ އެއަރޕޯޓުގައި ސީ ޕްލޭން ޓަރމިނަލެއްވެސް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ފައްޔާޒް މިހެން ވިދާޅުވީ އެމްޑީޕީން ކުރިއަށްގެންދާ "ރަށްވެހި ފަތިސް" ކެމްޕެއިނުގައި ށ.އަތޮޅަށް ޚާއްސަކޮށްގެން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓް ތަރައްޤީކުރުމުގެ މަޝްރޫއުގެ ބީލަން މަރުޙާލާގެ ފުރަތަމަ ހަރުފަތްކަމުގައިވާ ކޮންޓްރެކްޓަރުން ޕްރީކޮލިފައިވުމަށް ހުށަހެޅުމަށް އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބެންކުން މިހާރުވަނީ ހުޅުވާލާފައެވެ.

މި މަޝްރޫޢަކީ އިންޑިއާގެ އެގްޒިމްބެންކުގެ ލޯނު ފައިސާއިން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.މި މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2,460 މީޓަރުގެ އާ ރަންވޭއަކާއި 111000 އަކަފޫޓުގެ ޒަމާނީ ޓަރމިނަލެއް ޢިމާރާތްކުރެވޭނެއެވެ. އަދި 624000 އަކަފޫޓުގެ އޭޕްރަންއަކާއި ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ޤާއިމުކުރެވިގެންދާނެއެވެ.

އެއަރޕޯޓަށް ގެންނަ ތަރައްޤީތަކާއެކު ބޮޑު ތިލަދުންމައްޗަށް އަންނާނެ ކުރިއެރުންތަކުގެ މަޢުލޫމާތުތައް ހިއްސާ ކުރައްވަމުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތް ފުޅާވެގެން ދިޔުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

"އަހަރުތަކުގެތެރޭގައި ބޯޓުތައް ޖައްސަން ފެށުނީމައި، އެއާ ގުޅިގެން ޓޫރިޒަމްގެ އެނދުތައް އިތުރުވެގެންދާއިރު، ށ.އަތޮޅާއި ހަމައަށް އޭގެ މަންފާ ކުރާނެ، ވަޒީފާއެއް ވިޔަސް ކުދި ކުދި ވިޔަފާރިތައް ވިޔަސް އަދި އެހެން ގޮތްގޮތުން ވިޔަސް،" މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޒް ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް ގެންނަ ތަރައްޤީތަކުގެތެރޭގައި، އެއަރ ޓެކްސީ ޓަރމިނަލެއް ތަރައްޤީކުރުންވެސް ހިމެނޭ ކަމަށެވެ.

"ހަނިމާދޫ އިންޓަރނޭޝަލް އެއަރޕޯޓާއި އެކު އެއާ ޓެކްސީ ޓަރމިނަލްގެ ޖާގަވެސް އޮންނާނެ، އެހެންވީމަ މިހާރު މާލެއިން އެ އިންނަ ކަނެކްޝަނަށްވުރެ ފާސްޓް ކަނެކްޝަންތަކާއި ފަސޭހަގޮތްތަށްވެސް ލިބިގެންދާނެ،" މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓް ތަރައްޤީކުރުމުގެ މަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320 އާއި، ބޯއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއަރޕޯޓުން ޚިދުމަތް ދެވިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ޤައުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ޤާބިލުކަން ލިބިގެންދާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ހަނިމާދޫ އެއަރޕޯޓުގެ ޓަރމިނަލް ފަރުމާކުރެވިފައިވަނީ ދިވެހި ކަނޑުތަކުގައި ދިރިއުޅޭ މަޑި ސިފަވާނެފަދަ ދިވެހިވަންތަ ފަރުމާއަކަށެވެ. އަދި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ވަޞީލަތްތަކާއެކުގައެވެ. ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމަކީ ރާއްޖޭގެ އުތުރުގައި އިޤްތިޞާދީ މައި ހަބެއް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ގެންގުޅުންވާ ވިސްނުންފުޅުގެ ދަށުން ކުރިޔަށްގެންދާ މުހިއްމު މަޝްރޫއެކެވެ.

އެގޮތުން މި މަޝްރޫޢަކީ އުތުރުގައި ރިސޯޓުތަކާއި، ސިޓީ ހޮޓަލާއި ގެސްޓްހައުސްތައް އިތުރުކޮށް، ފަތުރުވެރިކަން ފުޅާކުރުމަށް މުހިއްމު މަޝްރޫއެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ހަނިމަދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ބީލަން މަރުޙަލާ މިހާރު ފަށާފައިވާއިރު، ހަނިމާދޫ އެއަރޕޯޓު ބޮޑުކޮށް، އަލުން ތަރައްޤީކުރުމުގެ މަޝްރޫޢު މިއަހަރުގެ ޖުލައިމަހުގެތެރޭ ބަޔަކާއި ހަވާލުކުރެވޭނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވަނީ މީގެކުރިން ވިދާޅުވެފައެވެ.