ވިޔަފާރި

ރާއްޖޭގެ އިޤްތިޞާދީ ދުވެލި މިހާރު ހުރީ ރަނގަޅު މިސްރާބަކަށް: އަމީރު


ރާއްޖޭގެ އިޤްތިސާދީ ދުވެލި މިހާރު ހުރީ ރަނގަޅު މިސްރާބަކަށްކަމަށް ފިނޭންސް މިނިސްޓަރ އިބްރާޙިމް ޢަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވީ އެމްޑީޕީން ކުރިއަށްގެންދާ "ރަށްވެހި ފަތިސް" ކެމްޕެއިނުގައި ށ.އަތޮޅަށް ޚާއްސަކޮށްގެން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ މިއަހަރުތެރޭ ރާއްޖެއަށް 1 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި ނަމަވެސް ރާއްޖޭގެ އިޤްތިސާދު 34 އިންސައްތަ ކުރިއެރުމެއް ލިބިގެންދާނެކަމަށެވެ. އަދި މިހާރު ލަފާ ކުރެވެނީ ރާއްޖެއަށް މިއަހަރު 1.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް ކަމަށް މިނިސްޓަރ ޢަމީރު ވިދާޅުވިއެވެ.

"2020 ވަނަ އަހަރު މިއައި އިޤްތިސާދީ ކްރައިސިސްއަށް ފަހު، ރާއްޖޭގެ އިޤްތިސާދީ ދުވެލި މިހާރު މިހުރީ ރަނގަޅު މިސްރާބަކަށް، 2020ވަނަ އަހަރާ އަޅާ ބަލާއިރު، 2021ވަނަ އަހަރު ރާއްޖޭގެ އިޤްތިސާދު ގާތްގަނޑަކަށް 34 ފަސަންޓު ކުރިއެރުމެއް ލިބިގެންދާނެ، 1 މިލިއަން ފަތުރުވެރިން އަޔަސް، އެކަމް މިހާރު ފެނިގެން މިދަނީ 2021ވަނަ އަހަރު 1.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް،" މިނިސްޓަރ ޢަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތަފްސީލްތައްވެސް ދެއްވާފައެވެ. އެގޮތުން އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ބޮޑެތި މަޝްރޫޢުތަކުގެ މަސައްކަތް ފެށިފައިވާކަމަށްވެސް މިނިސްޓަރ ޢަމީރު ވިދާޅުވިއެވެ.

"2019 ވަނަ އަހަރު 6 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓްސްތައް އެވޯޑްކުރެވިފައިވަނީ، 2020ވަނަ އަހަރު 3 މިލިއަނެއްހާ ރުފިޔާގެ ޕްރޮޖެކްޓްސްތައް އެވޯޑްކުރެވިފައިވަނީ، މިހާރު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 12 ބިލިއަނެއްހާ ރުފިޔާގެ ޕްރޮޖެކްސްޓްތައް ހަމައެކަނި ޓެންޑަރ ބޯޑުން އެވޯޑްކުރެވިފައިވަނީ،" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ރާއްޖޭގެ އެކިި ރަށްރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި ބަނދަރުގެ މަސައްކަތްތަކުގެ އިތުރުން މަގު ހެދުމުގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާކަން މިނިސްޓަރ އަމީރު ފާހަގަކުރެއްވިއެވެ. މިނިސްޓަރ އަމީރު ވިދާޅުވީ ކުރިއަށް އޮތްތާނގައި އިތުރު މަޝްރޫޢޫތައްވެސް ފެށިގެންދާނެ ކަަމަށެވެ.