ކުޅިވަރު

ނެދަރލެންޑްސް 6 ޕޮއިންޓާއެކު ގްރޫޕް ޖީގެ ދެވަނައަށް


2022 ވަނަ އަހަރު ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވާރލްޑް ކަޕަށް ކޮލިފައިވުމަށް ޔޫރަޕް ސަރަހައްދުގެ ކޮލިފައިންގ ގްރޫޕް ޖީގައި ނެދަލަންޑްސް އާއި ޖިބްރޯލްޓަރ ބައްދަލުކުރިމެޗް ނެދަލަންޑްސް ކާމިޔާބުކޮށްފިއެވެ. މިމެޗް ނެދަލަންޑްސް ކާމިޔާބުކުރީ 7 ލަނޑު ސުންލަނޑުންނެވެ.

މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ނެދަލަންޑްސްއިންނެވެ. އަދި މިމެޗްގައި ގިބްރޯލްޓަރއަށް އެންމެ ހަމަލާއެއްވެސް އުފެއްދިފައެއް ނުވެއެވެ. ނަމަވެސް ގިބްރޯލްޓަރއިންވަނީ މިމެޗްގެ ފުރަތަމަ ހާފްގައި ވަރަށް ރަނގަޅަށް ޑިފެންސްކޮށްފައެވެ. މިމެޗްގައި ނެދަލަންޑްސްއަށް އެޓީމްގެ ފުރަތަމަ ލަނޑު ޖެހުނީ މެޗްގެ 41 ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ސްޓީވެން ބަރގުއިސްއެވެ. އަދި ނެދަލަންޑްސްގެ ދެވަނަ ލަނޑު މެޗްގެ 55 ވަނަ މިނެޓްގައި ޖަހައިދިނީ ލޫކް ޑިޖޮންގއެވެ. އެޓީމްގެ ތިންވަނަ ލަނޑު ޖަހައިދިނީ މެޗްގެ 61 ވަނަ މިނެޓްގައި މެންފިސް ޑެޕާއިއެވެ. އަދި ހަތަރުވަނަ ލަނޑު އޭގެ އެއްމިނެޓްފަހުން ޖިއޮޖީނިއޯ ވައިނާލްޑަމް ކާމިޔާބުކޮށްދިންއިރު ފަސްވަނަ ލަނޑު ޖަހައިދިނީ ޑޮންޔެލް މަލެންއެވެ. އަދި ނެދަލަންޑްސްގެ ހަވަނަ ލަނޑު މެޗްގެ 85 ވަނަ މިނެޓްގައި ޑޮނީ ވެންޑަބީކް ކާމިޔާބުކޮށްދިން އިރު އެޓީމްގެ ފަހު ލަނޑު މެޗްގެ 88 ވަނަ މިނެޓްގައި ޖަހައިދިނީ ތިންވަނަ ލަނޑުވެސް ޖަހައިދިން ޑެޕާއިއެވެ.

މިކާމިޔާބީއާއެކު ނެދަލަންޑްސް އުޅެނީ ތިން މެޗުން ލިބިފައިވާ 6 ޕޮއިންޓާއެކު ގްރޫޕް ޖީގެ ޕޮއިންޓް ތާވަލްގެ ދެވަނައިގައެވެ. މިގްރޫޕްގެ އެއްވަނައިގާ 7 ޕޮއިންޓާއެކު އުޅޭ ތުރުކީވިލާތާއި ލެޓްވިއާ ރޭ ބައްދަލުކުރިމެޗް 3 ލަނޑު 3 ލަނޑުން ވީ އެއްވަރެވެ. އަދި ނޯވޭ އާއި މޮންޓެނެގްރޯ ބައްދަލުކުރިމެޗް އެއްލަނޑު ސުންލަނޑުން ކާމިޔާބުކުރީ ނޯވޭއެވެ. މިގްރޫޕްގައި 6 ޕޮއިންޓްގައި މިހާރު ތިން ޓީމް އެބައޮތެވެ. އެއި ދެވަނައިގާ ގޯލްގެ ތަފާތުން އޮތް ނެދަލަންޑްސް އާއި ތިންވަނައިގާ އުޅޭ މޮންޓެނެގްރޯ އަދި ހަތަރުވަނައިގާ އުޅޭ ނޯވޭއެެވެ.