ކުޅިވަރު

ބެލްޖިއަމް ގްރޫޕު ޖީގެ އެއްވަނައަށް


2022 ވަނަ އަހަރު ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވާރލްޑް ކަޕަށް ކޮލިފައިވުމަށް ޔޫރަޕް ސަރަހައްދުގެ ކޮލިފައިންގ ގްރޫޕް އީގައި ދުނިޔޭގައި އެއްވަނައަށް ރޭންކް ކުރެވިފައިވާ ބެލްޖިއަމާއި ބެލަރޫސް ބައްދަލުކުރިމެޗް ތަފާތު ބޮޑު ނަތީޖާއަކުން ބެލްޖިއަމް ކާމިޔާބުކޮށްފިއެވެ. މިމެޗް ބެލްޖިއަމް ކާމިޔާބުކުރީ 8 ލަނޑު ސުންލަނޑުންނެވެ.

ބެލްޖިއަމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެޓީމްގެ ފުރަތަމަ އެގާރައިގައި އާންމުކޮށް ކުޅޭ ބައެއް ކުޅުންތެރިން ކުޅެފައެއް ނުވެއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 14 ވަނަ މިނެޓްގައި ޖަހައިދިނީ ބެލްޖިއަމްގެ މިޗީ ބަޓްޝުއާއީއެވެ. އަދި ދެވަނަ ލަނޑު އޭގެ ތިން މިނެޓްފަހުން ޖަހައިދިނީ ހާންސް ވެނެކެންއެވެ. އެޓީމްގެ ތިންވަނަ ލަނޑު މެޗްގެ 38 ވަނަ މިނެޓްގައި ޖަހައިދިނީ ލެއާންޑްރޯ ޓްރޮސާޑެވެ. މިއީ އޭނާ ބެލްޖިއަމް ޤައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ޖެރެމީ ޑޮކޫ ވަނީ ބެލްޖިއަމްގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. މިމެޗްގައި ބެލްޖިއަމްގެ ފަސްވަނަ ލަނޑު ޖަހައިދިނީ މެޗްގެ 49 ވަނަ މިނެޓްގައި ޑެނިސް ޕްރައެޓްއެވެ. މިއީ ޕްރައެޓްވެސް ޤައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. ބެލްޖިއަމްގެ 6ވަނަ ލަނޑު މެޗްގެ 70 ވަނަ މިނެޓްގައި ކްރިސްޓިއަން ބެންޓޭކޭ ކާމިޔާބުކޮށްދިން އިރު އެޓީމްގެ ހަތްވަނަ ލަނޑު ޖަހައިދިނީ ތިންވަނަ ލަނޑުވެސް ޖަހައިދިން ޓްރޮސާޑެވެ. އަދި އެޓީމްގެ ފަހު ލަނޑު މެޗް ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ ދެވަނަ ލަނޑުވެސް ޖަހާދިން ވެނެކެންއެވެ.

މިކާމިޔާބީއާއެކު ބެލްޖިއަމް މިހާރު އުޅެނީ ކުޅުނު ތިން މެޗުން ލިބިފައިވާ 7 ޕޮއިންޓާއެކު ގްރޫޕް އީގެ އެއްވަނައިގައެވެ. ރޭގެ މެޗްތައް ފެށުމުގެ ކުރިން މިގްރޫޕްގެ އެއްވަނައިގާ އޮތް ޗެކްރިޕަބްލިކާއި ވޭލްސް ބައްދަލުކުރިމެޗް އެއްލަނޑު ސުންލަނޑުން ކާމިޔާބުކުރީ ވޭލްސްއެވެ. މިނާކާމިޔާބީއާއެކު ޗެކްރިޕަބްލިކް މިހާރު ވަނީ ހަތަރު ޕޮއިންޓާއެކު ދެވަނައަށް ވެއްޓިފައެވެ.