ޚަބަރު

ކަނޑޫދޫ ކައުންސިލަށް ވާދަކުރި ޕީޕީއެމް ކެންޑިޑޭޓުގެ ކެނޑިޑަސީ ސްޕްރީމް ކޯޓުން ބާތިލްކޮށްފި


ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕީޕީއެމްގެ ފަރާތުން ތ.ކަނޑޫދޫ ކައުންސިލް ރައީސްގެ މަޤާމަށް ވާދަުކުރާ ކެންޑިޑޭޓު ހަސަން މޫސާގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން ބާޠިލްކޮށްފިއެވެ.

ސުޕްރީމް ކޯޓްގެ މި ނިންމުމާއެކު ކަނޑޫދޫ ކައުންސިލް ރައީސްގެ މަގާމަށް އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ރީހާން (ތ.ކަނޑޫދޫ/ ރީހުއްސަބާ) އިންތިހާބުވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ. ޕީޕީއެމްގެ ކެނޑިޑޭޓް ޙަސަން މޫސާގެ ކެނޑިޑެންސީ ބާޠިލްކުރީ އޭނާގެ ސާބިތު ދަރަންޏެއް އޮވެގެންނެވެ.

އޭނާގެ ސާބިތު ދަރަންޏެއް އޮތުމުން މިދިޔަ ޖެނުއަރީމަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ އޭނާގެ ކެނޑިޑެންސީ ބާތިލްކޮށްފައެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އޭނާގެ ކެނޑިޑެންސީ ޤަބޫލުކޮށް ލިޔުން ދީފައިވާކަމަށް ބުނެ އޭނާގެ ފަރާތުން ކޯޓަށް މައްސަލަ ހުށައެޅިއެވެ.

ހަސަން މޫސާއަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތު ފުރިހަމަވާ ފަރާތެއް ނޫންކަމަށް އީސީން ކަނޑައަޅަފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. އީސީން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގައި ބަޔާންކުރާ، އިންތިހާބަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތު، ތ. ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާފައިވާ ކެނޑިޑޭޓް ހަސަން މޫސާގެ ކިބައިގައި ފުރިހަމަނުވާކަން، އެކޮމިޝަނަށް ސާބިތުވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އިންތިހާބުތަކާ ބެހޭ ގާނޫނުގައި ބުނާގޮތަށް 48 ގަޑިއިރުގެ ތެރޭގައި ހަސަން މޫސާގެ ކެނޑިޑެންސީ ގަބޫލުކޮށް އޭނާއަށް ކުރިން ލިޔުން ދިނީ، ޑީޖޭއޭއިން ފޮނުވި އޭނާގެ ކުށުގެ ރެކޯޑު ސާފުކޮށް އޮތުމުން ކަމަށެވެ. ނަމަވެސް ހަސަން މޫސާގެ ކެނޑިޑެންސީ ބާތިލް ކުރީ، ޑީޖޭއޭ އިން ފަހުން ފޮނުވި ރިޕޯޓެއްގައި އޭނާގެ ދަރަނީގެ ކުށުގެ ރެކޯޑު އޮތް ކަމަށް ހިމެނުމުން ކަމަށް ވިދާޅުވިއެވެ.