ކުޅިވަރު

މައޭމީ އޯޕަންގެ ކްއާޓަރ ފައިނަލަށް އޮސާކާ


މައޭމީ އޯޕަން ޓެނިސް މުބާރާތުގެ ކްއާޓަރ ފައިނަލުން ނައޯމީ އޮސާކާ ޖާގަހޯދައިފިއެވެ. މިއީ ނައޯމީ ޖެހިޖެހިގެން ކާމިޔާބުކުރި 23 ވަނަ މެޗެވެ.

މިމުބާރާތުގެ ކުއާޓަރ ފައިނަލުން ދެވަނައަށް ސީޑް ކުރެވިފައިވާ ނައޯމީ ޖާގަހޯދީ 16 ވަނަ އަށް ސީޑް ކުރެވިފައިވާ ބެލްޖިއަމްގެ އެލީސް މަރޓެންސްއާއި ބައްދަލުކުރިމެޗް ސީދާ ދެސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ހައެއް ތިނެއް އަދި ހައެއް ތިނަކުންނެވެ. ނައޯމީވަނީ މިދިޔަ ސީޒަންގެ ޔޫއެސް އޯޕަން އާއި މިސީޒަންގެ ފުރަތަމަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކޮށްފައެވެ.

މިމުބާރާތުގައި ދުނިޔޭގެ އެެއްވަނައަށް ރޭންކް ކުރެވިފައިވާ އޮސްޓްރޭލިއާގެ އޭޝްލީ ބަރޓީވެސްވަނީ ކްއާޓަރ ފައިނަލުން ޖާގަހޯދާފައެވެ. އޭނާ ކްއާޓަރ ފައިނަލުން ޖާގަހޯދީ 14 ވަނައަށް ސީޑް ކުރެވިފައިވާ ބެލަރޫސްގެ ވިކްޓޯރިއާ އަޒަރެންކާ ދެސެޓް އެއް ސެޓުން ބަލިކުރުމަށްފަހުއެވެ. އެއީ ހައެއް އެކެއް، އެކެއް ހައެއް އަދި ހައެއް ދެއަކުންނެވެ. ބަރޓީ ކްއާޓަރ ފައިނަލްގައި ބައްދަލުކުރާނީ ހަތްވަނައަށް ސީޑް ކުރެވިފައިވާ އަރީނާ ސަބަލެންކާއާއެވެ. އަދި ނައޯމީ ކްއާޓަރ ފައިނަލް ބައްދަލުކުރާނީ 23 ވަނައަށް ސީޑް ކުރެވިފައިވާ ގްރީސްގެ މާރިއާ ސަކާރީ އާއި 29 ވަނައަށް ސީޑް ކުރެވިފައިވާ އެމެރިކާގެ ޖެސިކާ ޕެގޫލާ ބައްދަލުކުރާމެޗުން މޮޅުވާ ކުޅުންތެރިޔަކާއެވެ.