ކުޅިވަރު

ލެވަންޑޯސްކީއަށް އަނިޔާވެ އިންގްލަންޑާއި ދެކޮޅަށް ނުކުޅެވޭ


ޕޯލަންޑްގެ ކެޕްޓަން ރޮބަޓް ލެވަންޑޯސްކީއަށް އަނިޔާވެ ވާރލްޑް ކަޕް ކޮލިފައިންގ ގައި އިންގްލަންޑާއި ދެކޮޅަށް ޕޯލަންޑް ކުޅޭ މެޗްގައި ނުކުޅޭވޭނެކަން ހާމަވެއްޖެއެވެ. ލެވަންޑޯސްކީއަށް އަނިޔާ ވެފައިވަނީ އެންޑޯރާއާއި ޕޯލަންޑް ބައްދަލުކޮށް 3 ލަނޑު ސުންލަނޑުން މޮޅުވިމެޗްގައެވެ.

ލެވަންޑޯސްކީވަނީ އެންޑޯރާ މެޗްގައި ޕޯލަންޑަށް ދެލަނޑު ޖަހައިދީފައެވެ. އަދި އޭގެފަހުން ވަނީ އޭނާގެ ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން ފައިބާފައެވެ. ޕޯލަންޑް ފުޓްބޯޅަ އެސޯސިއޭޝަނުން ހާމަކުރިގޮތުގައި ލެވަންޑޯސްކީގެ ފަޔަށް ލިބިފައިވާ އަނިޔާއާއި ގުޅިގެން އޭނާ 10 ދުވަސް ވަންދެން އެންމެ މަދުވެގެން ކުޅުމާއި ދުރުގައި ހުއްނަން ޖެހިދާނެއެވެ. އެހެން ކަމުން ޕޯލަންޑާއި އިންގްލަންޑް މާދަމާ ރޭ ބައްދަލުކުރާމެޗްގައި ނުކުޅެވޭނެއެވެ. މިމެޗް ވެގެންދާނީ ޔޫރަޕް ސަރަހައްދުގެ ކޮލިފައިންގ ގްރޫޕް އައި ގައި ކުޅެވޭ އެންމެ ވަރުގަދަ މެޗަށެވެ.

މިއަނިޔާއާއި ގުޅިގެން ލެވަންޑޯސްކީ މިހާރުވަނީ ޤައުމީ ޓީމް ދޫކޮށް އެނބުރި ޖަރުމަނުވިލާތަށް ގޮސްފަ އޭނާގެ ކްލަބް ބަޔޭން މިޔުނިކާއި ގުޅިފައެވެ. މިއަނިޔާގެ ސަބަބުން ޔުއޭފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގްގައި ޕެރިސް ސައިންޓް ޖަރމެއިން އާއި ދެކޮޅަށް ކުޅޭ މެޗުގައި ލެވަންޑޯސްކީ ނުފެނިދާނެކަމަށް ވަނީ ބެލެވިފައެވެ. ލެވަންޑޯސްކީ އަކީ ބަޔޭންގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމުން ޕީއެސްޖީ މެޗްގައި އޭނާއަށް ނުކުޅެވޭނަމަ އެކަން ވަރަށް ބޮޑަށް ދައްކާނެކަމަށް ބެލެވެއެވެ.