މިދިޔަމަހު ފަހުކޮޅު ރާއްޖެއިން ހައްޔަރުކުރި ސްރީލަންކާ މީހާ
މަސައްކަތްކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލުމަށްކަމަށް މޯލްޑިވްސް
ޕޮލިސް ސަރވިސަސްއިން ހާމަކުރައްވައިފިއެވެ.
ފުލުހުން މިކަން ހާމަކުރައްވާ މިއަދު ނެރުއްވި ބަޔާނުގައި ވަނީ މިދިޔަ އޮކްޓޯބަރ މަހުގެ
ސައުވީސް ވަނަދުވަހު އުމުރުން ހަތާވީސް އަހަރުގެ ސްރީލަންކާ ރައްޔިތަކު
ހައްޔަރުކޮށްފައިވަނީ ހަތިޔާރުގެ ބޭނުންކޮށްގެން ދިވެހިރާއްޖޭގެ
ރައީސުލްޖުމުހޫރިއްޔާ އަވަހާރަކޮށްލަން މަސައްކަތްކުރުމުގެ ތުހުމަތުގައިކަމަށެވެ.
އެގޮތުން މިހާތަނަށް ލިބުނު މަޢުލޫމާތަށް ބަލާއިރު ޝްރީލަންކާގެ އެ މީހާ
ރާއްޖެ ގެނެސްފައިވަނީ އެމީހާއަށް ދިވެހިންގެ ބަޔަކު ފައިސާދީގެންކަން ތަޙުޤީޤަށް އެނގިފައިވާކަމަށް
މިބަޔާނުގައިވެއެވެ. އަދި އެމީހާއި ޙަވާލުކޮށްފައިވަނީ ހަތިޔާރު ބޭނުން ކޮށްގެން
ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ އަވަހާރަކޮށްލުމުގެ މަސައްކަތްކަންވެސް
ތަޙުޤީޤަށް އެނގިފައިވާކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު
ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން
ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިޔަށް ގެންދަން 15
ދުވަހުގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ވަނީ ދެއްވާފައިވާކަމަށްވެސް
މިބަޔާނުގައިވެއެވެ.