ކުޅިވަރު

އަގުއެރޯ ސިޓީގައި މަޑު ނުކުރާނެކަން ކްލަބުން ހާމަކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގެ ޕޮއިންޓް ތާވަލްގެ އެއްވަނައިގައި އުޅޭ މެންޗެސްޓަރ ސިޓީގެ ތަޖްރިބާކާރު ފޯވަޑް ސަރޖިއޯ އަގުއެރޯ މިސީޒަނަށްފަހު އެޓީމުގައި މަޑު ނުކުރާނެކަމަށް އެކްލަބުން ހާމަކޮށްފިއެވެ. މިކަންވަނީ އަގުއެރޯވެސް ސޯޝަލް މީޑިއާގައި ހާމަކޮށްފައެވެ.

މެންޗެސްޓަރ ސިޓީ އާއި 2011 ވަނަ އަހަރު އެޓްލެޓީކޯ މެޑްރިޑުން ސޮއިކުރި އަގުއެރޯވަނީ ވޭތުވެދިޔަ 10 ސީޒަންގައި ސިޓީއަށް ވަރަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި މިހާރު ކްލަބަށް އެންމެ ގިނަ ލަނޑު ޖަހައިދިނުމުގެ ރިކޯޑުވެސް އޮންނަނީ އަގުއެރޯ އަތުގައެވެ. އަދި އަގުއެރޯއަކީ ސިޓީގެ ސަޕޯޓަރުންގެ މެދުގައި ވަރަށް މަޤްބޫލް ކުޅުންތެރިއެކެވެ.

އަގުއެރޯ ވެގެން ގޮސްފައިވަނީ ސިޓީގެ އެންމެ މުހިންމު ގޯލް ކަމަށްވާ 2012 ވަނަ އަހަރު ކިއުޕީއާރާ ދެކޮޅަށް އެންމެ ފަހު ވަގުތު ލަނޑު ޖަހައިދީ 44 އަހަރަށްފަހު ފުރަތަމަ ފަހަރަށް އިންގްލިޝް ޕްރިމިއަރ ލީގު ކާމިޔާބުކޮށްދިން ކުޅުންތެރިޔާއަށެވެ. އޭގެފަހުން އަގުއެރޯވަނީ ސިޓީއަށް ޕްރިމިއަރ ލީގު އިތުރު ތިން ފަހަރު ކާމިޔާބުކޮށްދީ އެފް އޭ ކަޕް އެއްފަހަރު އަދި ލީގު ކަޕް ފަސް ފަހަރު ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އަަދި މިވީ ދިހަ ސީޒަންގައި އޭނާވަނީ އެޓީމަށް 384 މެޗުގައި 257 ލަނޑު ޖަހާދީފައެވެ. މިސީޒަންގައި އަނިޔާ އާއި ކޮވިޑްގެ ސަބަބުން ގިނަ ދުވަސްތަކެއް ކުޅުމާއި ދުރުގައި ހުރި ނަމަވެސް މިހާރު އޭނާވަނީ އެނބުރި އައިސް ޓީމާއި ގުޅިފައެވެ. ނަމަވެސް މެޗް ފިޓްނަސް އާހެދި އޭނާ މާގިނަ މެޗްތަކެއްގައި އަދި ކުޅެމަކުންނެއް ނުދެއެވެ.

ސިޓީގެ ޗެއާމަން ހަލްދޫމް އަލް މުބާރަކް ބުނީ އަގުއެރޯ ވޭތުވެދިޔަ 10 އަހަރު އެކްލަބަށް ހޯދައިދީފައިވާ ކާމިޔާބީ ވަރަށް ބޮޑު ކަމަށެވެ. ސިޓީއިންވަނީ އަގުއެރޯގެ ޝަރަފުގައި އޭނާގެ ސްޓެޗޫއެއް އިއްތިހާދު ސްޓޭޑިއަމްގައި ބަހައްޓާނެކަންވެސް ހާމަކޮށްފައެވެ. މިސީޒަނަށްފަހު އެގުއެރޯ ސިޓީ ދޫކޮށް ދިޔަނަމަވެސް އޭނާ ކުޅުން ހުއްޓާލަން ނުވިސްނާކަން އޭނާވަނީ ހާމަކޮށްފައެވެ. އަދި ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން އޭނާއަށް ލޯއަޅަމުންދާތާ މިހާރު ދުވަސްކޮޅެއްވެސް ވެއްޖެއެވެ. މީގެތެރޭގައި އެންމެ ފާހަގަކޮށްލެވެނީ އެފްސީ ބާސެލޯނާއެވެ. ބާސާއިން ގެންދަނީ އަގުއެރޯ އެޓީމަށް ގެންދަންބޭނުންކަން ހާމަކުރަމުންނެވެ. އަދި މީގެއިތުރުން ޕެރިސް ސެއިންޓް ޖަރމެއިން އާއި ޔުވެންޓަސް ފާހަގަކޮށްލެވެއެވެ.

އަގުއެރޯ ބުނީ އޭނާ ސިޓީ ދޫކޮށްލާކަން ހާމަކުރި ނަމަވެސް ސީޒަންގެ ބާކީ ބައިގައި ސިޓީއަށް އިތުރު ކާމިޔާބީ ހޯދައިދިނުމަށްޓަކައި އޭނާއަށް އެހީތެރިކަން ފޯރުކޮށްދެވެން އޮތް ހުރިހާ ގޮތަކަށް މަސައްކަތް ކުރާނެކަމަށެވެ.