ޚަބަރު

ކުދި ޖަޒީރާ ޤައުމުތަކުން އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް މަގުފަހިކޮށްދޭންޖެހޭ - މިނިސްޓަރ ޝާހިދު


ކޯވިޑް-19ގެ ޙާލަތުގެ މިދަނޑިވަޅުގައި ކުދި ޖަޒީރާ ޤައުމުތަކުން އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް މަގުފަހިކޮށްދީ، ހަކަތަ އިޤްތިޞާދުކޮށް ހަކަތަ އިމްޕޯޓްކުރުން މަދުކުރުމަށް އެހީތެރިވާން ޖެހޭކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނާއި ބާބެޑޯސްގެ ދާއިމީ މިޝަން ގުޅިގެން ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގައި ވިޔަފާރިއާއި ތިމާވެއްޓާއި ގުޅޭ ގޮތުން ބޭއްވި ހައި-ލެވެލް ވަރޗުއަލް ބައްދަލުވުމުގައިއެވެ.

މިބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވަނީ ކޯވިޑް-19ގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި ބައިނަލްއަޤްވާމީ ފަރާތްތަކާއި ޕްރައިވެޓް ސެކްޓަރއިންވެސް ހަކަތަ އިޤްތިޞާދުކޮށް ހަކަތަ އިމްޕޯޓްކުރުން މަދުކުރުމަށް އެހީތެރިވާން ޖެހޭކަން ފާހަގަކުރައްވާފައެވެ.

އަދި ދުނިޔެ ހޫނުވުމާ، ޤުދުރަތީ ކާރިސާތަކާ، ކަނޑުގެ ދިރުންތައް މަރުވުމާ، ކަނޑުގެ ލޮނުގަނޑު އުސްވުންފަދަ ކަންކަމުގެ ސަބަބުން ޖަޒީރާ އާބާދިތަކާއި އައްސޭރިފަށުގައި ދިރިއުޅޭ އާބާދީތަކުން އާމްދަނީ ހޯދަން ކުރާ މަސައްކަތްތަކަށް އޭގެ ނޭދެވޭ އަސަރުކޮށް، ކުރިމަގަށް އެކަމުގެ ސަބަބުން ހުރަސް އެޅޭކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިހާރު ގިނަ ވަމުން އަންނަ ޤުދުރަތީ ކާރިސާތަކާ ކުރިމަތިލުމަށް ކުދި ޖަޒީރާ ޤައުމުތައް ފުރިހަމައަށް ތައްޔާރު ނުވާކަން ފާހަގަކުރައްވާ މިނިސްޓަރ ޝާހިދު ވިދާޅުވީ ކުދި ޖަޒީރާ ޤައުމުތަކުން އާމްދަނީ އާއި ވަޒީފާ އަށް ބަރޯސާވަނީ ސާފު، ދެމެހެއްޓެނެވި ތިމާވެއްޓާއި ގުޅިފައިވާ ކަންކަމަށެވެ.

ކޯވިޑްގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމުގައި ތިމާވެއްޓާ ރައްޓެހި ގޮތްތަކެއް ގެންގުޅުމަށް ކުރެވޭ މަސައްކަތުގައި، ތިމާވެއްޓާއި ރައްޓެހި ވިޔަފާރީގެ ޕްރެކްޓިސްތައް ޕްރޮމޯޓްކުރަން ޖެހޭކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. މިފަދަ މިސާލެއްގެ ގޮތުގައި ރާއްޖޭގެ މަސްވެރިކަން ނަންގަވައި، ޒަމާންތަކެއް ވަންދެން ރާއްޖޭގައި މަސްވެރިކަން ކުރަމުން އަންނަނީ ދެމެހެއްޓެނިވި ގޮތެއްގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މަސްވެރިކަމުގެ ބާނާ އެއްވެސް އެއްޗެއް އުކާ ނުލައި، ކޮންމެ އެއްޗަކީ ކޮންމެވެސް ބޭނުމެއް ހިފޭ އެއްޗެއްކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެ އިތުރަށް ތިމާވެއްޓާއި މިފަދަ ރައްޓެހި ގޮތެއްގައި ކުރެވޭ މަސްވެރިކަމުން ބާނާ މަހުގެ ބާވަތްތަކަށް ބައިނަލްއަޤްވާމީ ބާޒާރުގައި ފުރުސަތު ހޯދައިދިނުމަށް ވިޔަފާރީގެ ސިޔާސަތުތައް ކަނޑައެޅުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ