ޚަބަރު

"މަޝްރުއޫތައް ހުއްޓުވުމުގެ ޖާގަ އެއްވެސް ފަރާތަކަށް ނުލިބޭނެ"


ސަރުކާރުގެ ކޮންމެ
މަގާމެއްގައި ހުންނެވި ބޭފުޅަކުވެސް މަގާމުގެ މަސްއޫލިއްޔަތު އަދާނުކޮށް ގައުމުގެ ތަރައްގީގެ
މަޝްރޫއުތައް ހުއްޓުވުމަށް ޖާގަ ނުދެއްވާނެކަމަށް ގެމަނަފުށި ދާއިރާގެ ޕީޕީއެމް
މެމްބަރު ޖަމީލް އުޘްމާން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ރާއްޖެ
މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލް
އުޘްމާން ވިދާޅުވީ، ނައިބު ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅަކުވެސް އަދި އެނޫން
މަގާމެއްގައި ހުންނެވި ބޭފުޅަކުވެސް މަގާމުގެ މަސްއޫލިއްޔަތު އަދާނުކޮށް
ގައުމުގައި ހިނގާ މަޝްރޫއުތައް ހުއްޓުވުމަށް ކުރާ މަސައްކަތަކަށް ޖާގަ އެ ނުދެއްވާނެކަމަށެވެ. ނާއިބު ރައީސްގެ
މަގާމުގައި ހުންނެވި އަޙްމަދު އަދީބު އެމަގާމުން ދުރުކުރެވުމުން އެކަން
ރައްޔިތުންނަށް ޔަގީންވެގެންދާނެކަމަށް ޖަމީލް ވިދާޅުވިއެެވެ. 

އޭނާ ވިދާޅުވީ، ގައުމަށް
ތަރައްގީއާއި ކުރިއެރުން ގެނެސްދެވޭނީ ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުން
އިތުބާރު ކުރެވޭ މީހަކު ހުރެގެންކަމަށެވެ. ރައީސުލްޖުމްހޫރއްޔާ އަވަހާރަކޮށްލުމަށް
ދިން ނުރައްކާތެރި ނާކާމިޔާބު ހަމަލާގެ ތުހުމަތުގެ އިނގިލި ދިއްކުރެވުނީ
ރައީސުލްޖުމްހޫރިއްޔާ އެންމެ އިތުބާރު ކުރެއްވި ބޭފުޅާއާއި ދިމާލަށްކަމަށާއި ނަމަވެސް މި
އުނދަގޫ ވަގުތުގައިވެސް ހަރުދަނާ ފިޔަވަޅުތައް ރައީސުލްޖުމްހޫރިއްޔާ އެޅުއްވިކަމަށް ޖަމީލު ވިދާޅުވިއެވެ. 

ޖަމީލް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ ފައިދާއަށް ކުރާ
އެއްވެސް މަސައްކަތެއްގައި އިދިކޮޅު ފަރާތަކުން އެއްބާރުލުމެއް ނުދެއެވެ. އެގޮތުން ތަރައްޤީއަށާއި އިޤްތިޞާދު ކުރިއެރުމަށް ފާސްކުރި ބަޖެޓަށާއި، ރާއްޖޭގައި
ފުރަތަމަ ފަހަރަށް ޤާއިމްކުރި އިސްލާމީ ޔުނިވާސިޓީ ފަދަ ބިލްތަކަށް ވޯޓު ނުދީ
އަބަދުވެސް އެޕާޓީން ދުވަނީ ކުށްވެރިން ފަހަތުންކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. އެކަން އެންމެ ބޮޑަށް އެނގިގެން ދިޔައީ ކުރީގެ ނައިބު ރައީސް އަދީބު ގައުމަށް ޣައްދާރުވުމުން ވެސް އޭނާ މަގާމުން ދުރުކުރުމަށް ނެގި ވޯޓުގައި އިދިކޮޅު ފަރާތްތަކުން ބައިވެރި
ނުވުމުންކަމަށް ޖަމީލް ވިދާޅުވިއެވެ. 

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު މިހާރު އިޢުލާންކޮށްފައި ވާއިރު، ރައްޔިތުންގެ
ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް އިދިކޮޅު ފަރާތްތަކުން
މަސައްކަތްކުރާކަމަށް ވިދާޅުވެ އޭނާ ވަނީ ރޭގެ ޕްރޮގްރާމްގައި އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް
ފާޑުވިދާޅުފައެވެ.