ޚަބަރު

ޝިންޖިޔާނުގެ ޙާލަތު ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށް އދން މަޝްވަރާކުރަނީ


ޗައިނާގެ ޝިންޖިޔާން ޕުރޮވިންސަށް ހުރަހެއް ނެތި ޒިޔާރަތްކޮށް އެތަނުގެ ޙާލަތު ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ ޤައުމުގެ ސަރުކާރާ މަޝްވަރާކުރަމުންދާކަމަށް އދން ބުނެފިއެވެ.

އދގެ އިންސާނީ ޙައްޤުތަކާބެހޭ މާހިރުންވަނީ ޗައިނާގެ ސަރުކާރުން ޝިންޖިޔާނުގައި އުއިގުރު ދަރިކޮޅަށް ނިސްބަތްވާ މިލިއަނަކަށްވުރެ ގިނަ މުސްލިމުން ބަންދުކޮށްގެން ގެންގުޅޭކަމަށް ބުނެ ކަންބޮޑުވުން ފައުޅުކޮށްފައެވެ. މިދިޔަ މަހުގެ ތެރޭގައި އދގެ އިންސާނީ ހައްޤުތަކާބެހޭ ކޮމިޝަނަރު މިޝެލް ބަޝެލަޓުވަނީ ޝިންޖިޔާނުގައި ބަންދުކޮށްފައިވާ މުސްލިމުންނާމެދު ޗައިނާގެ ސަރުކާރުން އިހާނެތިކޮށް އަމަލުކުރާކަމަށާއި ޖިންސީ އަނިޔާތައް ދިނުމުގެ އިތުރުން ގަދަކަމުން މަސައްކަތްކުރުވާކަމަށް ކުރާ ތުހުމަތުތައް ބަލަންޖެހޭކަމަށް ވިދާޅުވެފައެވެ. ޝިންޖިޔާނަށް ޒިޔާރަތްކޮށް ޙާލަތު ބެލުމުގެ ކަންކަން އިންތިޒާމުކުރުމަށް މަޝްވަރާތައް ފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ
.
ކެނެޑާގެ ނޫސް އިދާރާއަކަށް ދެއްވި ބަސްދީގަތުމެއްގައި އދގެ ސެކެޓްރީ ޖެނެރަލް އެންތޯނިތޯ ގުތޭޚެޝް ވިދާޅުވީ ޝިންޖިޔާންގެ ޙާލަތު ބެލުމަށް އެ ޕުރޮވިންސަށް ދަތުރުކުރުމަށް އަދިވެސް މަޝްވަރާކުރަމުންދާކަމަށާއި އެއްބަސްވުމަކާ ހަމައަށް އަދިވެސް ނާދެވޭކަމަށެވެ. ނަމަވެސް އަވަސް މުސްތަޤުބަލެއްގައި އެއްބަސްވުމަކާ ހަމައަށް އައިސް އދގެ އިންސާނީ ހައްޤުތަކާބެހޭ ކޮމިޝަނަރަށް ޝިންޖިޔާނަށް ޒިޔާރަތްކުރެވޭނެކަމަށް އުންމީދު ކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

ޝިންޖިޔާނުގައި ބަޔަކު ބަންދުކޮށް އެމީހުންނާމެދު އިހާނެތިކޮށް ޢަމަލުކުރާކަމަށް ކުރާ ތުހުމަތުތައް ޗައިނާގެ ސަރުކާރުން ދޮގުކުރެއެވެ. ޗައިނާއިން ބުނީ އެތައް ހާސް މުސްލިމުންނެއް ޝިންޖިޔާނުގައި ގެންގުޅެނީ ތަފާތު އެކި ތަމުރީނުތައް ދިނުމަށްކަމަށާއި ޙައްދުފަހަނައެޅުމާ ދެކޮޅަށް މަސައްކަތް ކުރުމަށްކަމަށެވެ. ދާދިފަހުން އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުގައި ވާހަކަދައްކަވަމުން ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީވަނީ އދގެ ވަފުދުތަކުން ޝިންޖިޔާނަށް ޒިޔާރަތްކޮށް އެތަނުގެ ޙާލަތު ބަލައި ހަޤީޤަތް ސާފުކުރުމުގެ ފުރުޞަތު ހުޅުވާލައިފައިވާކަމަށް ވިދާޅުވެފައެވެ.