ޚަބަރު

ފުލުހުންގެ ޚިދުމަތަށް 88 އަހަރު: އަމާޒަކީ އާޤާނޫނާއެކު ރައްޔިތުންގެ އިތުބާރު ދެމެހެއްޓުން


ދިވެހިރާއްޖޭގައި ފުލުހުންގެ ޚިދުމަތް ރަސްމީގޮތުން ފެށިފައިވަނީ 1932 ވަނަ އަހަރުއެވެ. އެއީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާނޫނު އަސާސީ އެކުލަވާލައި، އެޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ފަދައިން އޭރު ހުންނެވި ރަދުން އައްޞުލްޠާން މުޙައްމަދު ޝަމްސުއްދީންގެ ރަސްކަމުގައި 1933 ވަނަ އަހަރު މާރޗް 29 ވަނަ ދުވަހުއެވެ. ފުލުހުންގެ ޚިދުމަތް ސިފައިންގެ ޚިދުމަތާއެކު އެއް މުއައްސަސާއެއްގެ ދަށުން ދެމުން އައިސް ސިފައިންނާއި ފުލުހުންގެ ޚިދުމަތް ވަކި ޚިދުމަތެއްގެ ގޮތުގައި ދޭން ސަރުކާރުން ހަމަޖެއްސީ 2004 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުއެވެ.

ފުލުހުންގެ ޚިދުމަތަށް މިއަހަރު 88 އަހަރު ފުރޭ މުނާސަބާއާ ކުރިމަތިލާއިރު ފުލުހުންގެ މުޢައްސަސާ ހިންގުމަށް ވަނީ މުޅިން އައު ޤާނޫނެއް ތަސްދީޤްކޮށް، ތަންފީޒުކުރަން ފަށާފައެވެ.

ފުލުހުންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި އިންޓަވިއެއްގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ފުލުހުންގެ މުއައްސަސާއާއި ކަމާބެހޭ ފަރާތްތަކުގެ ވަރަށް ބުރަ މަސައްކަތާއެކު ވުޖޫދަށް ގެނެވިފައިވާ ފުލުހުންގެ ހިދުމަތުގެ ގާނޫނަކީ ތަހުޒީބީ ކުލަތައް ފުލުހުންގެ މުއައްސަސާގައި ޖައްސުވައިދޭނެ ގާނުނެއް ކަމަށެވެ. ހަމައެއާކު ޒަމާނާއެކު ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްހުރި އުނދަގޫތައް ނައްތައިލުމަށް މިޤާނޫނުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށާއި ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ފުލުހުން މަސައްކަތް ކުރަމުންދާއިރު ޒިންމާދާރުކަމާއެކު ޖަވާބުދާރީވުން އިތުރުވެގެންދާނެ ކަމަށެވެ.

ކޮމިޝަނަރ ވިދާޅުވީ އަތޮޅުތެރޭގައި ފުލުހުން ގާއިމުވެތިބޭ ތިބުން އިތުރަށް ހަރުދަނާވެ، ތަހުޒީބުވެފައިވާ އެހެނިހެން މުޖުތަމައުތަކުގައިވެސް ފުލުހުން މަސައްކަތް ކުރަމުން އަންނަ ފަލްސަފާ ކަމުގައިވާ ކޮމިއުނިޓީ ޕޮލިސިންގ ނުވަތަ ނެއިބަރހުޑް ޕޮލިސިންގެ ހިދުމަތް ދިވެހި ވެއްޓާ އެއްގޮތަށް ބަދަލުކުރެވި އަވައްޓެރި ފުލުހުންގެ ހިދުމަތް އެ ފަލްސަފާގެ މައްޗަށް ވަރަށްބޮޑަށް މަސައްކަތް ކުރެވިގެންދާނެކަމަށެވެ.

ކޮމިޝަނަރގެ ވާހަކަފުޅުގައި ފުލުހުންގެ މުއައްސަސާގެ މައިގަނޑު އަމާޒަކީ ދިވެހި މުޖުތަމައުގައި ދިރިއުޅޭ ފަރާތްތަކާއި ރާއްޖެ ޒިޔާރަތްކުރާ ފަރާތްތަކުގެ ރައްކާތެރިކަން ގާއިމުކުރުމާއި ދިވެހި ވެށީގައި ހިންގާ ކުށްތަކާއި އެކަންކަމާ ގުޅިގެން އުފެދިފައި އޮންނަ ބިރުވެރިކަމާއި ނުތަނަވަސްކަން ކުޑަކުރުމަށް މަސައްކަތްކުރުން ކަމުގައި ވިދާޅުވިއެވެ. އަދި އެމަސައްކަތް ކުރުމުގައި އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައި، އިންސާނީ ކަރާމަތަށް ބަލައިގެން މަސައްކަތްކުރުމާއި، ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން މަސައްކަތްކުރުމާއި، ގުޅިފައިވާ ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރާނެކަމަށް ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ ފުލުހުންގެ މަސައްކަތުގައި 88 އަހަރު ފާއިތުވެފައިވާއިރު، އައު ގާނޫނާއި، އައު ވިސްނުންތަކާއި، އައު އަޒުމާ އަދި އައު ފަލްސަފާއާއެކު އަންނަ ބަދަލުތަކަކީ ވަރަށް މުހިންމު ބަދަލުތަކެއްކަމަށެވެ. އަދި ފުލުހުންގެ މަސައްކަތްކުރުމުގައި ކޮންމެ ދުވަހަކުވެސް ބަލާނީ ފުލުހުންގެ ހިދުމަތް ދިނުމުގައި ރައްޔިތުންނަށް މަސްލަހަތު ހިފަހައްޓައި ފުލުހުންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތާއި، ގާނޫނު އަސާސީން ފުލުހުންގެ މައްޗަށް ލާޒިމުކުރާ އެންމެހައި ކަންކަން އަދާ ކުރުމާއި ދުވަހުން ދުވަހަށް އެކަންކަން ތަރައްގީކޮށް ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ހޯދުމަށްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.