ޚަބަރު

ޙަރަމްފުުޅުގައި ތަރާވީޙުގައި 10 ރަކުއަތް، ރޯދަވީއްލުމާއި އިއުތިކާފެއް ނޯންނާނެ


މި ފެށޭ ރޯދަމަހު ޙަރަމްފުޅުގައި ތަރާވީޙު ނަމާދުގައި ކުރާނީ 10 ރަކުއަތްކަމަށް ސައޫދީ ސަރުކާރުން ކަނޑައަޅައިފިއެވެ. އާޢްމުކޮށް ރަމަޟާން މަހު ޙަރަމްގައި ކުރާ ތަރާވީޙު ނަމާދުގައި 20 ރަކުއަތް ކުރަމުން އާދެއެވެ.

މިފަހަރުގެ ރޯދަމަހަށް ޙަރަމްގައި އަމަލުކުރާނެ އުސޫލުތައް ހާމަކުރައްވަމުން މަސްޖިދުލް ޙަރާމާއި މަސްޖިދުލް ނަބަވީ ބަލަހައްޓާ އިދާރާގެ އިސްވެރިޔާ ޝައިޚު އަބްދުލް ރަޙްމާން އަލްސުދައިސް ވިދާޅުވީ މިފަހަރު ރޯދަމަހު ޙަރަމްގައި ތަރާވީޙާ ވިތުރު އާއިއެކު ކުރާނީ ޖުމްލަ 13 ރަކުއަތްކަމަށެވެ. އަދި މިސްކިތަށް ވަދެވޭނީ އެކަމަށް ހުއްދަދިނުމަށް އާއްމުކޮށްފައިވާ އެޕުން ހުއްދަ ހޯދާ ފަރާތްތަކަށް އެކަނިކަމަށްވެސް ސުދައިސް ވިދާޅުވިއެވެ.

މިސްކިތަށް ނަމާދަށް އަންނަ މީހުންނަށް ހުޅުވާލާފައިވަނީ މިސްކިތަށް އިތުރުކުރި ބައިގެ ފުރަތަމަ ފަންގިފިލާއާއި ޓެރަސްގެ އިތުރުން މިސްކިތުގެ ކޮމްޕައުންޑެވެ. ގެފުޅު ހުންނަ މަތާފް ސަރަހަދަށް ވަދެވޭނީ ހަމައެކަނި އުމްރާގެ އަޅުކަމަށް ދާ ފަރާތްތަކަށް އެކަންޏެވެ. އެހެންނަމަވެސް އުމްރާއަށް ދާ މީހުންނަށްވެސް ގެފުޅުގައި އަތްލާ ބޮސްދީ ހެދުންވަނީ މަނާކޮށްފައެވެ.

މިފަހަރުގެ ރޯދަމަހު ޙަރަމްފުޅުގައި ރޯދަވީއްލުމަށް ސުފުރާތައްވެސް ހެދުންވެސް ވަނީ ސައުދީ ސަރުކާރުން މަނާކޮށްފައެވެ. މީގެއިތުރުން މިސްކިތުގައި އިއުތިކާފަށް އިނުންވެސް މިފަހަރު ވަނީ މަނާކޮށްފައެވެ. އަދި މި ނިންމުން ފަހު ދިހައެއްގައިވެސް ދެމި އޮންނާނެކަމަށްވެސް ސައުދީ ސަރުކާރުން ބުނެއެވެ.

ޙަރަމް ދާ މީހުންނަށް މިސްކިތުގެ އެކި ސަރަހައްދުގައި ޒަމްޒަމް ފެން ލިބޭ ގޮތަށް އާއްމުކޮށް ހުރި ނަމަވެސް އެކަމަަށްވެސް ސައުދީ ސަރުކާރުންވަނީ މި ރޯދަމަހު ބަދަލު ގެނެސްފައެވެ. މިގޮތުން މިސްކިތަށް އަރާ މީހުންނަށް ދޭނީ ވަކިވަކި ފުޅީގައެވެ.

ރޯދަމަހަށް މަސްޖިދުލް ނަބަވީގައިވެސް ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެ މިސްކިތަށް އެއް ފަހަރާ ވަދެވޭނެ އަދަދެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 60،000 މީހުންނެވެ. މިގޮތުން މިސްކިތުގެ އެތެރެއާއި ޓެރަސްގައި އެއް ފަހަރާ 45،000 މީހުންނަށް ނަމާދުކުރެވޭނެއެވެ. ބަކީ 15،000 މީހުން ނަމާދުކުރަންޖެހޭނީ މިސްކިތުގެ ގޯތިތެރޭގައެވެ. މީގެއިތުރުން ކޮންމެ ރެއެއްގެ ތަރާވީޙު ނަމާދަށްފަހު ބައިގަޑިއިރު ފަހުން މިސްކިތް ބަންދުކުރުމަށްފަހު ދެން ހުޅުވާނީ ފަތިސް ނަމާދުގެ ދެ ގަޑިއިރުކުރިންނެވެ.

މީގެއިތުރުން ހޮޓާތަކާއި ރެސްޓޯރަންޓްތަކުގައި ރޯދަ ވީއްލުމާއި ހާރުކެއުން ބޭއްވުންވެސް ސައުދީ ސަރުކާރުންވަނީ މަނާކޮށްފައެވެ. އަދި ޕާކުތަކުގައިވެސް މި ފަދަ ހަރަކާތައް ގެންދިޔުން ވަނީ މަނާކޮށްފައެވެ.

2019 ވަނަ އަހަރު ފެނު ކޯވިޑަށް ދެ ޙަރަމް ބަންދުކުރުމަށްފަހު އާއްމުކޮށް ހުޅުވާލީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ސައުދީން ބޭރު މީހުންނަށް އުމްރާއަށް ހުޅުވާލީ މިިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 1ވަނަ ދުވަހުއެވެ. އާއްމުކޮށް ހުޅުވާލުމުން މިހާތަނަށް 10 މިލިއަނަށް ވުރެ ގިނަ މީހުންވަނީ އުމްރާގެ އަޅުކަން ފުރިހަމަކޮށްފައެވެ.