ކުޅިވަރު

ޖަރުމަނުވިލާތް ގުރޫޕު ޖޭގެ އެއްވަނައަށް


2022 ވަނަ އަހަރު ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވާރލްޑް ކަޕަށް ކޮލިފައިވުމަށް ޔޫރަޕް ސަރަހައްދުގެ ކޮލިފައިންގ ގްރޫޕް ޖޭގައި ޖަރުމަނުވިލާތާއި ރުމޭނިއާ ބައްދަލުކުރިމެޗް ޖަރުމަނުވިލާތް ކާމިޔާބުކޮށްފިއެެވެ. ރުމޭނިއާގެ ވެރިރަށް ބުކަރެސްޓްގައި ކުޅުނު މިމެޗް ޖަރުމަނުވިލާތް ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޖަރުމަނުންނެވެ. މިމެޗްގައި ޖަރުމަނުން ޖެހި ހަމައެކަނި ލަނޑު މެޗްގެ 16 ވަނަ މިނެޓްގައި ޖަހައިދިނީ ބަޔޭން މިޔުނިކްގެ ކުރިއަށް ކުޅޭ ސަރޖޭ ގެނެބްރީއެވެ. މިމެޗްގައި މީގެއިތުރުންވެސް ޖަރުމަނަށް ލަނޑު ޖަހާނެ ރަނގަޅު ނުރުސަތު ލިބިގެން ގޮސްފައިވެއެވެ. މިގޮތުން ކައި ހަވާރޓްސް އާއި ޓީމޯ ވަރނަރއަށް ލިބުނު ދެފުރުސަތެއް ފާހަގަކޮށްލެވެއެވެ. ނަމަވެސް މިދެހަމަލާވެސްވަނީ ރުމޭނިއާގެ ކީޕަރ ފްލޮރިން ނީޓާ ދިފާއުކޮށްފައެވެ. މިމެޗްގައި ރުމޭނިއާއަށް ލިބުނު އެންމެ ހުސް ފުރުސަތަކަށް ވެގެންދިޔައީ މެޗްގެ ފަހުކޮޅު ނިކޮލައި ސްޓާންސިއުއަށް ލިބުނު ފުރުސަތެވެ. މިހަމަލާވަނީ ޖަރުމަނުވިލާތުގެ ކީޕަރ މެނުއަލް ނޮއިއަރ ދިފާއުކޮށްފައެވެ.

މިކާމިޔާބީއާއެކު ޖަރުމަނުވިލާތް އުޅެނީ ކުޅުނު ދެމެޗުން ލިބިފައިވާ 6 ޕޮއިންޓާއެކު ގްރޫޕް ޖޭގެ އެއްވަނައިގައެވެ. ގްރޫޕްގެ ދެވަނައިގާ އުޅޭ އަރްމީނިއާ އާއި އައިސްލަންޑް ރޭ ބައްދަލުކުރިމެޗް 2 ލަނޑު ސުންލަނޑުން ކާމިޔާބުކުރީ އަރްމީނިއާއެވެ. އަދި މިގްރޫޕްގައި ނޯދަން މެސެޑޯނިއާ އާއި ލީޗެންސްޓައިން ބައްދަލުކުރިމެޗް 5 ލަނޑު ސުންލަނޑުން ކާމިޔާބުކުރީ ނޯދަން މެސެޑޯނިއާއެވެ.