ޚަބަރު

އޭސީސީން އަދިވެސް ޤަބޫލުކުރަނީ ވެންޓިލޭޓަރު މައްސަލައިގަ ދަޢުވާކުރެވޭނެކަމަށް - ޝިއުނާ


އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އަދިވެސް ޤަބޫލުކުރަނީ ވެންޓިލޭޓަރުގެ މައްސަލައަކީ ދަޢުވާކުރެވޭނެ މައްސަލައެއްގެގޮތުގައިކަމަށާ، އެމައްސަލައިގެ ތަޙުޤީގަށް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވާފައިނުވާކަމަށް އެކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިހެން ވިދާޅުވީ ވެންޓިލޭޓަރު މައްސަލާގައި ދަޢުވާނުކުރުމަށް ނިންމި ނިންމުން ޕީޖީ އޮފީހުން ދެމެހެއްޓުމާ ގުޅިގެން އެކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިނޫސްވެއިންގެ ބައްދަލުވުމުގައި އޭސީސީންވަނީ ވެންޓިލޭޓަރުގެ މައްސަލައަކީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިބަޔަކަށް މަންފާހޯދައިދީފައިވާ މައްސަލައަކަށްވުމުން އޮކޮމިޝަނަށް ފާހަގަކުރެވުނު ކަންކަން ތަކުރާރުކޮށް ހާމަކުރައްވާފައެވެ. އެގޮތުން އެއްބަސްވުން ބެކްޑޭޓެޑްކޮށް އޮތުމާއި އެނޫންވެސް މައްސަލާގައި ހިމެނޭކަންކަން ވަނީ ފާހަގަކޮށްފައެވެ.

އެސީސީގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވީ ވެންޓިލޭޓަރުތައް ގަތުމަށް ބެކްޑޭޓެޑް އެގްރީމެންޓެއް ހަދައިގެން 31 މިލިޔަން ރުފިޔާ ދުބާއީގެ އެގްޒިކިއުޓަރ ޖެނަރަލަށް ދޫކޮށްފައިވާއިރު، މިހާތަނަށްވެސް މަދު ވެންޓިލޭޓަރެއް ނޫނީ ރާއްޖެއަށް ލިބިފައިނުވާކަމީ އެންމެނަށްވެސް ފެންނަންއޮތް ހަޤީގަތެއްކަމަށެވެ.

އަދި މިމައްސަލާގައި ދަޢުވާ ނުކުރަން ޕީޖީ އޮފީހުން ދެވަނަފަހަރަން ނިންމަވާފައިވާއިރު، މިއީ ދަޢުވާ ނުކުރެވޭނެ މައްސަލައެއްކަމަށް އެކޮމިޝަނުން އަދިވެސް ޤަބޫލުނުކުރާކަމަށް ޝިއުނާ ވިދާޅުވިއެވެ.

"މިމައްސަލައިގަ އަޅުގަނޑުމެން އެދުނީ ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިންކަމުގެ ދަޢުވާ، އަދި މިމައްސަލައިގެ ޕްރައިމަރީ އެކްޓަށް ބަލާނަމަ މިއީ ދަޢުވާ ކުރެވޭނެ މައްސަލައެއްކަމަށް އަޅުގަނޑުމެން ޤަބޫލުކުރަން. މިކަމާ ގުޅޭގޮތުން އަސާސެއް ނެތި އެކި ފަރާތްތަކަށް ތުހުމަތުކޮށް ތަފާތު ވާހަކަތައް ދައްކަމުންދިޔަ ނަމަވެސް، އަޅުގަނޑު ރައްޔިތުންނަށް ޔަގީންކަންދޭން ބޭނުންވޭ މިމައްސަލައިގާ ހިމެނޭ ހުރިހާ ފަރާތްތަކާއި އަޅުގަނޑުމެންވާނީ ސުވާލުކޮށްފައި. މިމައްސަލައިގެ ތަޙުގީގަށް އެއްވެސްފަރާތެއްގެ ނުފޫޒެއް ފޯރުވާފައިނުވޭ. އަދިއެކަމަށް ޖަގަދީފައެއްވެސްނުވާނެ" ޝިއުނާ ވިދާޅުވިއެވެ.

އޭސީސީގެ ނާއިބުރައީސް ފާޠިމަތު އަނޫލާ ވިދާޅުވީ، ވެންޓިލޭޓަރު މައްސަލައަކީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިބަޔަކަށް މަންފާހޯދައިދީފައިވާ މައްސަލައަކަށްވުމުން މިމައްސަލައިގެ ދަޢުވާކޮށްފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނާއި، މިހާރު އަމަލުކުރަމުންދާ ޕީނަލް ކޯޑުގެ 513ވަނަ މާއްދާގައިވާގޮތުގެމަތިންކަމަށެވެ. އަދި މިޤާނޫނުތަކުގެ ދަށުން އޭސީސީން ބަލާފައިވާ މައްސަލަތަކުގެ ދަޢުވާ މިހާރުވެސް ޕީޖީ މެދުވެރިކޮށް އެކި މަރުހަލާތަކުގައި ކޯޓުތަކުގައިވެސް ކުރިއަށްދާކަން އަނޫލާ ފާހަގަކުރެއްވިއެވެ.

މިފަދަ ކުށްތަކުގައި އޭސީސީން ސާބިތުކޮށްދޭން ޖެހޭނީ، ދަޢުލަތުގެ މުވައްޒަފަކު ނުވަތަ ސަރުކާރުގެ މުވައްސަފަކު އޭނަގެ ރަސްމީ ހައިސިއްޔަތުން ކުރާކަމަކާއި ގުޅިގެން އޭނާ އަމިއްލައަށް ނުވަތަ އެހެން ފަރާތަކަށް ލިބެންނުޖެހޭ މަންފާއެއް ހޯދައިދީފައިވުންކަމަށާއި، ވެންޓިލޭޓަރުގެ މައްސަލާގައި ދުބާއީގެ ކުންފުނަށް އުސޫލާ ޚިލާފަށް ފައިސާ ލިބުނުކަން ކަށަވަރުވުމުން ޤަނޫނުގައި ބުނާގޮތުން އެކުށް ފުރިހަމަވީކަމަށްވެސް އޭސީސީގެ ނާއިބުރައީސް ވިދާޅުވިއެވެ.

"މީގައި ޕީޖީ އޮފީހުގެ ވިސްނުމަކަށް އެބަވޭ ފައިސާ ދަތުރުކޮށްފައިހުރިގޮތް، ފައިސާ ދަޢުލަތުގެ މުވައްޒަފަކަށް ލިބުނުތޯ، އެހެންމީހެއްގެ ޖީބަށްވަންތޯ. މިކަން ތަހުޤީގުކޮށްފައިނެތީމަ ކުށުގެ ދަޢުވާއެއް ނުކުރެވޭނެއޭ. މިއީ މުޅިން ރަނގަޅު ވާހަކައެއްނޫން. ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެއް ދަޢުލަތުގެ މުވައްޒަފެއްގެމައްޗަށް އުފުލާއިރު އެމީހަކަށް ނޫނީ، އޭނައާ ގުޅުންހުރި އެހެން މީހަކަށް ފައިދާއެއް ލިބިފައޮތްކަން އަޅުގަނޑުމެން ސާބިތުކޮށްފޭކަން ނުޖެހޭ. އޭނައެކުރިކަމެއްގެ ސަބަބުން މިސާލަކަށް މިކޭސްގައި ދުބާއީގެ ކުންފުންޏަށް މިލާރި ލިބުމުން އެހިސާބުން އެއޮތީ އެކުށް ފުރިހަމަވެފަ" އަނޫލާ ވިދާޅުވިއެވެ.

އޭސީސީން ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލައިގެ ތަޙްޤީގު ފުރިހަމަކޮށް ދަޢުވާކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 14ވަނަ ވަނަ ދުވަހުކަމަށެވެ.

ނަމަވެސް އެމައްސަލައިގައި ދައުވާކުރުމަށް ހުށައެޅި 11 މީހުންގެ މައްޗަށް ޖިނާޢީ ދަޢުވާއެއްކޮށް ކުށް ސާބިތުކުރެވޭވަރަށް ހެކި ހުރިކަމަށް ޤަބޫލުނުކުރެވޭތީ ދައުވާ ނުކުރަން ނިންމައި، މައިގަނޑު 6 ނުކުތާއަކާއެކު އޮކްޓޫބަރު 19ވަނަ ދުވަހު ދެފަރާތުގެ ދެމެދުގައި ލިޔެކިއުން ބަދަލުކުރާ އޮންލައިން ޕޯޓަލް މެދުވެރިކޮށް މައްސަލަ ރިޖެކްޓްކޮށްފައިވާކަން އަންގާފައިވާކަމަށެވެ.

އަދި މައްސަލަ އަނބުރާ ފޮނުވާލެއްވަމުން ފާހަގަކޮށްފައިވާ 6 ނުކުތާގެ ތެރެއިން ކޮންމެ ނުކުތާއަކަށް އެމަހުގެ 25ވަނަ ދުވަހު ރައްދުދީ، އަލުން މައްސަލަ މުރާޢަޖާކޮށްދިނުމަށް އެދިފައިވާކަމަށާއި، އެއާއެކު ރިވިއުކުރަން އެދޭ ސަބަބުތައްވެސް ފޮނުވާފައިވާނެކަމަށެވެ.

ނަމަވެސް މިއަދާހަމައަށް އައިއިރުވެސް އެސިޓީއާއެކު ފޮނުވި ނުކުތާތަކަށް ޕީޖީ އޮފީހުން ޖަވާބުދެއްވާފައިނުވާކަމަށެވެ. އަދި މަޖިލީހުގައި ވެންޓިލޭޓަރު މައްސަލައާ ގުޅިގެން ކުރިއަށްދިޔަ ބައްދަލުވުންތަކުގައިވެސް މައްސަލާގައި ދައުވާ ނުކުރުމަށް ޕީޖީ ފާހަގަކުރެެއްވި ކަންކަމަށް ޖަވާބުދާރީވިކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ.

އެހެންކަމުން ރިވިއުއަށްވެސް ޖަވާބެއްނުދީ މިހާރު ޕިޖީ އޮފީހުން ފާހަގަކުރައްވަނީ އައު ކަންތައްތަކެއްކަމަށާއި، ކުރީއްސުރެވެސް މިމައްސަލާގައި ދަޢުވާ ކުރެވިދާނެތޯ ބެލުމުގެ ވިސްނުން ޕިޖީއޮފީހުން ގެންގުޅުއްވިކަމަށް ނުބެލެވޭކަމަށްވެސް އޭސީސީން ވިދާޅުވިއެވެ.