ޚަބަރު

އޮކްޓޫބަރާއި ނޮވެމްބަރުގައި އޮންނަ އޭލެވެލް އިމްތިޙާނުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި


މިއަހަރުގެ އޭޕްރީލް މަހާއި މެއި މަހުގައި ބާއްވާ އޭލެވެލްއާއި އޭއެސް ލެވެލް އިމްތިހާނުގައި ބައިވެރިވާން އެދިފައިވާ ދަރިވަރުން އޮކްޓޫބަރާއި ނޮވެމްބަރުގައި އޮންނަ އޭލެވެލް އިމްތިހާނުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

މި ފުރުޞަތު ހުޅުވާލާފައިވަނީ މިއަހަރުގެ މެއިމަހާއި ޖޫންމަހުގައި ކުރިން ބާއްވަން ނިންމި އިމްތިޙާން އަންނަމަހުގެ 26ގައި ބޭއްވުމަށް އެޑެކްސަލްއިން ނިންމުމާ ގުޅިގެންނެވެ.

މިކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ އޭލެވެލްއާއި އޭއެސް ލެވެލް އިމްތިހާނުގައި ބައިވެރިވާން އެދިފައިވާ ދަރިވަރުން އޮކްޓޫބަރާއި ނޮވެމްބަރުގައި އޮންނަ އޭލެވެލް އިމްތިހާނުގައި ބައިވެރިވާން ބޭނުންވާނަމަ ފޯމް އަނބުރާ ނެގުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. އަދި ފޯމު އަނބުރާ ނަގާ ކުދިންނަށް ސްކޫލުގެ ނަމުގައި އަލުން ބައިވެރިވެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އެހެން ނަމަވެސް ގަދަ 10އަކަށް ދަރިވަރުން ހޮވުމާއި ސްކޮލަޝިޕް ދިނުމުގައި ބަލާނީ އޭޕްރީލްމަހާއި މެއިމަހުގެ އިމްތިހާނުގެ ނަތީޖާއަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
ފޯމު އަނބުރާ ނެގޭނީ އޭލެވެލްގެ މާއްދާތަކުން އެކަނި ކަމަށާއި އެޗްއެސްސީ އިމްތިހާނު ހަދާ ދަރިވަރުންނަށް އިމްތިހާނު މިހާރު ތާވަލުކޮށްފައިވާ ގޮތަށް ކުރިއަށްދާނެ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ފޯމު އަނބުރާ ނަގަން ބޭނުންވާ ދަރިވަރުންގެ މައުލޫމާތު މި މަހުގެ 30ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އެ ދަރިވަރަކު ކިޔަވާ ސްކޫލް މެދުވެރިކޮށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނަށް އެންގުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގަވާފައެވެ.

ރާއްޖޭގައި ހަދާ އޭލެވެލްއާއި އޭ.އެސް ލެވެލް އިމްތިޙާނުތަކުގެ ތާވަލަށް އެޑެކްސެލުން ބަދަލު ގެނެސްފައިވުމާއެކު މިހާރު އެއިމްތިޙާނު ފެށުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 26ވަނަ ދުވަހުއެވެ. އަދި މިބަދަލު ގެނެސްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީއާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަނާ ކުރިން މަޝްވަރާކުރުމެއްނެތިކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ކުރިން ތާވަލްކުރި ތަރީޚަށް އިމްތިޙާނު ބޭވުމަށް އެޑެކްސަލާއެކު ކުރި މަޝްވަރާތަކަށް އަލިމަގެއް ފެނިފައިނުވާކަމަށެވެ.

އޭލެވެލް އިމްތިޙާނު ބާވާ ތާރީޚަށް ބަދަލު ގެނައުމާގުޅިގެން އެޗްއެސްސީ އިމްތިޙާނު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭލެވެލް އަދި އޭ.އެސް ލެވެލް އިމްތިހާން ނިމޭތާ އެއްމަސް ފަހުންނެވެ. މިގޮތުން ޖޫންމަހުގެ 13އިން 17އަށް އެޗް.އެސްސީ އިމްތިޙާނު ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

އޭލެވެލް އިމްތިޙާނު ކުރިއަށްގެންދިޔުމަށް ނިންމުމާގުޅިގެން މިމަހުގެ 11ވަނަ ދުވަހުގެ ނިޔަލަށް އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފަރާތްތައް އެޕްލިކޭޝަންތައް ހުށައަޅަން ހުޅުވާލިއެވެ.