ޚަބަރު

ބިލަތްދޫ ސްކޫލުގެ އެކުވެނި ހޯލު ޢިމާރާތް ކުރުމަށް ބަޔަކާ ޙަވާލުކޮށްފި


ފ.ބިލަތްދޫ ސްކޫލްގައި މަލްޓި ޕަރޕަސް ހޯލް ނުވަތަ އެކުވެނި ހޯލު ޢިމާރާތް ކުރުމަށް، އިނޯކާ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފިއެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ރިޔާޒެވެ. އަދި އިނޯކާ ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝަމީމްއެވެ.

މި މަސައްކަތް ކުރުމަށް އެ ކުންފުންޏާ ޙަވާލުކޮށްފައިވަނީ 300 ދުވަހުގެ ތެރޭ ނިންމާގޮތަށެވެ. އަދި މި މަސައްކަތަށް ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ޚަރަދުވެއެވެ.

މީގެ ިއތުރަށް މިއަދު ވަނީ އދ.އަތޮޅުގެ ސްކޫލްތަކުގައި ތިމާވެއްޓާ ރައްޓެހި ހަކަތަ ބޭނުންކުރުމުގެ މަޝްރޫޢުގެ ދަށުން އެ އަތޮޅު ކައުންސިލާއި އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި މަޝްރުޢައަކީ އދ.އަތޮޅުގައި ހުންނަ ސަރުކާރުގެ ސްކޫލްތަކުގެ ފުރާޅުގައި ސޯލަރޕެނަލް ހަރުކޮށް ސަރުކާރުން އެކުލަވާލާފައިވާ ފެހި ހަކަތައިގެ ސިޔާސަތު ތަންފީޒްކުރުމުގެގޮތުން އިޢާދަކުރަނިވި ހަކަތަ އެ އަތޮޅުގެ ސްކޫލްތަކަށް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. އަދި ތިމާވެށި ޙިމާޔަތްކުރުމާއެކު އެއަތޮޅު ކައުންސިލަށް ލިބޭ ޢާމްދަނީން ސްކޫލްތަކުގައި ހިންގާ އެކިއެކި މަޝްރޫޢުތަކާއި ސުކޫލްތައް އާބާތުރަފިލުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއެއްކަން ފާހަގަކުރެވެއެވެ.

އދ.އަތޮޅުގެ ސްކޫލްތަކުގައި ސޯލަރޕެނަލް ހަރުކުރުމުގެ މަޝްރޫޢެއް ކުރިއަށްގެންދިޔުމަށް ނިންމާފައިވާއިރު ދާދިފަހުން ވަނީ ބައެއް ސްކޫލްތަކުގައި ހުރި "އެޗް.ސީ.އެފް.ސީ 22" ގޭސް ބޭނުންކުރާ އެއަރކޮންޑިޝަންތައް އޯޒޯންފަށަލައަށް ގެއްލުންނުލިބޭ ފަދަ ގޭސް ބޭނުންކުރާ އެއަރކޮންޑިޝަންތަކަށް ބަދަލުކުރުމަށް، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ.