އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލާ ދުވަހާއި ހަމައަށް 18 އަހަރުފުރޭ ކޮންމެ ދިވެހި ރައްޔިތަކަށް އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ކޯވިޑް-19އާ ގުޅިގެން 2 ފަހަރެއްގެ މަތީން ފަސްކުރެވުނު އިންތިޚާބު އަންނަމަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ. އިންތިޚާބާއި ގުޅޭގޮތުން އެކި ފަރާތްތަކުން އުފައްދަވާ ސުވާލުތަކުގެ ތެރެއިން އެދުވަހަށް 18 އަހަރު ފުރޭ މީހުންނަށް ވޯޓުލުމުގެ ފުރުސަތު ނުލިބޭނެކަމަށް ބުނެ ދައްކަވާ ވާހަތަކަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވީ މިއީ ސުވާލުވެސް އުފެއްދޭ ވަރުގެ މައްސަލައެއް ނޫންކަމަށެވެ.
ޤާނޫނު އަސާސީން އިންތިޚާބުގައި ވޯޓު ލެވޭނެ އުމުރު ކަނޑައެޅިގެން ބަޔާންކޮށްފައި ވަނިކޮށް އިންތިޚާބުގައި 18 އަހަރު ފުރޭ މީހުންނަށް ވޯޓު ލުމުގެ ފުރުސަތު ނުދިނުމަކީ އޮތް އިޚްތިޔާރެއް ނޫންކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މިއިންތިޚާބުގައިވެސް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް އޭޕްރީލް 10 ވަނަ ދުވަހު 18 އަހަރު ފުރޭ އެންމެނަށް ވޯޓުލުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.
"ޤާނޫނީ ހަމަތަށް ކިރިޔާ ދަންނަ މީހަކަށްވެސް 10 އޭޕްރީލްއާއި ހަމަޔަށް 18 އަހަަރުފުރޭ އެންމެންނަށް ވޯޓު ލެވޭނެ. އެއީ އިހްތިޔާރެއްނޫން ވޯޓު އެކަމަށް ސުވާލު އުފައްދަން. ކޮންމެ ރައްޔިތަކަށް ޤާނޫނު އަސާސީން ލާޒިމް ކޮށްދޭކަމެއް. އެއީލ ކަޑައެޅިގެންމުތުލަގަށް ކަނޑައަޅަފައިވާ ކަމެއް." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އިންތިޚާބު އިންސާފުވެރިކަމާއިއެކު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރަމުންދާކަަމަށެވެ. އަދި ކޮމިޝަނުން އަމަލު ކުރަމުން ދަނީ ފަސްކުރެވުނު ކައުންސިލް އިންތިޚާބަށް ޚާއްސަކޮށްގެން މަޖިލީހުން ފާސްކުރި ޤާނޫނާއި އެއްގޮތަށް ކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ އަހަރަކަށް ފަސްވެގެންދިޔަ އިންތިޚާބުގެ މުއްދަތުގައި 18 އަހަރު ފުރޭ މީހުންނަށް ކުރިމަތިލުމުގެ ފުރުސަތު ނުދިނުމާއި ގުޅޭގޮތުންވެސް ބައެއް ފަރާތްތަކުން ސުވާލު އުފައްދާކަމަށެވެ.
ނަމަވެސް އެއީ ޤާނޫނީ ގޮތުން ސުވާލެއް އޮތް މައްސަލައެއްނަމަ އެކަން ކަނޑައެޅުމަށް ކޯޓަށް ވަޑައިގަތުމަށް ޝަރީފް ވަނީ ދަންނަވާފައެވެ. އޭނާ ވިދާޅުވީ އެއްވެސް އިންތިޚާބެއްގައި ކެންޑިޑޭޓުނަށް ފުރުސަތު ބަންދު ކުރުމަށްފަހު އިންތިޚާބު ބޭއްވުމުގެ ތާރީހާއި ދޭތެރޭގައި އަލުން ކެނޑިޑެންސީއަށް ހުޅުވާނުލާނެކަމަށެވެ.
ޝަރީފް ވިދާޅުވީ މިއިންތިޚާބުގެ އެންމެހައި ކަންކަން ކުރިއަށް ގެންދަނީ ޞިއްޚީ ގޮތުން ޚާއްސަ ހާލަތެއްގައި ކަމަށްވާއިރު، ޤާނޫނީ ގޮތުން ސުވާލު ނުކުރެވޭވަރަށް ކަންކަން ކަށަވަރު ކުރަމުންދާކަމަށެވެ. އަދި މިހާތަނަށް އިލެކްޝަނުން އަމަލުކޮށްފައިވާނީވެސް ގާނޫނުގައި ބުނާގޮތަށް ކަމަށް ޝަރީފް ވިދާޅުވިއެވެ.