ދުނިޔޭގެ ވިޔަފާރި

ސުއޭޒް ކެނަލް ބަންދުވުން : ބޯޓު ބީހުނީ ހަމައެކަނި މޫސުން ގޯސްވެގެނެއް ނޫން!


މިދިޔަ އަންގާރަދުވަހު ސުއޭޒް ކެނަލްއަށް ބޯޓެއް ބީހުމުގެ ހާދިސާ މެދުވެރިވީ ހަމައެކަނި މޫސުން ގޯސްވެގެންކަމަށް ބުނެވެން ނެތްކަމަށް އޮފިޝަލުން ވިދާޅުވެއްޖެއެވެ.

"އެވަރގިވަން" ނަމަކަށް ކިޔާ އާގުބޯޓެއް ސުއޭޒް ކެނަލްއަށް ބީހުމާއި ގުޅިގެން މިދިޔަ ހަފްތާގެ އަންގާރަދުވަހުން ފެށިގެން ކެނަލް ވަނީ ބަންދުވެފައެވެ.

ހޮނިހިރުދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ މައުލޫމާތު ދެއްވަމުން މިސްރުގެ ސުއޭޒް ކެނަލް އޮތޯރިޓީގެ ވެރިޔާ އުސާމާ ރަބީ ވިދާޅުވީ 400 މީޓަރުގެ ދިގުމިނުގެ އާގު ބޯޓު ބީހެން މެދުވެރިވި މައިގަނޑު ސަބަބަކީ މޫސުން ގޯސްވުންކަމަށް ބުނެވެން ނެތްކަމަށް މިހާތަނަށް ބެލި ބެލުމުން ފެންނަކަމަށެވެ. އުސާމާ ވިދާޅުވީ މި ހާދިސާ މެދުވެރިވުމުގައި ޓެކްނިކަލް މައްސަލަތަކެއް ނުވަތަ ހިއުމަން އެރާއެއް އުޅުމަކީ ގާތްކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަމާއި ބެހޭ ތަހުޤީޤީ ރިޕޯޓު އާއްމުވުމުން ހުރިހާ ކަމެއް ސާފުވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސުއޭޒް ކެނަލްއަށް ބީހިފައިވާ ބޯޓު ފުންކުރުމުގެ މަސައްކަތް ހުއްޓުމެއް ކުރިއަށްދާއިރު، ސުއޭޒް ކެނަލް އޮތޯރިޓީގެ ވެރިޔާ އުސާމާ ރަބީ ވިދާޅުވީ ހޮނިހިރުދުވަހާ ހަމައަށް ކުރެވުނު މަސައްކަތުން ބޯޓުގެ ކުރީކޮޅު ކޮންމެވެސް ވަރަކަށް ގުޑާލާފައިވާކަމަށެވެ. އަދި ބޯޓުގެ ދަށުން މިހާރު ފެން ދައުރުވަމުންދާކަމަށްވެސް އެނާ ވިދާޅުވިއެވެ. އެހެންކަމުން ވަރަށް އަވަހަށް ބޯޓު ފުންވެ، ކެނަލް ހުޅުވޭނެކަމަށް ބެލެވޭކަމަށް އޭނާ ވިދާޅުވިއެވެ.

މިސްރުގެ ސުއޭޒް ކެނަލް އޮތޯރިޓީން ބުނީ ހޮނިހިރުދުވަހާ ހަމައަށް 300 އަށްވުރެ ގިނަ އުޅަނދު ސުއޭޒް ކެނަލްއަށް ވަނުމަށް ކިޔޫގައި އެބައޮތްކަމަށެވެ.

މިސްރުގެ އޮފިޝަލުން ބުނާގޮތުން ސުއޭޒް ކެނަލް ބަންދުވުމާއި އެކެނަލްއިން ކޮންމެ ދުވަހަކު 12 މިލިއަން ޑޮލަރާއި 14 މިލިއަން ޑޮލަރާއި ދެމެދުގެ އާމްދަނީއެއް ގެއްލެމުންދާކަމަށެވެ.

މިދިޔަ އަންގާރަދުވަހު ހެނދުނުގެ ވަގުތެއްގައި ޓައިވާނުގެ "އެވަރގްރީން" ކުންފުނިން ލީސްކޮށްފައިވާ "އެވަރގިވަން" ނަމަކަށް ކިޔާ ކާގޯ ބޯޓު މިސްރުގެ ސުއޭސް ކެނަލްއަށް ބީހުނީ މޫސް ގޯސްވި ވަގުތެއްގައި، ބޯޓުން ކަރަންޓްވެސް ކެނޑިފައިވަނިކޮށެވެ. 2 ލައްކަ ޓަނުގެ މިބޯޓަކީ ރެޑްސީން ނެދަލެންޑްސްގެ ރޮޓަރޑަމްއަށް ދަތުރުކުރަމުންދިޔަ ބޯޓެކެވެ. މިބޯޓުގެ ދިގުމިނުގައި 400 މީޓަރު ހުންނައިރު، އެއީ ގާތްގަނޑަކަށް 4 ފުޓްބޯޅަ ދަނޑުގެ ދިގުމިނެވެ. އަދި މިއީ 20 ހާސް ކޮންޓެއިނަރ އުފުލުމުގެ ޤާބިލުކަން ލިބިފައިވާ ބޮޑު އުޅަނދެކެވެ. ޓައިވާނުގެ ކުންފުންޏަކަށް ނިސްބަތްވާ މި އުޅަނދު މިވަގުތު އޮތީ އެހެން ބަޔަކަށް ކުއްޔަށް ދީފައެވެ.

ބައިނަލްއަޤްވާމީ ވިޔާފާރީގައި މުހިއްމު ދައުރެއް އަދާކުރާ ސުއޭޒް ކެނަލްގެ ސަބަބުން އޭޝިޔާއާއި ޔޫރަޕާއި ދެމެދު ކުރާ ކަނޑުދަތުރުތަކުގެ ދިގުމިން ވަރަށް ބޮޑަށް ކުރުކޮށްދެއެވެ. ރަތް ކަނޑާއި މެޑިޓެރޭނިއަން ކަނޑު ގުޅުވައިދޭ 120 މޭލުގެ މި ކެނަލްއިން ދަތުރުކުރުމުން، ދަތުރުގެ ދިގުމިނުން 15 ދުވަސް މަދުވެގެންދެއެވެ. މި ކެނަލް ނެތްނަމަ ދުނިޔޭގެ އިރުމަތިން، ހުޅަނގު ޤައުމުތަކަށް ދަތުރުކުރާ ބޯޓުތަކަށް ޖެހޭނީ ދެކުނު އެޓްލާންޓިކް ކަނޑުން އެފްރިކާ ބައްރު ހުރަސްކުރުމަށްފަހު ޔޫރަޕަށް ދަތުރުކުރާށެވެ.

ސުއޭޒް ކެނަލްގެ ސަބަބުން ދަތުރުތަކުގެ ދިގުމިން ކުރުކޮށްދޭއިރު، އިންޓަނޭޝަނަލް މެރިޓައިމް ޓްރޭޑް ޓްރެވަލްގެ 10 އިންސައްތަ ދަތުރުކުރަނީ މި ކެނަލްއިންނެވެ. އެގޮތުން އެވްރެޖްކޮށް ދުވާލަކު ފަންސާކަށް ބޯޓު މި ކެނަލް ހުރަސްކުރެއެވެ. އަދި މިއީ މިސްރުގެ އިޤްތިޞާދަށްވެސް މަންފާތަކެއް ކުރާ ކެނަލްއެކެވެ. އެގޮތުން މިދިޔަ އަހަރުވެސް ކެނަލްއިން ލިބުނު އާމްދަނީ 5 ބިލިއަން ޑޮލަރަށް އަރައެވެ. ޚަބަރުތައް ބުނާގޮތުން ސުއޭޒް ކެނަލް ބަންދުވުމާއި ގުޅިގެން ކޮންމެ ދުވަހަކުވެސް ބައިނަލްއަޤްވާމީ ވިޔަފާރިއަށް 8 ބިލިއަން ޑޮލަރާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ ގެއްލުމެއް ކުރިމަތިވާނޭކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.